ލޯކަލް ކައުންސިލް ތަކުގެ ދައުރު ދިގު ދައްމާލުމަށް ހުށަހެޅުނު ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށްޓަވައިފިއެވެ.
ބިލް ހުށެހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. މެމްބަރ ޙަޞަން ހުށަހަޅުއްވާފައިވާ ބިލަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. މިބިލަކީ އިންތިޚާބު ފަސްކުރުމާ ގުޅިގެން ކައުންސިލްތަކުގެ ދައުރު ހަމަވަން ވާއިރަށް އާ ކައުންސިލްތައް އިންތިޚާބު ނުވެ އަންނާނެ ޤާނޫނީ ހުސްކަމަކަށް ފަރުވާއެއް ހޯދައި ދިނުމުގެ ގޮތުން ހުށަހަޅައިފައިވާ ބިލެކެވެ. މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ޖޫން ތިނަކަށް ހަމަވާނެއެވެ.
މިއަދު ބިލް ހުށަހަޅުއްވަމުން މެމްބަރ ޙަސަން ވިދާޅުވީ ބިލް އެކުލަވާލައްވައިފައިވަނީ މައިގަޑު ދެ އަސާސެއްގެ މައްޗަށް ކަމަށެވެ. އެ ދެ އަސާސަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެވެސް މައިގަނޑު ދެ އަސާސް ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ އަސާސަކީ ލާމަރުކަޒީ އުޞޫލުން ހިންގުމެވެ. ނުވަތަ މަރުކަޒީ ނުކުރުމެވެ. ދެވަނަ އަސާސަކީ އިންތިޚާބުކޮށްފައިވާ ބަޔަކު ތިބެގެން ހިންގުމުމެވެ. އައްޔަން ކޮށްފައިވާ ބަޔަކަށް ނުވުމެވެ.
ކުރިންވެސް މިއްސަލައިގައި މަޖިލީހުގައި ކުރެވުނު ބަހުސް ފަދައިން މިއަދު މިބިލްގެ ބަހުސްގައި ވެސް މެމްބަރުންގެ ޚިޔާލު ވަނީ ދެ ކަފި ވެފައެވެ. ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެމައްސަލަ ހައްލު ކުރުމަށް ޖެހޭނީ ޤާނޫނު އަސާސީ އިޞްލާޙުކުރާށެވެ. ނަމަވެސް އެމްޑީޕީގެ ގިނަމެމްބަރުންގެ ޚިޔާލު ހުރީ މެމްބަރ ޙަސަންގެ ބިލުން މައްސަލައަށް ޙައްލު ހޯދުމަށެވެ.
މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމުގެ ބިލެއް ދައުލަތުގެ ބަންޑާރަނައިބް ވަނީ މަޖިލިހަސް ފޮނުއްވައިފައެވެ. ނަމަވެސް ޤާނޫނޫ އަސާސީއަށް އިޞްލާޙު ގެނައުމަށް މަޖިލީހަށް ފޮނުވި ބިލް އެޖެންޑާ ކުރެއްވުމަށްފަހު ފުރަތަމަ ކިޔުން ނުއިއްވައި މަޖިލީހުގެ ރައީސް ވަނީ އެއީ ކުރެއްވޭނެ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްފައި އޮތުމެވެ. ފުޅާ ދާއިރާއެއްގައި މަޖިލީހުގައި ބަހުސް ކުރިއަށް ގެންދެވިއިރު މެންބަރުންގެ ޚިޔާލު އޭރުވެސް ހުރީ ހުރީ ދެކަފި ވެފައެވެ. ޤާނޫނު އަސާސީ އިޞްލާޙު ކުރެވެނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު އަނެއްބައިމެމްބަރުން ވިދާޅުވީ މިފަދަ ޙާލަތެއްގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ބަންޑާރަނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލްވެސް ވިދާޅުވީ ޤާނޫނު އަސާސީ އިޞްލާޙު ކުރެވޭނެކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އިން ބޭނުންވީ ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެސް ޤާނޫނަކުން މައްސަލައަށް ޙައްލު ހޯދުމަށެވެ. ނަމަވެސް ޤާނޫނީ ގޮތުން ފުންނާބު އުސް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވަނީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެސްގެން ނޫނީ އެމައްސަލައަށް ހަލެއް ނުލިބޭނެކަމަށެވެ.