އައްޑޫ އީކުއެޓޯރިއަލް ހޮސޕިޓަލުން މާލެގެނައި މީހަކު ކޯވިޑަށް ޕޮޒިޓީވް ވުމާ ގުޅިގެން އޭނާއާ ސީދާ ދިމާވި މީހުން ހޯދުމުގެ ތެރެއިން މިހާތަނަށް 26 މީހަކު ފެނި އެމީހުން އެކަހެރި ކޮށްފިއެވެ. އީކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވި ބަލިމީހާއަށް ހޮސްޕިޓަލުގެ އެކި ވޯޑުތަކުގައި ފަރުވާ ދެވެފައިވެއެވެ. އޭނާއާ ސީދާ ދިމާވި މީހުންގެ ތެރޭގައި އެޓެންޑެންޓުންނާއި ނަރުހުންނާއި، ޑޮކްޓަރުންނާއި މޯލްޑިވިއަންގެ މުއައްޒަފުން ހިމެނޭކަމަށް ސާދާތު ވިދާޅުވިއެވެ. އެގޮތުން ބަލި މީހާއާ ސީދާ ދިމާވީ 10 ނަރުހުންނާއި، 7 ޑޮކްޓަރަކު އަދި އާއިލާގެ 7 ވަރަކަށް މީހުން މިވަގުތު އެކަހެރިކުރެވިފައި ވާކަމަށް ސާދާތު ވިދާޅުވިއެވެ.
އެކަހެރި ކުރެވުނު ޑޮކްޓަރުންގެ ތެރެއިން ތިން ޑޮކްޓަރަކު ތިބީ ހޮސްޕިޓަލުން ބޭތިއްބި ތަނެއްގައެވެ. ނަރުހުން ތިބީ ހޮސްޕިޓަލުގައި ހަދަފައި ހުރި ތަނެއްގައެވެ. ބައެއް ޑޮކްޓަރުންނަކީ އަމިއްލަ އެކަމޮޑޭޝަންގައި އުޅޭ މީހުން ކަމަށްވާތީ އެމީހުން ތިބީ އެތަންތަނުގައެވެ. ބަލިމީހާގެ އާއިލާ މީހުންގެ ތެރެއިން އޭނާއާ ސިީޑާ ދިމާވި މީހުން ތިބީ ގޭގައެވެ. އެގެ ވަނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އެކަހެރިކުރެވުނު 26 މީހުންނާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް މިޙާރު ކުރިއަށް އެބަދެއެވެ. އަދި ބަލިމީހާ އާ ނުވަތަ ކޮންޓެކްޓަކާ ދިމާވި މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެކަން އައްޑީ އެމަޖެންސީ ސެންޓަރަށް އެނގުމަށް މޭޔަރ ޢަބްދުﷲ ޞާދިގު އެދިވަޑައިގެންެވިއެވެ.
ޝަރަފު ސާދާތު ވިދާޅުވީ ބަލިމީހާ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔައީ ހިތުގެ މައްސަލައެއްގައި ކަމަށެވެ. އަދި ބަލިމީހާގެ ފަރާތުންް ކޯވިޑް އަލާމާތެއް ނުފެންނަ ކަމަށް ސާދާތު ވިދާޅުވިއެވެ. ބަލިމީހާ މާލެ ފޮނުވާލަން ޖެހުނީ އައިޖީއެމްއެޗުގެ އިރުޝާދުގެ ދަށުން އީކުއެޓޯރިއަލް ހޮސްޕިޓަލުން ނެހެދޭ ޓެސްޓެއް ހެދުމަށް ކަމަށެވެ.