ދެވޭ އެންމެ ލޭތިއްކަކީ ވެސް ޞަދަޤާތެއް!

ތެލެސީމިއާ ކުއްޖެއްގެ ބެލެނިވެރިއެއްގެ ތަޖްރިބާ!

މިއަދަކީ ބައިނަލް އަޤްވާމީ ތެލެސީމިއާ ދުވަހެވެ. މިދުވަހުގެ ހެޔޮ އެދުންތައް ލޮބުވެތި ތެލެސީމިއާ ކުދިންނާއި އެކުންދިންގެ އާއިލާތަކަށް އަރިސް ކުރަމެވެ. އަދި އެކުދިންނަށް ފަސް ޖެހުމެއް ނެތި ލޭދެއްވާ އެންމެހާ ބޭފުޅުނާއި ވަރުބަލިކަމެއް ނެތި އެކުދިންނަށް ޚިދުމަތްދެއްވާ ޑޮކްޓަރުންނާއި ނަރުހުންނަށް އަރިސް ކުރަމެވެ.

ރާއްޖެއަކީ ނިސްބަތުން ތެލެސީމިއާ ކުދިން ގިނަޤައުމެވެ. ހަމަ އެހެންމެ ތެލެސީމީއާ ބައްޔަށް ވާރުތަވާ މީހުން ނުވަތަ ތެލެސީމިއާ ކެރިއަރުންގެ ނިސްބަތްވެސް އިންތިހާ އަށް ގިނަ ޤައުމެކެވެ.

ތެލެސޭމިއާ ކުދިންނަކީ ވެސް އެކުދިން އެންމެ ތުއްތު އިރުންފެށިގެން ރަނގަޅަށް ފަރުވާދީ ބެލެހެއްޓިއްޖެނަމަ އެހެން ކުދިންނާ، ފެންނަފެނުމަށް ވެސް ތަފާތު ތަކެއް ބޭރުފުށުން ފެންނަ ކުދިންނެއްނޫނެވެ. އެފަދަ ކިތަންމެ ކުދިންނެއް މިހާރުވެސް މުޖްތަމަޢުގައި ތަފާތު ޒިންމާދާރު ވަޒީފާތަކުގައި ޙަރަކާތްތެރި ވަމުން ވެސް އެބަ ދެއެވެ. އެފަދަ ގިނަ ކުދިންނަކީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ ކުދިންނެވެ. ދިރިއުޅުން ފަށައި މައިންބަފައިންގެ ޒިންމާ އުފުލަމުންދާ ތެލަސީމާކުދިން ވެސް އުޅެމުން އެބަދެއެވެ. އެންމެ އެކީގައި އުޅޭ ރަޙްމަތްތެރިންނަށް ވެސް އެފަދަ ކުދިންނަކީ ތެލެސީމިއާ ކުދިންކަމެއް ނޭނގެއެވެ. އެފަދަ ބައެއް ކުދިންނަކީ އެކުދިންނަކީ ތެލެސީމީއާ ކުދިންކަން އެހެން މީހުންނަށް އަންގަން ބޭނުންވާ ކުދިންނެއް ނޫނެވެ.

