ކޮންމެ ޙާލަތަކަށް ކޮންމެ ދާއިރާއަކަށް "ފިޓް" ނޫސްވެރިއެއް!

"މިއީ ދުވަހަކުވެސް ނޫސްވެރިކަން ކުރަން ބޭނުންވި ގޮތެއް ނޫން"

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެން މިކުރިމަތިލީ ބަންދުވެގެން ތިބެ ނޫސްވެރިކަން ކުރަން ޖެހިފައިވާ ޙާލަތެއްގައެވެ. ބައެއް ނޫސްވެރިން ބަންދުވެ ތިބީ އެމީހުން މަސައްކަތް ކުރާ ސްޓޭޝަން ތަކުގައެވެ. އަނެއް ބަޔަކު އެމީހުން ދިރިއުޅޭ ގޭގޭގައެވެ. އެހާލުގައި ވެސް ނޫސްވެރިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ މަޢުލޫމާތު ތައް ފޯރުކޮށް ދެމުންނެވެ. ހުޞައިން ފަރިޔާދު (ފަރިޔާޒު) އަކީ ވެސް މިގޮތަށް ނޫސްވެރިކަން ކުރަމުންދާ ރާއްޖެ ޓީވީގެ ތަޖުރިބާކާރު ނޫސްވެރިއެކެވެ.

މާލެ ސަރަޙައްދު ފުރަބަންދަށް ދިއުމުން ރާއްޖެ ޓީވީގައި ބައެއް ނޫސްވެރިން މަސައްކަތް ކުރަމުން ދަނީ އެތަނުގައި ޤާއިމުވެ ތިބެއެވެ. ފަރިޔާޒުވެސް މިއަދު އެހެރީ ޤައިމީ ޚިދުމަތެއްގައޭ ދެންނެވިދާނެއެވެ. ކޮވިޑާ ގުޅޭ ލައިވް ކަވަރޭޖްގެ އިތުރުން ކޮވިޑާއި ފުރަބަންދާ ގުޅޭގޮތުން ރާއްޖެ ޓީވީން ތައްޔާރު ކޮށްފައިވާ ބައެއް ވީޑީއޯ ކްލިޕްތަކުން ވެސް ޝަޢުޤުވެރިކަމާއެކު މީހުން ބަލައިގަންނާނެ މުހިންމު ބޭނުންތެރި މެސެޖްތަކެއް ފަރިޔާޒާއި އެތަނުގައި ޤާއިމްވެ ތިބި ބައެއް ނޫސްވެރިން ބައެއް ސަޕޯރޓް ސްޓާފުން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްމެސެޖަކީ އިސްކުރު ފެންބުއިމުގެ މެސެޖެވެ. ޞިއްހީ މާހިރުންގެ މެސެޖް ވަރަށް ސާފުކޮށް ފަރިޔާޒު ވަނީ ކުޑަކުދިންނަށް ވެސް ވިސްނޭ ވަރަށް ތިލަކޮށްދީފައެވެ. އިސްކުރު ފެނަކީ ވެސް ބޯން ކަމުދާ ފެނެއްކަން، ކުރިން މިނެރަލް ފެން ނޫނީ ނުބޯ ގިނަ ކުޑަކުދިން ވެސް މިހާރު ޤަބޫލުކުރެއެވެ.

ފުރަބަންދުގައި ތިބެ ނޫސްވެރިކަން ކުރަންޖެހިދާނެ ޙާލަތެއް އަނާނެ ކަމަށް ދުވަހަކުވެސް އަޅުގަނޑުމެން އެއްވެސް ނޫސްވެރިއަކު ހިތަކަށް ނާރާނެއެވެ. ނަމަވެސް މިއަދުގެ ހާޤީޤަތަކީ މިއީއެވެ.

"މިއީ ދުވަހަކުވެސް ނޫސްވެރިކަން ކުރަން ބޭނުންވި ގޮތެއް ނޫން. ބޭރަށް ނުނިކުމެ ބަންދުވެގެން ތިބެ. ހުރިހާ ކަމެއް މިވަނީ ކޮވިޑްގެ ސަބަބުން ބަދަލު ވެފައި، ކުޅިވަރަކީ މީހުން އެއްބައިވަންތަ ކުރުވާ އެއްޗަކަށް ވާއިރު ހުރިހާ ކުޅިވަރު ތަކެއް މިވަނީ ހުއްޓި، ދަނޑުތައް ފަޅުވެފައި." ފަރިޔާޒުގެ އިޙްސާސްތައް ހާމަކުރަމުން ބުނެލިއެވެ.

ނޫސްވެރިކަމުގައި ފަރިޔާޒުގެ ޚާއްޞަ ދާއިރާއަކީ ކުޅިވަރެވެ. ނަމަވެސް އޭނާ އަކީ ކޮންމެ ދާއިރާއަކަށް ވެސް "ފިޓް" ނޫސްވެރިއެއް  ކަން ކޮވިޑާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އިން ގެނެސްދޭ ލައިވް ކަވަރޭޖް ބަލާ ކޮންމެ މީހަކަށް ވެސް ޤަބޫލު ކުރެވޭނެއެވެ.

