ޝައިޚް ޙުސައިން ޔޫސުފު: ބ. އަތޮޅުގައި ދީނީ ތަޢުލީމުގެ އޮށް އިންދަވައިދެއްވި  އަގުހުރި ދަރިއެއް

Photo: raajje.mv

ބ. ހިތާދޫ އަށް އުފަން ޝައިހް ހުސައިން ޔޫސުފް އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އިންޑިޔާގެ ބެންގަލޫރުގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 78 އެވެ.

ޝައިޚް ހުސެން ޔޫސުފަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިނާއި އެމެރިކާއަށް ރާއްޖެއިން ކަޑައަޅައިފައިވާ ސަފީރު ތިލްމީޒާ ޙުޞައިންގެ ބައްޕާފުޅެވެ. ޝެއިޚް ހުސެއިން ޔޫސުފް އަވަހާރަވީ އިރު ދުނިޔޭގައި އަނބިކަނބަލަކާއި ހަތް ބޭފުޅުންނާއި 16 ކާފަ ބޭފުޅުންނާއި 4 މުނިކާފަ ބޭފުޅުން އެބަތިއްބެވި އެވެ.  

ޝައިޚް ޙުޞައިން ޔޫސުފުގެ އުފަން ރަށް ބ. އަތޮޅު ހިތާދޫއަކީ ނިސްބަތުން ދީނީ ޢިލްމުވެރިން ގިނަ ރަށެކެވެ. އެއަތޮޅުގައި ޚާއްޞަކޮށް ހިތާދޫގައި ދިނީޢިލްމުގެ އޮށް އިންދަވައި ދެއްވީ ބޭފުޅަކީ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޝައިޚް ޙުޞައިން ޔޫސުފެވެ. ބ. އަތޮޅުގެ ގިނަ ދަރިންތަކަކަށް ދީނީ ތައުލީމު ދެއްވުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފޮނުއްވިއެވެ.  އުފަން ރަށް ހިތާދޫގައި އޭނާގެ އަމިއްލަފުޅު ޚަރަދުގައި ގިނަ ދުވަސް ތަކެއް ވަންދެން މަދަރުސާއެއްވެސް ހިނqގެވިއެވެ. ހަމަ އެހެންމެ މާލޭގައި ވެސް އަމިއްލަ މަދަރުސާއެއް ހިންގަވައި ދީނީ ތަޢުލީމަށް ދިވެހި ދަރިންގެ ހިތުގައި ލޯބި ޖެއްސެވިއެވެ. 

މަދީނާއިން ދީނީ ތަޢުލީމު ކުރެއްވީ  ޝައިޚް ޙުޞައިން ޔޫސުފަކީ ޝަރުޢީ ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން އަގުހުރި މަސައްކަތްޕުޅު ތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ވެސް އޭނާ ހިމެނި ވަޑައިގަންނަވައެވެ. ދަށު ކޯޓްތަކުގައި އެކި ފަހަރުމަތީން ފަނޑިޔާރުކަން ކުރެއްވިއެވެ. މީގެ އިތުރުން ޖަސްޓިސް މިނިސްޓްރީ އުފެއްދެވުމަށް ފަހު އެމިނިސްޓްރީގެ އިސްމަޤާމުތަކެއްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވިއެވެ. ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޝައިޚް ޙުޞައިން ޔޫސުފު މަސައްކަތް ކުރެއްވިއެވެ.  

ރާއްޖެއަށް އިޞްލާޙީ މަސައްކަތްތަކުގައި ވެސް ޝައިޙް ޔޫސުފް ޙުޞައިންގެ ޙިއްސާ ވެއެވެ. ދިވެހި ދައުލަތަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައި ޝައިޚް ޙުޞައިން ޔޫސުފު ގިނަ ބަޔަކު ސިފަކުރައްވައެވެ.  ޝައިޚް ޙުޞައިން ޔޫސުފު ވަނީ އެތައްބައެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދަވައިފައެވެ.  ބ. އަތޮޅުގެ އިތުރުން މުޅި ޤައުމަށް ވެސް ގެއްލިގެން ދިޔައީ އަގުހުރި ދަރިއެކެވެ. ނަމަވެސް އޭނާ އިންދެވި ތަޢުލީމީ އޮށުން ފަޅައިފައިވާ ގަސްތަކުގެ މޭވާ  އަބަދުމެ ލިބެމުންދާނެކަމީ ޝައްކެެތް އޮތް ކަމެއް ނޫނެވެ. 

އެމަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.