ޢުމުރުން 24 އަހަރުގެ ޒުވާން ތެލަސީމިއާ ކުއްޖެއްގެ ބެލެނިވެރިއަކު، އޭނާ ގެ ތަޖްރިބާ އާފަތިސް އޮންލައިންނާ ޙިއްސާކުރިއެވެ.  އޭނާގެ ދަރިފުޅަށް ލޭ އަޅަންޖެހޭ ކަން އެނގުނީ ދަރިފުޅުގެ ޢުމުރުން ހަތަރު މަހުގައެވެ. ނަމަވެސް މާޔޫސް ކަމެއް ނެތި 24 އަހަރު އެދަރިފުޅު ބެލުމުގައި މަންމަ އާއި ބައްޕަ އެވަނީ އެފަދަ އެހެން ބެލެނިވެރިންނަށް ނަމޫނާ ދައްކައިފައެވެ. އެދަރިފުޅު ފެނުމުން އެއީ ލޭއަޅާ ކުއްޖެއް ކަމެއް އެކަކަށް ވެސް ނޭގޭނެއެވެ. އާދައިގެ ފުރިހަމަ ޞިއްޙަތެއްގައި އުޅޭ ޒުވާނުންނާ މިޒުވާން ޖިސްމާނީ ދޮޅަހެޔޮކަމާއި ނަފާސާނީ  ދުޅަ ހެޔޮކަމުގައި ތަފާތެއް ނެތެވެ. އެންމެ ކުޑައިރުންފެށިގެން ކިޔެވުގައިވެސް އިތުރު ޙަރަކާތްތަކުގައި ވެސް އެހެން ކުދިންނެކޭ އެއްގޮތަށް ބައިވެރި މޮޅެތި ކާމިޔާބީ ތަކެއް ވަނީ ހޯދައިފައެވެ. ސްކޫލު ނިންމާ ލީ ޓޮޕް 10 ގައި ހިމެނި ރައީސުލް ޖުމްހޫރިއްޔާގެ ސްކްލޯރ ޝިޕް ހޯދައިގެންނެވެ. އިނގިރޭސި ވިލާތުގައި އޭވިއޭޝަން ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށް މިހާރުޢަމަލީ ގޮތުން އެދާއިރާގައި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އެއީ ތެލެ ސީމިއާ ކުއްޖެއް ކަމެއް ނޭނގެއެވެ.

"ދަރިފުޅު ބޭނުމެއް ނުވާނެ އެއްވެސް މީހަކަށް އޭނާ އަކީ ތެލެސީމިއާ ކުއްޖެއްކަން އެނގޭކަށް. އެންމެ ކުޑައިރުން ފެށިގެންވެސް. ބޭރުގައި ކިޔަވަން އުޅުނު އިރުވެސް އެންމެ އެކީގައި އުޅުނު ކުއްޖާއަކަށް ވެސް ނޭނގޭ. އޮފީހުގައިވެސް ވެރިންނަށް އެކަނި އެނގޭނީ. އެކީގައި އުޅޭ އެއްވެސް ކުއްޖަކަށް ނޭނގޭނެ. ސްކޫލުގައި އުޅުނު އިރުވެސް ކުދިން ރައީސްގެ އިނާމު ހޯދާތީ އޭނާ ބެނުންވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުގައި އޮންނަނީ ކޯއްޗެއްތޯ ބަލަން. އެއަޒުމުގައި މަސައްކަތް ކޮށް ސްކޫލު ނިންމާލީ ޓޮޕް ޓެންގައި ހިމެނި ރައީސް ސްކޯލަރޝިޕް ހޯދައިގެން،" ޢުމުރުން 24 އަހަރުގެ ތެލެސީމިއާ ކުއްޖާގެ ބައްޕަ  އާފަތިހަށް ކިޔައި ދިނެވެ.

ތެލެސިމީއާ ކުދިންނަކީ ވެސް އެންމެ ތުއްތު އިރުން ފެށިގެންވެސް  އެކުދިންނަށް ދޭންޖެހޭ އަޅާލުމާއި ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކުއްޖާ ގެންގުޅޭނަމަ އާދާއިގެ ކުދިންނެކޭ ތަފާތު ތަކެއް އުފެދުމުގައިވެސް ދިމާވާނެ ކުދިންންނެއް ނޫނެވެ. ޢުމުރުން 24 އަހަރުގެ މިޒުވާނާއަކީ އެންމެ ކުޑައިރުންފެށިގެންވެސް ކެއުމާއި އުޅުމުގައި ވަކި އުޞޫލުތަކަކަށް ބެލެނިވެރިން ކަންކަން ކޮށްފައިވާތީ އެކަން ކަށީގައި ހިފައި މިހާރުވެސް އެރަނގަޅު އާދާތަކުގައި ސާބިތުވެ ހުރި ޒުވާނެކެވެ. ކާންޖެހޭ ބޭހެއް ކެއުމަށްފަހު ހަމަކުރަންޖެހޭ ގަޑި ހަމަ ނުކޮށް މިހާރަކުވެސް ނުކާނެއެވެ.

