އިންޑިޔާގައި ރޭލެއްގެ ދަށުވެ 16 މީހަކު މަރުވެއްޖެ

މަރުވި މީހުންނަކީ ފައިމަގުގައި ރަށަށް ކުރި ދަތުރުމަތީގައި ވަރުބަލިވެގެން ރޭލުދަގަނޑު މަތީގައި އޮށޯވެގެން ތިބި މީހުން

ރޭ ފަތިހު ހާދިސާ ހިނގި ސަރަހައްދު

އިންޑިޔާގެ މަހާރާޝްޓްރަ ސްޓޭޓުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މުދާ އުފުލާ ރޭލެއްގެ ދަށުވެ 16 މީހުން މަރުވެެއްޖެެއެވެ. އައުރަންގް އާބާދު ޑިސްޓްރިކްޓްގެ ޖަލްނާއާއީ އައުރަންގްް އާބާދާއި ދެމެދުގައި ހިނގި މިހާދިސާގެ ރޭލުގެ ދަށުވެފައި ވަނީ ކޮވިޑް- 19 އާއި ގުޅިގެން ވަޒީފާ ގެއްލުމުގެ ސަބަބުން އުފަން ރަށަށް އެނބުރިދާން ދަތުރުކުރި ބަޔެެކެވެ. މިދުވަަސްވަރު އިންޑިޔާގެ އާއްމު ދަތުރުފަތުރުގެ ނިޒާމު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން، އާދައިގެ މަސައްކަތްތެރިންގެ ގިނަ ބަޔަކު ދަނީ ފައިމަގުގައި ވަޒަން އެނބުރި ދިއުމުގެ ދަތުރުކުރަމުންނެވެ.

ކޮވިޑް- 19 ގެ ލޮކްޑައުންގެ ސަބަބުން ވަޒީފާގެއްލިފައިވާ އެތައް ހާސް ބަޔަކު ދަނީ އިންޑިޔާގެ އެކިކަންކޮޅުތަކުގައިވާ އެބައިމީހުންގެ އަަވަށްތަކަށް ދިއުމަށް ފައިމަގުގައި ހިނގާފައި ދަތުރުކުރަމުންނެވެ.

އިންޑިޔާގެ ބައެއްް ނޫސްތަކަށް މައުލޫމާތުދެއްވަމުން ރޭލްވޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރޭ ފަތިހު 5:22 ހާއިރު އެމީހުންގެ ގަޔަށް ރޭލު އެރީ، ރޭލްވޭ ކައިރިން ހިނގަމުންގޮސް ވަރުބަލި ފިލުވަން ރޭލު ދަނގަޑުމަތީ ޖައްސާލިތަނާ އެމީހުން ވަރުބަލި ވެފައި ތިބިވަރުން ގަދަނޑު މަތީގައި ނިދިފައި ތިއްބައެެވެ. އޭރު އެމީހުން ވަނީ އެތައް ކިލޯމީޓަރަކަށް ފައިމަގުގައި ދަތުރުކޮށްފައެވެ.

ރޭލްވޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެއެންމެންނަކީވެސް މަދްޔަ ޕްރަދޭޝް ސްޓޭޓްގެ އުމާރިޔާއާއި ޝާހްދޯލްއަށް ދަތުރުކުރަމުން ދިޔަ ބައެކެވެ. އެއީ ގާތްގަނޑަކަށް 850 ކިލޯމީޓަރުގެ ރާސްތާއެވެ. އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި އެމީހުންގެ ދަތުރުގެ ފުރަތަމަ ފިޔަވަހީގައި ދަތުރުފެށީ ޖަލްނާއިންނެވެ. އެއީ އެރަށާ 157 ކިލޯމީޓަރު ދުރުގައި އޮތް ބުސަވާލް (މާހާރާޝްޓްރަ ސްޓޭޓް) އަށް ދިއުމަށެވެ. ބުރާސްފަތި ދުވަހުގެރޭ 7 ޖެހިއިރު ދަތުރުފެށި މީހުން 36 ކިލޯމީޓަރަށް ހިނގުމަށް ފަހު ވަރުބަލިފިލުވަން ރޭލު ދަގަނޑު މަތީގައި ޖައްސާލުމުން ގަދަޔަށް ނިދުނީއެވެ.

ފަތިހު 5:22 ގައި ރޭލު އެހިސާބާ އަރާހަަމަވިއިރު، ދަގަނޑު މަތީގައި ތިބި މީހުން ފެނިގެން ޑްްރައިވަރު ރޭލު މަޑުކުރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެމީހުންގެ ގަޔަށް އެރުމުގެ ކުރިން ރޭލު މަޑުނުވިއެވެ. މިހާދިސާގައި 3 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައި ވާއިރު، އެމީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެެވެ.

ނޫސްތަކަށް މައުލޫމާތުދެއްވި އޮފިޝަލް ވިދާޅުވިގޮތުގައި، މަސައްކަތްތެރިން ހީކުރީ މިދުވަސްވަރު މީހުން ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތުމުން ރޭލުތައްވެސް ދަތުރުނުކުރާނެ ކަމަށެވެ.

މަހާރާޝްޓްރަ ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 5 ލައްކަ ރުޕީސް (6600 އެމެރިކާ ޑޮލަރު) ދޭން، އަދި ޒަޚަމްވި މީހުންގެ ބޭސްފަރުވާގެ ޚަރަދުދޭން ނިންމައިފައެވެ.

އިންޑިޔާއަކީ ރޭލުގެ ހާދިސާތަކުގައި އެންމެ ގިނައިން މީހުން މަރުވާ އެެއް ގައުމެވެ. ދާދި ފަހުން ސަރުކާރުން ނެރުނު ރިޕޯޓަކުން ދައްކާގޮތުގައި އިންޑިޔާގައި ރޭލުގެ ހާދިސާތަކުގައި އަހަރަކު އެވްރެޖްކޮށް 15 ހާސް މީހުން މަރުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.