ނޫސްވެރިކަމުގެ ޙަޔާތުގައި ފަރިޔާޒު ވަނީ ކުރު މުއްދަތެއްގައި ގިނަ ތަޖްރިބާތަކެއް ހޯދައި ފަޚުރުވެރިކަމިޔާބީއެއް ޙާޞިލް ކޮށްފައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަފާތު ބޮޑެތި ކުޅިވަރު މުބާރާތްތައް ކަވަރކޮށް އެމަޢުލޫމާތުތަށް ގޭގޭގެ ސިޓީންގ ރޫމްތަކާ ހަމަށް ގެނެސް ދީފައެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ  ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިދިޔަ އަހަރު ޙާޞިލްކުރުމެވެ.

ފަރިޔާޒުގެ ނޫސްވެރިކަން ފެށީ "އާފަތިސް" ނޫހުންނެވެ. އާފަތިސް ނޫހުގެ އެސިސްޓަންޓް އެޑިޓަރުގެ މަގާމުގެ އިތުރުން ސްޕޯޓްސް އެޑިޓަރުގެ މަގާމާއި އާފަތިސް ސްޕޯޓްސް އެވޯޑްގެ ހެޑްގެ މަޤާމު ވެސް އޭނާ ވަނީ އަދާކޮށްފައެވެ.

އާފަތިސް ނޫހަށް ފަހު ވީޓީވީއާ ގުޅި އޭނާ ވަނީ ނޫސްވެރިކަމުގެ މުޅިން އާ ތަޖުރިބާ ތަކެއް ހޯއްދަވައިފައެވެ. އެސިސްޓަންޓް ވީޑިއޯ ޖަރނަލިސްޓެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޚަބަރު ހޯދުމާއި އުފެއްދުމުގެ އިތުރުން ވީޑިއޯކުރުމާއި އެޑިޓްކުރުމަކީ ފަރިޔާޒު ވީޓީވީއާ ގުޅުމަށްފަހު ކުރު މުއްދަތެއްގައި ހޯދި ހުނަރެވެ. ފަރިޔާޒަކީ ކަންކަމުގައި އިސްނަގަން ކެރޭ، މީހުންނާ ގުޅިގެން އުޅޭ ހިތްހެޔޮ މިޒާޖެއްގެ ނޫސްވެރިއެކެވެ. އެހެން ކަމުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ފަރިޔާޒަކީ ކުޅިވަރު ކޮމިއުނިޓީއާ އެންމެ ގާތް އެއް ނޫސް ވެރިޔަކަށް ވިޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

މޮޅު ފުޓުބޯޅަ ކުޅުންތެރިން އެއްޓީމުން އަނެއްޓީމަށް ބަދަލުވާ ވާހަކަ އަކީ ފަރިޔާޒުފަދަ ކުޅިވަރު ނޫސްވެރިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭ ވާހަކަ ތަކެވެ. ފަރިޔާޒަށްވެސް މިވަނީ އެކަހަލަ ގޮތެއް ބާއެވެ. ދެފަހަރެއްގެ މަތިން ވީޓީވީގައި ވެސް މަސައްކަތް ކުރިއެވެ. ހަމައެހެންމެ ރާއްޖެ ޓީވީ ގައި ވެސް ފަރިޔާޒު މަސައްކަތް ކުރަނީ ދެވަނަ ފަހަރަށެވެ. މިކަން ފަރިޔާޒު ސާފުކޮށްދިނީ ވަރަށް ހިތްހަމަ ޖެހިގެން ހުރެއެވެ. ސަބަބަކީ އޭނާ ދެވަނަ ފަހަރަށް ރާއްޖެ ޓީވީއަށް އައީ އޭނާގެ ނޫސްވެރިކަމުގެ ޙަޔާތުގެ "ބޮޑު އުއްމީދު" ޙާޞިލު ވާނެ ކަމުގެ ފެހި ސިގްނަލް ރާއްޖެ ޓީވީން އޭނާ އަށް ދިނުމުންނެވެ. އެއީ ރާއްޖެ ޓީވީން އަލަށް ފެށްޓުމަށް މަސައްކަތް ކުރަމުންދާ ޚާއްޞަ ކުޅިވަރު ޗެނަލްގައި އިސް ކޮށް މަސައްކަތް ކުރުމެވެ. މިއީ ކުޅިވަރު ދާއިރާގައި އުޅޭ ފަރާތްތަކާއި އަދި ކުޅިވަރަށް ލޯބިކުރާ އެންމެންނަށްވެސް ވަރަށް އުފާވެރި ޚަބަރެކެވެ. ނަމަވެސް ހިތާމައަކީ މި ރޯދަމަހު ފަށަން ޕްލޭންކުރެވި މަސައްކަތްކުރަމުން އައި ރާއްޖެ ޓީވީގެ ކުޅިވަރު ޗެނަލް ފެށުމަށްވެސް ކޮވިޑް ގެ ހިޔަނި އެޅިފައި ވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.