ލިޔުންތެރިކަމާއި މަޢުލޫމާތު ފެތުރުމަކީ އިންސާނީ ޙަޔާތް ކުރިއަރުވައި ކާމިޔާބު ބަޔަކަށް ވުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ކަމެކެވެ. އަމުދުން މި ޒަމާނުގައެވެ. ކުރިއަރާފައިވާ ޤައުމުތަކާއި ތަރައްޤީވަމުންއަންނަ ޤައުމުތަކާއި އެންމެ ފަޤީރު ޤައުމުތަކުގައިވެސް މެއެވެ. ކަންމިހެން ހުރުމާއެކު އަޅުގަނޑުމެން ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ތަބާވާ ބަޔަކުކަމުގައި ވީހިނދު، ލިޔުންތެރިކަމާއި މަޢުލޫމާތު ފެތުރުމުގައި އެންމެ ތެދު މަޢުލޫމާތު ފެތުރުމަށް އަބަދުވެސް ސަމާލުކަން ދިނުން ހުއްޓެވެ.
އިސްލާމްދީނަކީ ތެދުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. ތެދު ބުނުމާއި، ލިޔާ ލިޔުންތަކާއި ދައްކާ ވާހަކައިގައިވެސް ކޮންމެ ކަމެއް ޙަޤީޤަތާ އެއްގޮތަށް ހާމަކުރުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖަދެއްވާފައިވާ ކަމެކެވެ.
އެންމެހައި ނަބިއްޔުންގެ ކިބައިން اللَّهُ ތަޢާލާ ގަދަވެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިކަން އެންގެވުމަށްފަހު، އެ އާޔަތާ ވިދިގެން އަލްއަޙްޒާބު ސޫރަތުގައި، ވަޙީކުރައްވާފައިވެއެވެ. “لِّيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَافِرِينَ عَذَابًا أَلِيمًا.” (الأحزَاب:8) މާނައީ: [(އެއީ) ތެދުވެރިންގެ ކިބައިން، އެބޭކަލުންގެ ތެދުވެރިކަމާމެދު ސުވާލު ކުރެއްވުމަށްޓަކައެވެ. އަދި ކާފިރުންނަށްޓަކައި ވޭންދެނިވި ޢަޛާބު އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ.]
ޝައްކެއްނެތެވެ. އެންމެ މާތް އިންސާނުން ކަމުގައިވާ ނަބިއްޔުންނާއި ރަސޫލުންގެ ބަސްފުޅުތަކާމެދު اللَّهُ ތަޢާލާ ސުވާލުކުރައްވާނެކަމަށް ވީހިނދު، އާދައިގެ އިންސާނުން އެގޮތްމިގޮތަށް ހަދަހަދައިގެން ދައްކާ ވާހަކައާއި، ލިޔާ ލިޔުންތަކަކީ އެއްވެސް ސުވާލެއް ނުވެވި ދާނެ ކަންތައްކަމުގައި ދުށުމަކީ ކިތަންމެހާވެސް ބޮޑު މޮޔަކަމެކެވެ.
ރަސޫލު اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. {إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا. وَإِنَّ الكَذِبَ يَهْدِي إِلَى الفُجُورِ، وَإِنَّ الفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا.} (مُتَّفَقٌ عَلَيهِ)
މާނައީ: [ހަމަކަށަވަރުން، ތެދުވެރިކަން ހެޔޮކަންތަކަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ރަނގަޅުކަންތައް ސުވަރުގެއަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ތެދުވެރިމީހާ އޭނާއީ ތެދުވެރިޔަކުކަމުގައި އެންމެން ގަބޫލުކޮށްފުމަށްދާނދެން ތެދުބުނުމުގައި ދެމިހުރެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިކަން ނުބައިކަންތަކަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ނުބައިކަންތައް ނަރަކައަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ދޮގުވެރިމީހާ އޭނާއީ ދޮގުވެރިޔަކުކަމުގައި اللَّهُގެ ޙަޟުރަތުގައި ލިޔުއްވައިފުމަށްދާނދެން ދޮގުގެމަތީގައި ދެމިހުރެއެވެ.]
މި ޙަޤީޤަތްތައް މިހެން ހުރުމާއެކުގައިމެ، މިއަދު މުސްލިމު ޤައުމުތަކުގައި ވެސް މޫލައިފައިވަނީ، ކޮންމެފަދަ ވާހަކައެއް ވެސް އޭގެ ދޮގު ތެދު ބެލުމެއްނެތި ހާމަކުރުން އެންމެ ރަނގަޅުކަމަށް ބަލައިގެންފައިވާ އުސޫލެވެ. ކަމެއްގެ ޚަބަރު ލިބޭއިރަށް، އެންމެ ފުރަތަމަ އެ ޚަބަރު ގެނެސްދޭ ނޫސް، ރޭޑިޔޯ، ނުވަތަ ޓީ.ވީ ޗެނެލްއަށް ވުމުގެ [ޝަރަފު] ހޯދުމަށްކަމަށް ހީވާ ގޮތުގައެވެ. ނަތީޖާއަކަށްވަނީ، ބައެއް ފަހަރަށް ކުށެއް ނުކުރާ މީހާ ވެސް ބޮޑު ކުށްވެރިއެއްގެ ގޮތުގައި ތުހުމަތު ކުރެވުމެވެ. ކުށްވެރިޔާއީ ބަރީއަވެގެންވާ މީހަކު ކަމަށްވެސް ބަލައިގަނެވުމެވެ. މީސްތަކުންގެ އަބުރާއި ޢިއްޒަތް ނީލަންކިޔެމުން ދިޔުމެވެ. ފިތުނަ ފަސާދަ ޢާއްމުވުމެވެ.
ޝައްކެއްނެތެވެ. މުޖުތަމަޢުގައި ތަފާތު ކަންކަން ހިނގާނެއެވެ. އެއިން ކަމަކާމެދު ލިޔުމެއް ލިޔެ ހާމަކުރާހިނދު، ދޮގެއް އެކުލެވިގެން ނުވާނެއެވެ. އެއީ، اللَّهُގެ ޙަޟުރަތުގައި ތިމާމެން މަސްއޫލުވާން ޖެހޭނެ ކަމެއްކަމާމެދު اللَّهُއަށް އީމާންވެތިބެ ލިޔުންތައް ލިޔާކަމުގައި ވަނީނަމަ، މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި މެދުވެރިވަމުންދާ ކޮޅެއްނެތްފަ ބޮޑެތި ގެއްލުންތަކުން މުޖުތަމަޢުތައް ސަލާމަތްވާނެކަމީ ކަށަވަރު ކަމެކެވެ.