ޑެސްފަރޯލަކީ ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި ދަނގަޅުގެ ބައި އތުރުވިޔަ ނުދިނުމަށް ދޭންޖެހޭ އިންޖެކްޝަނެކެވެ. އެ އިންޖެކްޝަނަކީ ބައެއް ކުދިންނަށް 24 ގަޑީއިރު ތެރޭގައި އެއްފަހަރު ދޭންޖެހޭ އެއްޗެކެވެ. ތެލެސީމީއާގެ ކުދިންނަށް އެންމް ބޮޑު އުދަނގުލެއް ތަޙައްމަލު ކުރަންޖެހޭ އެއްފަރުވާ އަކީ ވެސް އެއީ އެވެ. ޑެސްފަރޯލް ގުޅައިގެން އަށް ގަޑީއިރު ހުންނަން ޖެހުމެވެ. ނަމަވެސް ޑެސްފަރޯލްގެ ބަދަލުގައި ބޭނުން ކުރާނެ ބޭހެއް އުފައްދައިފައިވުމުން ޑެސްފަރޯލްގެ ބަދަލުގައި ބޭސް ބޭނުން ކުރެވެއެވެ. މިޒުވާނާވެސް ޑެސްފަރޯލްގެ ބަދަލުގައި ބޭސް ބޭނުން ކުރަމުން އަންނަތާ ވަނީ އަށް އަހަރު ވެފައެވެ. ޒުވާނާގެބައްޕަ ކިޔައިދިން ގޮތުގައި ޑެސްފަރޯލް ގުޅިއިރުވެސް އެކަމަށް އެޒުވާނާ ވަރަށް އިސްކަންދޭނެއެވެ. ގަވާއިދުން ޑެސްފަރޯލް ގުޅަން ހަދާންވެސް ކޮށްދޭނެއެވެ. ޑެސްފަރޯލް ފުޅި ހުސްވަންދެން ނުވެސް ނިދާނެއެވެ.

މިޒުވާނާގެ ލެޔަކީ އޯ ޕޮޒިޓިވް ލެޔެއެވެ. ރާއްޖޭގައި އާއްމު ލެޔެއް ކަމަކު އެގްރޫޕުގެ ކުދިން ގިނަވުމަކީ އާއްމު ލެޔަކަށް ވިޔަސް ހޯދުމުގައި ގޮންޖެހުންތައް ހުންނާނެ ލެޔެކެވެ. ނަމަވެސް މިދިޔަ 24 އަހަރު ތެރޭގައި އެންމެ ފަހަރަކުވެސް ލޭ އަޅަންޖެހޭ ދުވަހަށް ލޭ ނޭޅި ފަސްވެފައި ނުވާނެކަން ވަރަށް ހިތްހަމަ ޖެހުމާއެކު ޒުވާނާގެ ބައްޕަ ފާހަގަ ކުރިއެވެ. ހަމައެކަނި އެ ދަރިފުޅަށް ލޭ ދޭން ބަޔަކު ނުތިބެއެވެ. ނަމަވެސް ލޭ ލިބުން ދަތިވާ ޙާލެއްގައި ލެހޯދުމަށް ގުޅާނެ މިހުންގެ ލިސްޓެއް މިޒުވާނެ ބެލެނިވެރިން ވެސް ގެންގުޅެއެވެ. އެގޮތަށް ގުޅާލާ ފަހަރު އެހެން ކުއްޖަކަށް ލޭ ނުދީ ހުރެއްޖެނަމަ އެމީހުންވެސް ފަސް ޖެހުމެއްނެތި ލޭ ދޭކަމަށް ޒުވާނާގެ ބައްޕަ ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ. މި ޒުވާނާގެ ގަޔަށް އާއްމުކޮށް ލޭ އަޅަނީ ބްލަޑް ބޭންކުންނެވެ. މިޒުވާނާގެ ގަޔަށް ލޭއަޅަންޖެހެނީ ކޮންމެ ތިން ހަފްތާއިން އެއް ފަހަރުއެވެ.

