އިންޑިޔާގެ ކެމިކަލް ޕްލާންޓަކުން ގޭސް ލީކުވެ 6 މީހުން މަރުވެ، ހާހަކަށްވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހިއްޖެ

އިންޑިޔާ އިރުމަތީ ސްޓޭޓެއް ކަމުގައިވާ އާންދްރާ ޕްރަދޭޝްގެ ވިޝާކާޕަޓްނަމް ކައިރީގައި ހުންނަ ކެމިކަލް ފެކްޓަރީން ވިހަ ގޭސް ލީކުވުމުގެ ސަބަބުން 6 މީހުން މަރުވެ، ހާހަކަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިއްޖެއެވެ.

ސިނާއީ ރަށެއް ކަމުގައިވާ ވިސާކާޕަޓްނަމް ކައިރީގައި އޮންނަ ގޯޕާލާޕޫރަމްގައި ހުންނަ އެލް ޕޮލީމާސް އިންޑިޔާ ފެކްޓަރީގެ 5000 ޓަނުގެ ދެ ޓޭންކުން ގޭސް ލީކުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް- 19 ގެ ލޮކްޑައުންގެ ސަބަބުން މީހުން މަސައްކަތަށް ނުނުކުންނާތީ ޓޭންކްތައް މަރާމާތުކޮށް ބެލެހެއްޓުން ވަނީ ގަވާއިދުން ކުރިއަށް ނުގެންދެވިފައެވެ.

ވިހަ ގޭހުގެ އަސަރުކޮށްގެން ބޮޑެތި މީހުންނާއި، ކުޑަކުދިން މަގުމައްޗަށް ވެއްޓިފައިވާ ތަން  އިންޑިޔާގެ ބައެއް ޓީވީ ޗެނަލްތަކުން ދުރަށް ދެއްކި މަންޒަރުތަކުން ފެނެއެވެ. ހޭނެތިފައިވާ، އަދި ނޭވާލާން އުނދަގުވެފައިވާ އެތައް ސަތޭކަ ބަޔަކު ވަނީ ވިސާކާޕަޓްނަމްގެ ކިންގް ޖޯޖް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ވިހަ ގޭހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށާއި، ކުޑަކުދިންނަށެވެ.

ވިސާކާޕަޓްނަމް ޑިސްޓްރިކްޓްގެ ހޮސްޕިޓަލްތަކުގެ ކޯޑިނޭޓަރު ބީކޭ ނައިކް ވިދާޅުވި ގޮތުގައި 1000 ވުރެ ގިނަ މީހުންނަށް ދަނީ އެރަށުގެ ތަފާތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. އަދި ގެތަކުގައި އެތައް ބަޔަކު ހޭނެތިފައި ތިބެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަނެއް ކަމަކީ، މިއީ ފަތިހުގެ ވަގުތު. (ގޭސް ލީކްވީ  ވަގުތު) ގޭގައި އެތައް ބަޔަކު ނިދާފައި ތިއްބައި ހޭނެތިފައި ތިބުން އެކަށީގެންވޭ." ނައިކް ވިދާޅުވިއެވެ.

"ކަމާބެހޭ ފަރާތްތަކުން ދަނީ (ގެތައް) ޗެކްކުރަމުން. އަހަރުމެން މިދަނީ މީހުން ހޮސްޕިޓަލްތައް ގެންދަން މަސައްކަތްކުރަމުން. އެމީހުންނަށް އޮކްސިޖަނާއި، ތާޒާ ވައި ބޭނުންވޭ." އޭނާ އިތުރަށް ވިދާޅުވިއެވެ. ގޭހުގެ އަސަރު ވައިގެ ތެރޭގައި ހުރިކަން މީހުންނަށް އެނގެން ފެށީ ގާތްގަނޑަކަށް ދަންވަރު 3:30 ގައި ކަމަށް ވެއެވެ.

ކިންގް ޖޯޖް ހޮސްޕިޓަލުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއް އެނެދެއްގައި ދެތިން މީހުންވެސް ބައިތިއްބާފައި ތިއްބެވެ. ބައެއް މީހުން ތިބީ ގަމީހެއް، ފައިވާނެއް ނެތި ހަމައެކަނި ސޯޓު ލައިގެންނެވެ.

ވިސާކާޕަޓްނަމްއާއި އެރަށުގެ ވަށައިގެންވާ އަވަށްތަކުގައި 5 މިލިއަން މީހުން ދިރިއުޅެއެވެ.

ޓައިމްސް އޮފް އިންޑިޔާ ނޫހުން ބުނެފައިވާ ގޮތުގައި ގޭސް ލީކުވުމުގެ ސަބަބުން 8 މީހުން މަރުވެ 5000 މީހުންނަށް ފަރުވާދީފައި ވެއެވެ.

މަދްޔަ ޕްރަދޭޝްގެ ބޯޕާލްގައި ހުރި ޔުނިއަން ކާބައިޑްގެ ޕްލާންޓަކުން ވިހަ ގޭސް ބޭރުވެ 3500 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.