ޤާރީބެއްޔާގެ ވިސްނުމުގައި ކުރަހާލި ތިމާވެށީގެ ޗާޓު

އައްޑޫސިޓީ މީދޫ ވިނަމާ، މުޙައްމަދު ކާމީލް (ޤާރީ ބެއްޔާ) އަކީ ތިމާވެއްޓާ ރައްޓެހި ތިމާވެއްޓަށް ލޯބިކުރާ މީހެކެވެ. އޭނާއަކީ ރަށު ފެންވަރުގައި އެކަމަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ މީހެކެވެ.

އޭނާގެ ސިކުނޑީގައި ކުރަހާލި ތީމާވެށީގެ ޗާޓާ އެއްގޮތަށް މަސައްކަތްކޮށް އޭނާ ހިތްހަމަޖެހޭ ހިސާބަށް އާދެއްވިއްޖެއެވެ.

އައްޑޫސިޓީ މީދޫ އަތިރިމަތީގައި ހަދާފައިވާ އެކި މައިޒާންތަކުގެ މޭސްތިރިއަކީ އޭނާއެވެ. އެތަންތަނުގެ ބާނީއަކީ އޭނާކަމަށް ވެސް އެރަށުގެ ބައެއް މީހުންބުނެއެވެ. މީދޫ ކޮނޑުދޮށްތަކުގައި ފުނިޖެހިފައިހުރި ކުނިގޮނޑުތައް ނަގައި ސާފުކުރުމުގައި އިސްކޮށް ހުންނެވި  އާރުކާޓީއަކީ ވެސް އޭނާއެވެ.

ގާރީބެއްޔާގެ މަސައްކަތުގެ ފެށުމަކީ ބައެއް އެކުވެރިންނާއެކު ރަށް ސާފުކުރަން ފެށި ފެށުމެކެވެ. "މިހާރު މިކުރާ މަސައްކަތުގެ ފެށުމަކީ 2008 ވަނަ އަހަރު ހިސާބުގައި އަހުމަދު ޝާތިރާއި ޙަސަން ޝާހިދާއި އަޙުމަދު ޒުހައިރާއި އަޅުގަނޑުވެސް ހިމެނޭގޮތުން ރަށް ސާފުކުރަން ފެށިފެށުމެއް. އޭރު އޮތީ ވަރަށް ގޮނޑުކޮށް. ނަލަލަނަ މީދޫގެ ނަމުގައި ވެސް އެހަރަކާތް ހިންގުނު. ފަހުން އެމްސީސީގެ ނަމުގައި ވެސް ހިންގުނު. އެއަށްފަހު އަހަރަކަށް ހުއްޓިފައި އޮތުމަށްފަހު 2010 ވަނަ އަހަރު އަތޮޅުގެ ރިސޯޓަކަށް ބަދަލުވުމާ ގުޅިގެން ރަށުގެ ތިމާވެށީގެ ޙާލަތު އޮތްގޮތުން ހިތަށްއެރީ މިކަމާ އަލުން ކުރިމަތިލާނީއޭ،" ގާރީބެއްޔާ ބުންޏެވެ.

އެކަން ކުރުމަށްޓަކައި ޝަންގްރިއްލާއަށް ވަޒީފާއަށްދާ މީދޫ ހުރިހާ މުވައްޒަފުން ވެގެން "ޝަންގުރިއްލާ މީދޫ ސްޓާފް" ގެ ނަމުގައި ކުޑަ ގުރޫޕެއް ހެދިއެވެ. އަދި  ކޮންމެ މެމްބަރަކު މަހަކު 500 ރުފިޔާ ދޭގޮތަށް ނިންމިއެވެ. އެގޮތަށް އެއްކުރިފައިސާއިން އެންމެފުރަތަމަ  ހުޅުދޫ އަދި މީދޫ މި ދެރަށުގެ ދެ ސްކޫލަށް 5000 ރުފިޔާގެ ފޮތް ހަދިޔާކުރީއެވެ.

