އަހަރެން ދުނިޔެ ދޫކޮށް ދާނީ ހެމުން: ރިޝީ ކަޕޫރް

އިންޑިއާގައި ލޯބީގެ ފިލްމު ކުޅުމަށް މަޝަހޫރު ވެގެން ދިޔަ ފިލްމީ ތަރި "ޗޮކްލެޓް ބޯއި" ރިޝީ ކަޕޫރު މިއަދު ހެނދުނު މަރުވެއްޖެއެވެ. އޭނާ މަރުވީ ނޭވާލާން އުނދަގޫ ވެގެން ރޭގެ ވަގުތެއްގައި ހަސްފަތާލަށް ގެންދެވި ފަރުވަ ދެމުން ދަނިކޮށް މިއަދު ހެނދު މާލޭ ގަޑިން 8.15 ގައެވެ. ރިޝީ ކަޕޫރުވަނީ މީގެ ދެތިން އަހަރު ކުރީއްސުރެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ރިޝީ ކަޕޫރަކީ އިންