ކޮވިޑް- 19: ރަައީސު ޓްރަމްޕް އަދިވެސް ވިދާޅުވަނީ ކޮވިޑް- 19 އަކީ ޗައިނާގެ އުފެއްދުމެއް ކަމަށް

އެމެެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ ވައިރަސް ފެތުރެން ފެށުމުގައި އިންސާނުންގެ އަތެއް ނެތް ކަމެއް

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އޭނާގެ އިންޓެލިޖެންސް އެޖެންސީތަކުގެ ރިޕޯޓު ގަބޫލުނުކުރައްވައި، އަދިވެސް ވިދާޅުވަމުން ގެންދަވަނީ ކޮވިޑް- 19 ބަލި ފަތުރާ ނޮވެލް ކޮރޯނާ ވައިރަސްއަކީ ޗައިނާގެ އުފެއްދުމެއް ކަމުގައެވެ.

ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައި ވަނީ ކޮވިޑް- 19 ފެށުމަކީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ކަން އޭނާއަށް ޔަގީންވެވަޑައިގަަންވާ ކަމުގައެވެ. އަދި އެކަން "ވަރަށް ވަރަށް ގަދަޔަށް" ބައްލަވަމުން ގެންދަވާ ކަމުގައެވެ. އޭނާ ވަނީ މިކަމާ ބެހޭ ހެކިތައް ފެނިވަޑައިގެންފައިވާ ކަމަށްވެެސް ވިދާޅުވެފައެވެ.  އެހެނަސް، "އަހަރެންނަށް އެކަން ކުރުމުގެ ހުއްދައެެއް ނެތް" ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ދެއްވަން ދެކޮޅުހައްދަވާފައެވެ.

ރައީސު ޓްރަމްޕް މިހެން ވިދާޅުވަމުން ގެންދެވި ނަމަވެސް، ހަމަ ބުރާސްފަތި ދުވަހުގެ ކުރީގެ ވަގުތެއްގައި، އެމެރިކާގެ އެކްޓިންގ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ރިޗަޑް ގްރެނެލް ވަނީ ރައީސު ޓްރަމްޕް ވިދާޅުވާ ބަސްފުޅާ އިދިކޮޅު ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި "ސައިންސުވެރިންގެ އާއްމު ވިސްނުމާ އެއްގޮތަށް، ޖާސޫސީ އިދާރާތަކަށް އެއްބަސްވެވޭ ގޮތުގައި ކޮވިޑް- 19 ވައިރަހަކީ އިންސާނުންގެ އުފެއްދުމެއް ނޫނެެވެ. ނުވަތަ އެހެންވައިރަސް އެކަށް ޖެނެޓިކް ގޮތުން ބަދަލުގެނެސްގެން އުފައްދާފައިވާ ވައިރަހެއް ނޫނެވެ." އިިންޓެލިޖެންސް ކޮމިއުނިޓީ ސްޓޭޓްމަންޓް އޮން އޮރިޖިންސް އޮފް ކޮވިޑް-19" ގެ ނަމުގައި ނެރުނު ބަޔާނުގައި ވެއެވެ.

ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު މި ބަޔާާނާ ބެހޭގޮތުން ރައީސު ޓްރަމްޕަށް ސުވާލުދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ބަޔާނެއް ފެނިފައި ނުވާކަމުގައެވެ.

ރައީސު ޓްރަމްޕް އަދިވެސް ވިދާޅުވަމުން ގެންދަވަނީ އެމެރިކާއިިން "އެކަން ހިނގާފައި ވަނީ ކިހިނެއްތޯ ހޯދަމުން" ކަމުގައެވެ.

"ހިނގާފައިވަނީ ވަރަށް ނުރައްކާތެެރި ކަމެއް." ރައީސު ޓްރަމްޕް ވިދާޅުވިއެވެ. "އެ (ވައިރަސް) ފެށުނީ އޮޅުމަކުންތޯ، ނުވަތަ އޮޅުމަކުން ފެށުމުން، އެއިން އެހެން އެއްޗެއް އުފެއްދީތޯ. ނުވަަތަ ބަޔަކު ގަސްތުގައި ބަޔަކު އެ އުފެއްދީތޯ" އޭނާ ސުވާލު އުފެއްދެވިއެވެ.

ޗައިނާއާ ވަރަށް ގުޅުން ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން މީގެ ދުވަސްކޮޅެއް ކުރިން ވާހަކަފުޅު ދެއްކެވުމަށްފަހު، މިހާރު ރައީސު ޓްރަމްޕް ގެންދަވަނީ ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ވައިރަސް ފެތުރުނު މައްސަލައިގައި ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވަމުންނެވެ.

ޗައިނާކައި ކޮވިޑް- 18 ފެތުރުން މިހާރު ކޮންޓުރޯލުކުރެވިފައި ވާއިރު، އެމެރިކާގައި މި ބަލި ދަނީ އަދިވެސް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެމެރިކާގައި މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބަލީގައި 63 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.