މިހާރު މިއޮތް ލޮކްޑައުންގައި ވެސް ޒުވާނާގެ ގަޔަށް ވަނީ ލޭ އަޅާފައެވެ. ލޭ ހޯދުމަށް ބްލަޑް ބޭންކުން ވަރަށް މަސައްކަތް ކޮށް ހުންނަނީ ލޭ ހޯދައިފައިކަން ޒުވާނާގެ  ބައްޕަ ފާހަގަ ކުރިއެވެ. ބްލަޑް ބޭންކާއި ޑޮކްޓަރުންނާއި ނަރުހުން ލޭ އަޅާ ކުދިނަށް ދެމުންދާ އަގުނުކުރެވޭނެ ޚިދުމަތެއްކަން ޒުވާނާގެ ބައްޕަ ފާހަގަ ކުރަނީ ޝުކުރުން ފުރިފައިވާ ހިތަކުންނެވެ.

ތެލަސީމިއާއަށް ވެސް ދެވޭ އެންމެ ޔަޤީން ފަރުވާ އަކީ ބޯން މެރޯ ޓްރާންސް ޕަލާންޓް ހެދުމެވެ. ރާއްޖޭގައި ވެސް ވަރަށް ގިނަ ކުދިނަށް އެފަރުވާ ދެވި ވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް އެފަރުވާ އަކީ ޚަރަދުގެ ގޮތުންވެސް ބޮޑު ރިސްކްގެ ގޮތުންވެސް ބޮޑު ފަރުވާއެކެވެ. ރިސްކު ބޮޑުވަނީ ފަރުވާއަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ވަކި ގޮތަކަށް ކުއްޖާ ގެންޅެންޖެހޭތީއެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ތެލެސީމީއާ ކުއްޖަކަށް ވުމުން އުފުލަންޖެހޭ ތަކްލީފް ތަކެއް އުފުލާ ކަށް ނުޖެހޭނެއެވެ. އެހެންކަމުން މިޒުވާނާގެ އާއިލާއިންވެސް ދަރިފުޅު ބޯންމެރޯ ހެދުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ކުއްޖާގެ ނަޞީބުކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އާއިލާގައި އެކުއްޖާއާ މެޗްވާ ޑޯނަރެއް ނެތެވެ. މިޒުވާނާގެ އާއިލާގެ އިތުރު ދެކުދިން ތިބެއެވެ. އެކުދިންނަކަށް ލޭއަޅާކަށް ނުޖެހެވެ. މިޒުވާނާއަކި ހުރިހާ ކަމެއްގައި ވެސް އާދައިގެ އެހެން ޒުވާނުންނޭ އެއްގޮތަށް އުޅެވޭ، ޞިއްހީ އެހެން މައްސްލަތަކެއް ހުރި ކުއްޖަކަށް ނުވާތީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޑޮކްޓަރުންވެސް ދެއްވަނީ އެއް ލަފައެކެވެ. ކުރައްވަނި އެއް ސުވާލެކެވެ. އެ ޒުވާނާގެ ބޯން މެރޯ ހައްދަނީ ކީއްކުރަން ހެއްޔެވެ؟ އެހެން މީހުންނެކޭ އެއްގޮތަށް ވެސް ދަރިފުޅަށް އެޅެވޭނޫން ހެއްޔެވެ؟ އެހެން ކަމުން ޑޮކްޓަރުންގެ ލަފަޔަކީ ބޯންމެރޯ ނުހެއްދުމެވެ.

ލޭ އަޅަން ޖެހުމަކީ ނުވަތަ ތެލެސީމިއާ ކުއްޖަކަށް ވުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫނެވެ. މި ޒުވާނާގެ މައިންބަފައިން ފަދައިން ކުއްޖާއަށް ސާބިތުކަން ދޭންވީއެވެ. ހިތްވަރު ދޭންވީ އެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ކުއްޖާ އެންމެ ކުޑައިރުންފެށިގެން ބަލަހަށްޓަންވީއެވެ. ބަލިކުއްޖެއްކަމަށް ވިސްނަދީ ކުއްޖާގެ އުއްމީދުތަކަށް ހުރަސް ނާޅަންވީއެވެ. އޭރުން ހަމައެކަނި ތަފާތަކަށް އޮންނާނީ ލޭއަޅަން ޖެހުމެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.