ޢުމުރުގެ ގޮތުން ޅަޔަސް ކޮވިޑް "ހަނގުރާމައިގެ" ކުރީ ސަފުގައި

މަރްޔަމް ބަރްޝާ ޢަލީ އަކީ ޢުމުރުން ކިތަންމެ ޅަ ކަމުގައި ވިއަސް ހިތްވަރު ގަދަ ނަމުނާ އަންހެން ކުއްޖެވެ. ޢުމުރުން 18 އަހަރުގެ ބަރުޝާ އަކީ ކޮވިޑާ ދެކޮޅަށް ރާއްޖޭގައި ކުރާ "ހަނގުރާމައިގެ" އިސް ސަފުގައި އަމިއްލަ އިސްނަގުމާއެކު ބައިވެރިވި އެންމެ ޅަކުއްޖާއޭ ޔަޤީންކަމާއެކު ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު ދަންނަވަން އެނގޭ އެއްޗަކީ ޢުމުރުން ޅަޔަސް ބަރްޝާގެ ހިތްވަރާއި ކެރުންތެރިކަން "ޅަ" ނޫން ކަމެވެ. މިފަދަ ކަންކަމާ ކުރިމަތިލައި ތަޖްރުބާތައްލިބިފައިވާ ބޮޑެތި މީހުންނަށް ދޫނުކުރާކަމެވެ.

ކޮވިޑާ ދެކޮޅަށް ކުރާ "ހަނގުރާމައިގެ" އެންމެ ނުރައްކާތެރި "ރިސްކް ބޮޑު" އެއް މަސައްކަތަކީ "ޑިސްއިންފެކްޝަން" ނުވަތަ ޖަރާސީމު މަރާލާ ނައްތާލުމަށް ކުރެވޭ މަސައްކަތެވެ. އެމަސައްކަތުގައި އުޅޭ މީހުންނަކީ ސީދާ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ރިސްކް ބޮޑު ބައެކެވެ. ބަރްޝާގެ މިހާރުގެ މަސައްކަތަކީ މިއީ އެވެ. އެއީ ސްކައުޓް ކޮމިޔުނިޓީގެ ޓާސްކެކެވެ. ގިނަ ޕޮޒިޓިވް ކޭސްތައް ފެންނަ ވަރަކަށް ޑިސްއިންފެކްޓް ކުރަންޖެހޭ ތަންތަންވެސް ދާނީ އިތުރުވަމުނެނެވެ.

"ޑިސް އިންފެކްޓް" ކުރަން ދާންޖެހޭނެ ތަންތަނަކީ ބަލި މީހުން ފެނިފައިވާ ޖަރާސީމު އުޅޭނެކަން ޔަޤީންވާ ތަންތަނެވެ. އެހެންކަމުން އެތަންތަނަށް ދިއުމުގެ ކުރިން ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަޅު އަޅަން ޖެހެއެވެ. އެކަމަށް ތައްޔާރުކޮށްފައިވާ ހެދުމާއި އަންގިއާއި ގޮގުލް ބޭނުން ކުރަންޖެހެވެ. ބަރްޝާ ބުނީ ޑިސްއިންފެކްޝަނަށް ފަހު އެތަންތަނުން ނިކުމެ ފުރަތަ ވެސް ކޮންމެ މީހަކުވެސް ޑިސް އިންފެކްޓް ކޮށްލާ ކަމަށެވެ. އެހެން ކަމުން ނުރައްކަލަށް ހުށަހެޅުނު ނަމަވެސް އަމިއްލަ ރައްކަލަށް އެޅިފައިވާ ވަރުގަދަ ފިޔަވަޅުގެ ސަބަބުން ބަރްޝާގެ ހިތްނުތަނަވަސް ކަމެއް ނެތެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ގައި ބަރްޝާ ފުރަތަމަ މަސައްކަތްކުރީ ދިވެހި ރެޑްކްރެސެންޓަގައެވެ. ރާއްޖެއިން އެންމެ ފުރަތަ ކޮވިޑް ކޭސްތައް ފެނަން ފެށީއްސުރެ ބޯޑަރ ބަންދު ކުރުމާ ހަމައަށް ބަރްޝާ މަސައްކަތް ކުރީ އެއްވެސް ޖެހިލުމެއްނެތި ފަސިންޖަރުންނަށް އެހީ ތެރިވުމުގެ އެންމެ ކުރީސަފުގައި އެއަރޕޯރޓްގައެވެ. އޭނާ ވަނީ އެއަޕޯރޓްގައި އިމިގްރޭޝަންގެ މަސައްކަތްތަކުގައި ވެސް އެހީތެރިވެދީފައެވެ. ނަމަވެސް ފަހުން އޭނާ މަސައްކަތް ކުރީ ކޯލް ސެންޓަރުގައެވެ. އެމަސައްކަތަށް ފަހު އާރްއާރްޓީގައި ސްކައުޓުން ޙަރަކާތްތެރި ވާންފެށުމުން ބަރްޝާ މިހާރު މަސައްކަތް ކުރަމުންދަނީ ސްކައުޓް ކޮމިޔުނިޓީއާއެކުގައެވެ. ސްކައުޓުން ބަރްޝާއަށް ދަސްވި ގޮތަށް ޓާސްކަކަށްފަހު ޓާސްކެއް އެ ދަނީ ފުރިހަމަ ކުރަމުންނެވެ.

