އީރާނުގެ އަސްކަރީ ތަމްރީނުތަކެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި 19 މީހުން މަރުވެ 15 މީހުން ޒަޚަމްވެއްޖެ

އީރާނުގެ ކަނޑުގެ ސިފައިންގެ ފްރިގޭޓް ޖަމަރާން

އީރާނުގެ ސިފައިން ގަލްފް އޮފް އޮމާންގައި ކުރިޔަށް ދިޔަ އަސްކަރީ ތަމްރީނުތަކެއްގައި މަނަވަރަކުން ފޮނުވާލި މިސައިލެއް އަމާޒުން ކައްސާލައި ކައިރީގައި އޮތް އުޅަނދަކަށް އެރުމުގެ ސަބަބުން ސިފައިންގެ 19 މީހުން މަރުވެ 15 މީހުން ޒަޚަމްވެއްޖެއެވެ.

"އާދީއްތަ ދުވަހު ހަވީރު، ޖަސްކް އަދި ޖާބަހަރް ކަނޑުގެ ސަރަހައްދުގައި، ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް ބައިވެރިވެގެން  ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި 'ކޮރަނަކް' ލައިޓް ސަޕޯޓު އުޅަނދުގައި ވަނީ ހާދިސާއެއް ހިނގާފައި. ހާދިސައިގެ ޝަހީދުވި މީހުން އަދަދަކީ 19. އަދި 15 މީހަކު ޒަޚަމްވެފައިވޭ." އީރާނު ސިފައިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޖަސްކް ބަނދަރަކީ ތެހެރާނުގެ އިރުދެކުނުން 1270 ކިލޯމީޓަރު ދުރުގައި ގަލްފް އޮފް އޮމާންގައި އޮންނަ ބަނދަރެކެވެ.

އީރާނު ޓީވީން ބުނި ގޮތުގައި މިސައިލް އެރި ލައިޓް ސަޕޯޓު އުޅަނދު ދިޔައީ މަނަވަރުން މިސައިލް ފޮނުވަންވީ އަމާޒުތައް ކަނޑުގައި އަޅަމުންނެވެ. އަދި މިކަމުގެ ތެރޭގައި އަމާޒަކާ މާ ކައިރީގައި މަޑުކޮށްގެން އޮތީއެވެ.

"ތަމްރީނުތަކުގެ ތެރޭގައި އީރާނުގެ ފްރިގޭޓް ޖަމަރާން އިން އޮޅުމަކުން ކޮނަރަކްއާ ދިމާއަށް މިސައިލެއް ފޮނުވާލެވުނީ." އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

މިސައިލް އެރި، 155 ފޫޓު ދިގު އުޅަނދަކީ ނެދަލޭންޑްސްގައި އުފައްދާފައިވާ އުޅަނދެކެވެ. 1988 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އެ އުޅަނދު އެންމެ ފަހުން މަރާމާތުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 40 ފަޅުވެރިން ތިއްބެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.