އެއަށްފަހު އެމީހުން މަޝްވަރާކުރީ މީދޫގެ  ތިމާވެށީގެ ހާލަތު ބަދަލު ކުރުމަށް ކަމަށް އޭނާ ބުންޏެވެ. "އެކަން ކުރުމަށްޓަކައި 2010 ވަނަ އަހަރު ސެޕްޓެމްބަރގައި އަޅުގަނޑާއި، އަޙުމަދު ފިޒާމް ޕިކަޕެއް ހިފައިގެން ގޭގެއަށްގޮސް ގޭބިސީ ތަކުން ކޮންމެ (އޮފް ދުވަހަކު) ކުނިނަގަންފެށީ. ހަމައެއާއެކީ ރަށުގެ އެކިތަންތަނުގައިހުރި ކުނިތައް ނެގުމާއި މީދޫ ބަނދަރުމަތީގައި ފެތިރޯނުގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ފެށިގެން ކުރިއަށްދިޔަ. ހަމައެއާއެކު މީދޫގެ ކުރީގެ އޮފީސް ހިންގި އިމާރާތް ކަމުގައިވާ ކާޑުގޭ ކުރިމަތީގައިހުރި ޒަމާންވީ ރީތިގަސް އަރިއަޅަމުންދާތީ އެގަސް ހިމާޔަތް ކުރުމަށް އެތަނުގައި ކޮންކްރީޓު ތަނބެއް ޖެހިގެންދިޔަ. އެކަން ކުރުމަށް 6000 ރުފިޔާ ގްރޫޕުން ޚަރަދު ކުރެވުނު،" ގާރީބެއްޔާ ބުންޏެވެ.  އަދި އެ ގޯތީގައި ޕާކެއްވެސް ހެދިއެވެ. އެއީ ގާރީބެއްޔާ އިސްވެހުރެގެން ހެދި ފުރަތަމަ ޕާކެވެ. އެތަން ހަދަން ފަށައިފައިވަނީ 2010 ވަނަ އަހަރުއެވެ. ނިންމައި ހުޅުވުނީ 2012 ވަނައަހަރު އަހަރުގެ ސެޕްޓެމްބަރ 5 ވަނަ ދުވަހުއެވެ. އެތަން ހެދުމަށް އެއްލައްކަ ވިހިހާސް ރުފިޔާ ޚަރަދުވެފައިވާ ކަމަށް ގާރީބެއްޔާ ބުންޏެވެ. "މިއީ އިޖުތިމާއީ މަސައްކަތުގައި އަޅުގަނޑަށް ލިބުނު އެންމެބޮޑު އެއް ހިތްހަމަޖެހުން. ވަރަށްގިނަ ބަޔަކުބުނި ތިޔަކަމެއް ނުވާނެޔޭ އެކަމަކު ހިތްވަރާއެކީ އަޅުގަނޑާއެކު ތިބި މީހުން ކުރިމަސައްކަތުން ތިން އަހަރުން އެކަން ނިންމާލެވުނު. އެއަށްފަހު މެންބަރުން އެހެން ރިސޯޓުތަކަށް ދިއުމާއެކީ މެމްބަރުން މަދުވެ އެހަރަކާތް ވެސް ހުއްޓިގެން ދިޔައީ،" އޭނާ ބުންޏެވެ.