ބަރުޝާގެ ކުރެހުމުގެ ހުނަރަކީވެސް ފާހަގަކޮށް ނުލައި ދޫކޮށްލެވޭ ވަރަށްވުރެ ތަފާތު ހުނަރެކެވެ. ކުރެހުމުގައި ވެސް ތަފާތު ވައްތަރުތައް ހުންނައިރު ބަރުޝާގެ ކުރުހުންތަކުން ފާހަގަ ކޮށްލެވެނީ "މަންދަލާ" ކުރެހުންތަކެވެ. އެއީ ވަރަށް "ކަވި" ވަރަށް ފަރުވާތެރިވެގެން ކުރަހަންޖެހޭ ކުރެހުމެވެ. ބަރްޝާގެ ކުރެހުމުގެ ހުނަރު ރިނބިދޫ ސަގާފީ މަގުންވެސް ފެނިގެން ދާނެއެވެ. ކުރެހުމުގެ ފަންނުގައި ބަރުޝާއަށް ކުރެއްވުނު އެންމެ ބުރަމަސައްކަތުގެ ތެރޭގައި މިމަސައްކަތް ހިމެނިގެންދާނެއެވެ. މިހުނަރުވެރިޔާގެ މުސްތަޤްބަލު ރާވައިފައިވަނީ ކުރެހުމާއި ވަރަށް ތަފާތު ފަންނެއް ކަމަށްވާ، "ރޭޑިއޮލިސްޓަކަށް" ވުމަށެވެ.

ޢަރަބިއްޔާ ގެރޭޑް ބާރައިން މިދިޔަ އަހަރު މަތީ ސާނަވީ ބަރްޝާ ނިންމާލީ ފަޚްރުވެރި ނަމުނާ އަންހެން ދަރިވަރެއްގެ ގޮތުގައެވެ. ސްކޫލުގެ ނަން ވިދުވާލުމަށްފަހުއެވެ. ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ޙާޞިލްކުރި ދެ ސްކައުޓުންގެ ތެރޭގައި ހިމެނިގެންނެވެ. އަދި މިހާތަނަށް އެބެޖް ޙާޞިލްކުރި ޢުމުރުން އެންމެ ޅަ ސްކައުޓަށް ވެގެންނެވެ.

 "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ޙާޞިލްކުރުމަކީ ވަރަށް ގިނަ "ޓާސްކް" ތަކެއް ނުވަތަ މަސްޢޫލިއްޔަތު ތަކެއް ކަނޑައެޅޭ ވަކި މުއްދަތެއްގައި ފުރިހަމަ ކޮށްގެން ނޫނީ ޙާޞިލްކުރެވޭނެ ބެޖެއް ނޫނެވެ. އެހެން ކަމުން މިބެޖް ޙާޞިލް ކުރެވޭނީ ވަރަށް ފަރުވާތެރިކަމާއެކު އުފުލަންޖެހޭ މަސްޢޫލިއްޔަތުތައް ބަރާރަށް އުފުލައިގެންނެވެ. ބަރްޝާ ވަނީ މި ބެޖް ޙާޞިލް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ވަރަށްގިނަ އިޖްތިމާޢީ ޙަރަކާތްތަކެއްގައި ވެސް ބައިވެރިވެފައެވެ. ޅަ ޢުމުރުގައި އެހާ ބުރަ މަސައްކަތެއް ކުރެވޭނީ ޢާއިލާގެ ފަރާތުން ލިބުނު އެއްބާރު ލުމާއެކު ބަރުޝާގެ ވެސް ފިސާރި ހިތްވަރެއް ހުރެގެންނެވެ.

