ދައުލަތަށް މާލީ ބުރައެއް އުފަލަން ޖެހޭތީވެ އިދިކޮޅުން ހުށަހެޅި ކޯވިޑް 19 ގެ އެހީތެރިކަމުގެ ބިލް ކުރިއަކަށް ނުގެންދެވުނެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުޙައްމަދު ސަޢީދެވެ.
ބިލް ހުށަހަޅައިފައިވާ ކަމަށް އިޢުލާން ކުރައްވަމުން މިއަދުގެ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވީ ބިލްގެ ބައެއް މާއްދާތައް ހުރި ގޮތުން ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭނެކަމަށެވެ. ޤަވާޢިދުގައިވާގޮތުން ދައުލަތަށް މާލީ ބުރައެއް އުފުލަންޖެހޭ ގޮތަށް މެމްބަރުންނަށް ބިލެއް ހުށައެއް ނޭޅޭނެއެވެ. އެހެންކަމުން އެބިލްގެ އެގޮތަށް ހުރި ބައިތައް އުޞްލާޙު ކޮށް މަޖިލީހަށް އަލުން ހުށަހަޅުއްވަން ބޭނުންފުޅުވާ ނަމަ އެފުރުޞަތު ދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިމައްސަލައިގައި ނިޒާމީ ނުކުތާ ނަންގަވައިގެން ބިލް ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސާޢީދު ވިދާޅުވީ މިހާރު މިއޮތީ ޚާއްޞް ޙާލަތެއް ކަމަށެވެ. ޤަވާޢދުގައި ބުނާ ޙާލަތެއް ނޫންކަމަށެވެ. ދައުލަތުން ކުރިންސުރެ ރައްކާކުރެވިފައިވާ ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބެވޭނެ ގޮތަށް ބިލްގައި ބުނުމަކީ ޤަވާޢިދުގެ ރޫހާ ޚިލާފު ވާނެކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ މެމްބަރަކަށް ނުވިޔަސް ކުޑަމިނުން ބިލަށް ބަހުސް ކުރުމުގެ ފުރުޞަތު ދެއްވުމަށް މެމްބަރ ސަޢީދު އެދިވަޑައިގެންނެވިއެވެ.
ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ޒިންމާދާރު ދައުލަތަކަށް ވާނީ ޙާއްޞަ ޙާލަތްތަކުގައި ވެސް ޤާނޫނީ އުޞޫލުތައް ހިފަހައްޓާ ދަމަހަށްޓާ ދައުލަތްތައްކަމަށެވެ.
މަޖިލީހުގެ ރައީސްގެ އެވާހަކަ ތަކަށް ނިޒާމީ ނުކުތާއެއްގެ ތަރެއިން މެމްބަރ ސަޢީދު ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން ދާދި ފަހުން މަޖިލީހުން ދައުލަތުގެ މާލިއްޔާއަށް ޒިންމާ ވުމުގެ ޤާނޫނުގައި ބުނާ މުހިންމު ތިންއަކުރެއް އުނިކުރުމަށް ފާސްޓްރެކްކޮށް ނިންމާލައިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެންމެ ނުރައްކާތެރި ވަގުތު ޤާނުނުގެ މުހިންމު ތިން އަކުރެއް ސަސްޕެންޑްކޮށް ފައިސާ ތަކެއް ޕްރިންޓްކޮށް ބާޒާރަށް ނެރުން، އެއީ ޙަޤީޤަތެއްކަން މެމްބަރ ސަޢީދު ފާހަގަ ކުރެއްވިއެވެ.
ސަޢީދުގެ ނިޒާމީ ނުކުތާއަށް ފަހު މަޖިލީހިގެ ރައީސް ވިދާޅުވީ ބިލްގެ ބަހުސް ކުރިއަށް ގެންދެވުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވެ ވަޑައިގަންނަވާކަމަށެވެ. ބިލް އިސްލާޙުކޮށް އަލުން ހުށަހެޅުމަށް އެދި ވަޑައިގެންނެވީ ވެސް އެހެންވެ ކަމަށެވެ. އަދި މެމްބަރ ސަޢީދުގެ ބިލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރައްވާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.