އެހިސާބުން ވެސް ގާރީބެއްޔާގެ ޗާޓަކަށް ބަދަލެއް ނުގެނެއެވެ. ކުރަހާފައިވާ ޗާޓާ އެއްގޮތަށް "ރަށުގެ ގޮނޑުކަން ކެނޑުވޭތޯ" އޭނާ އެކަނި ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ކުރަމުން ގެންދިޔައީ ލިބޭ ކޮންމެ އޮފް ދުވަހެއްގައެވެ. "ރަށުގެ ގޮނޑުދޮށަށް މީހުން އުކަމުންދިޔަ ކުނި ނަގަމުން މިދިޔައީ ލިބޭ ކޮންމެ އޮފްދުވަހަކު. ކުނި އެޅުން ހުއްޓުވޭތޯ އެކަނި މަސައްކަތް ކުރަމުންދަނިކޮށް މިހާރުގެ ނަލަފެހީގެ އަނެއް ދެ މުއައްސަސުން ކަމަށްވާ ޙުސައިން ރަޝީދާއި އަހުމަދު ޒުހައިރުގެ އިސްނެގުމުގެ މަތީން ރަށް ސާފުކުރުމަށް ކުޑަ ގޫރޫޕެއް ހެދުމަށް މަޝްވަރާ ކުރެވުނު. އަދި ރަށް އޭރުއޮތް ހާލަތުން ރަނގަޅު ޙާލަތަކަށް ބަދަލު ކުރުމަށް އެއްބަސްވެގެން މަސައްކަތްފެށި. އަދި "ނަލަފެހި މީދޫ" ގެ ނަމުގައި ކުޑަ ގްރޫޕެއް ހަދައިގެން ރަށް ސާފުކުރުމުގެ މަސައްކަތްފެށީ،" އޭނާ ބުންޏެވެ. އެކަނި އެމަސައްކަތް ކުރަމުންދަނިކޮށް މި ގޮތަށް ދިމާވުމަކީ ލިބުނު ވަރަށްބޮޑު ބާރަކަށް ވެގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. އެ މަސައްކަތުގައި ދެން ބައިވެރިވާންފެށީ މީދޫގެ އިޖުތިމާއީ ކަންކަމުގައި ކުރިން އުޅެފައިތިބި މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް ގާރީބެއްޔާ ބުންޏެވެ. އެ އެންމެންގެ ބައިވެރިވުމާއެކު މީދޫގެ ވަށައިގެން އޮންނަ ހޭޅިފަށާއި ރަށުގެ އެކިތަންތަނަށް ޖަމާވެފައިވާ ކުނިތައް ނަގައި 6 މަސައްތެރޭގައި ސާފުކުރި ކަމަށް އޭނާ ބުންޏެވެ. އެ މަސައްކަތްކޮށްފައިވަނީ ކޮންމެ ހަފްތާއަކު ބަންދު ދުވަސްތަކުގައެވެ. އެ ހިސާބުން އެ ސަރަހައްދުތަކަށް ކުނި އެޅުން ގާތްގަނޑަކަށް ހުޓުނު ކަމަށް ގާރީބެއްޔާ ބުންޏެވެ.

ދެން ފެނިގެން ދިޔައީ މީދޫގެ ކޮނޑުދޮށް ސާފުވެ ފިނިމައިޒާންތައް ހެދިގެން ދިޔަތަނެވެ.  "އެއީ ސީދާ އަޅުގަނޑުގެ ހުވަފެންތަކެއް. ބޭނުންވީ ކުނިއުކަން އަންނަ މީހުން ހުއްޓުވުމަށް މައިޒާންތަކުގައި މީހުން ތިބުމަށް. ކުނި އުކުން ހުއްޓިގެންދިޔައީ ވަރަށްގިނަ ބަޔަކު ތިޔަކަމެއް ނުވާނެޔޭ ކިޔަކިޔާ ތިއްބައި. ގޮނޑު ދޮށަށް ކުނި އެޅުން ހުއްޓުވޭނެ ދުވަހަކީ ވަރަށް ބޮޑަށް އުންމީދު ކުރި ދުވަހެއް" ގާރީބެއްޔާ ބުންޏެވެ. އޭނާ ބުނީ މި ކަމުގައި އޭނާ ހޭދަކޮށްފައިވާ 12 އަހަރުތެރޭގައި 10 ދުވަހު ވެސް އޮފް ނަގައިގެން ގޭގައި މަޑުކޮށްފައި ނުވާނެ ކަމަށެވެ.

ގާރީބެއްޔާގެ ސިކުނޑީގައި ކުރަހާލި ތިމާވެށީގެ ޗާޓާ އެއްގޮތަށް އޭނާ ވަނީ މީދޫގެ ވަރަށްގިނަ ދިމަދިމާގައި ތިމާވެއްޓާ ރައްޓެހި މައިޒާންތަކެއް ހަދައިފައެވެ. ރައްޔިތުން ގެންދަނީ އެތަންތަނުން އުފާ ހޯދަމުންނެވެ. ގާރީބެއްޔާގެ ތިމާވެށީގެ ޗާޓުގައި ހިމެނޭކަންކަން އަދިވެސް ފުރިހަމައެއް ނުވެއެވެ. އަދިވެސް އޮތީ ކުރިއަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.