ބަރްޝާއާ އެކު ޢަރަބިއްޔާ 10 ސްކައުޓުން "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭގެތެރޭގައި ބަރްޝާގެ  ދޮންބެވެސް ހިމެނެއެވެ. ބެޖް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ "ޓާސްކް"ތައް ނުވަތަ މަސްއޫލިއްޔަތުތައް ބަރްޝާގެ ދޮންބެ ވެސް ފުރިހަމަކުރިއެވެ. ނަމަވެސް ދޮންބެގެ ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅި ހުރުމުން ބަރްޝާ ގެ ދޮންބެއަށް "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ލިބޭ ގޮތް ނުވީއެވެ. މިބެޖަކީ ޢުމުރުން 11 އަހަރާއި  18 އަހަރާއި ދެމެދުގެ ސްކައުޓުންނަށް ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރިދަރަޖައެވެ. މި ބެޖް ޙާޞިލްކުރުމަށް ޢަރަބިއްޔާ އިން މަސައްކަޔްކުރި 10 ދަރިވަރުންގެތެރެއިން "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ލިބުނީ ފަސް ދަރިވަރުންނަށެވެ. އޭގެތެރޭގައި ބަރްޝާގެ އިތުރުން އެހެން އަންހެން ސްކައުޓެއް ވެސް ހިމެނެއެވެ. ބަރްޝާގެ ދޮންބެ އަށް "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ޙާޞިލް ނުވި ކަމުގައިވިއަސް  ބަރްޝާއަށް އަށް އެޝަރަފް ހޯދާއި ދިނުމުގައި ދޮންބެ ފުރިހަމަ ޙިއްޞާ އެބަ އޮތެވެ. ޓާސްކްތައް ފުރިހަމަ ކުރުމަށް ދާންޖެހޭ ތަންތަނަށް ކޮށްކޮއާއެކު ގޮސް ދީފައި ވާތީއެވެ. ޓާސްކްތައް ފުރިހަމަ ކުރަން ދެބެން އެކުގައި މަސައްކަތް ކުރެވިފައި ވާތީއެވެ.

"ޕްރެޒިޑެންޓް ސްކައުޓް ބެޖް" ހާޞިލް ކުރުމަށް ކުރި މަސައްކަތަކީ ބާރަ އަހަރުގެ ތިޢުލީ ދަތުރަށް ވުރެވެސް ބުރަ ކަމެއްގެ ގޮތުގައި ބަރުޝާ ސިފަކުރެއެވެ. ބަރްޝާގެ ޙާޔާތުގައި ރައްކާކޮށްގެން ގެންގުޅޭން އެންމެ އަގުބޮޑު އެކައްޗަކީ ވެސް ސްކްއުޓް ބެޖްތައް ޙާޞިލް ކުރުމަށް ކުރި މަސައްކަތްތައް އެއް ފޮތަކުން ފެންނަނަށް އޮތް ބަރްޝާގެ ސްކައުޓް ފޮތެވެ.

"އެފޮތަށް ގޮތެއް ވެއްޖިއްޔާ ވަރަށް ދެރަވާނެ. ކިޔަވަން ގެންގުޅުނު ހުރިހާ ފޮތަކަށް ވުރެ ވެސް އެނެމެ ލޯބިން ގެގުޅެވެނީ އެއެފޮތް" ބަރްޝާ ގެ ސްކައުޓް މަސައްކަތްތައް ފެންނަން އޮތް ފޮތުގެ މުހިންމު ކަން ހާމަކުރަމުން ބުނެލިއެވެ.

އިޖްތިމާޢީ ޙަރަކާތްތަކާއި ކާރިސާ ތަކުގައި ހިލޭސާބަހަށް އިސްނެގުމަކީ ސްކައުޓުން ބަރްޝާއަށް ދަސްވި އެންމެ އަގުހުރި އެއް ފިލާވަޅެވެ. އޭނާ ކުރިންވެސް ވަނީ ތަފާތު ކާރިސާތަކުގައި އިސްވެ ނިކުމެ ޙަރަކާތްތެރި ވެފައެވެ. އެހެންކަމުން ކޮވިޑާ ދެކޮޅަށް ކުރާ "ހަނގުރާމައިގެ"  އިސް ސަފަށް ނުކުމެވުނީ އެ ހިއްވަރާއި ކެރުންތެރިކަމުގެ ސަބަބުންކަން ޔަޤީނެވެ.

3 ޚިޔާލު

  1. މާޝާ ﷲ!
    ސާބަހޭ !
    މިދަރިވަރަށް މިކަމުގައި ހިތްވަރު ދޭ މަންމައާއި ބައްޕަ އަށްވެސް ހަމަ އައްސަރިބަހާއި ސަބަސް!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.