ކޮވިޑް- 19: ޓެންޒޭނިޔާގެ ގާނޫނުހަދާ މަޖިލީހުގެ 3 މެންބަރަކު އަވަހާރަވެ، އިދިކޮޅުން މަޖިލިސް ބޮއިކޮޓްކޮށްފި

ޓެންޒޭނިޔާގެ ވެރިރަށް ޑޮޑޯމާގައި ހުންނަ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ އިމާރާތް

މަރުގެ ހަގީގަތް ނޭނގޭ ގޮތަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި، ގާނޫނުހަދާ މަޖިލީހުގެ 3 މެންބަރަކު އަވަހާރަވުމާ ގުޅިގެން، ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތަަކުގައި ބައިވެރިނުވާން އެގައުމުގެ އިދިކޮޅު މައި ޕާޓީން ނިންމައިފިއެވެ.

އަވަހާރަވީ 3 ވަނަ މެންބަރަކީ ވަޒީރެކެވެ. ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް ޑޮޑޯމާގައި ކުއްލިގޮތަކަށް އަވަހާރެފައި ވަނީ ޖަސްޓިސް މިނިސްޓަރު އޮގަސްޓީން މަހީގާއެވެ. އުމެރުފުޅުން 74 އަހަރުގައި އޭނާ އަވަހާރަވީ ވާހަަކަ ހާމަކޮށްފައި ވަނީ ރައީސު ޖޯން މަގުފުލީ އީމޭލްކުރެއްވި ބަޔާނެއްގައެވެ. އެެ ބަޔާނުގައި އޭނާ އަވަހާރަވީ ސަބަބެއް ބަޔާންކޮށްފައި ނުވެއެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޖަސްޓިސް މިނިސްޓަރު އަވަހާރަވެފައި ވަނީ ކޮވިޑް- 19 ޖެހިގެންނެވެ.

މި މަރާ ގުޅިގެން  އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޗަދޭމާ ޕާޓީގެ ޗެއާމަން ފްރީމަން އެމްބޮވޭ ވަނީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެމްބޮވޭ ތަކުރާރުކޮށް ތުހުމަތުކުރައްވާފައިވާ ގޮތުގައި ސަރުކާރުން ދަނީ ކޮވިޑް- 19 އެ ގައުމުގައި ފެތުރިފައިވާ މިންވަރު ސިއްރުކުުރުމަށް މަސައްކަތްކުރަމުންނެވެ.

ޖަސްޓިސް މިނިސްޓަރު އަަވަހާރަވުމުގެ ކުރިން އެޕްރީލް މަހުގެ 20 ވަނަ ދުވަހު މެންބަރު ގެޓްރޫޑް ރުވަކަޓާރޭ އަވަހާރަވެފައި ވާއިރު، އެޕްރީލް މަހުގެ 29 ވަނަ ދުވަހު މެންބަރު ރިޗަޑް އެންޑާސާ ވަނީ އަވަހާރަވެފައެވެ. މި ދެބޭފުޅުން އަވަހާރަވީ ސަބަބެއް ވެސް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

"ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި، ޓެންޒޭނިޔާގެ އެހެން ރައްޔިތުން ކޮވިޑް- 19 ގެ ސަބަބުން ދުނިޔެ ދޫކުރާ ވާހަކަ އިވެމުންދާތީ އަހަރުމެން ހިތާމަކުރަން." 21 ދުވަހަށް ގާނޫނުހަދާ މަޖިލީހުގެ މަސައްކަތް މެދުކަނޑާލައި، ހުރިހާ މެންބަރުންނާއި، މުވައްޒަރުން ކޮވިޑް- 19 އަށް ޓެސްޓުކުރަން ގޮވާލައްވައި އިިދިކޮޅު ލީޑަރު ފްރީމަން އެމްބޮވޭ އިއްޔެ ނެރުއްވި ބަޔާނެއްގައި ވެއެެވެ.

ގާނޫނުހަދާ މަޖިލީހުގެ މެންބަރަކު ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާކަން ފާއިތުވި އެޕްރީލް މަހުގެ ތެރޭގައި ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް، ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައެވެ.

"އަހަރުމެން ގަބޫލުކުރާ ގޮތުގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ، ޓެންޒޭނިޔާގެ އާއްމު ރައްޔިތުން ރައްކާތެެރި ކުރަން އިތުރަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ކަމާބެހޭ ފަރާތްތަކަށް އަދި ގޮތެއް ނުނިންމިގެން އުޅޭއިރު، ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި އަހަރުމެންގެ މެންބަރުން ޖެހެނީ ވަގުތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގަންނަވަން." އެމްބޮވޭގެ ބަޔާނުގައި ވެއެވެ.

އޭނާ ވަނީ އިދިކޮޅު މެންބަރުން ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގެން. ދެ ހަފުތާއަށް އަމިއްލަފުޅަށް ކަރަންޓީނުވެވަޑައިގަތުމަށް ގޮަވައިލައްވާފައެވެ.

ޓެންޒޭނިޔާގެ ރަަސްމީ ތަފާސް ހިސާބުން ދައްކާގޮތުގައި އެ ގަައުމުގައި 480 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 16 މީހަކު މަަރުވެފައި ވެއެވެ. ފާއިތުވި 9 ދުވަހުގެ ތެރޭގައި މިއަދު އަޕްޑޭޓްކޮށްފައި ނުވެއެވެ.

ޓެންޒޭނިޔާގެ ރައީސު ޖޯން މަގުފުލީ އަކީ ކޮވިޑް- 19 ސީރިއަސްކޮށް ނުނަންގަވާ ލީޑަރުންގެ ތެރެއިން ބޭފުޅެކެެވެ. ޓެންޒޭނިޔާގެ ހެލްތު މިނިސްޓްރީން ކޮންމެ ދުވަހަކު ކޮވިޑް- 19 ގެ އަޕްޑޭޓް ހާމަކުރަމުން އަންނަނިކޮށް، ފާއިތުވި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ރައީސު މަގުފުލީ ވަނީ ހެލްތު މިނިސްޓްރީން "ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްނީ" ކަމަށް ވިދާޅެވެ އެކަން ހުއްޓުމަށް އަންގަވާފައެވެ.

އެ ގައުމުގެ ސްކޫލްތަކާއި، ޔުނިވަސިޓީތައް ބަންދުކޮށްފައި ވިޔަސް، ވިޔަފާރިއާއި ދަތުރުފަތުރު ބަންދުކޮށްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.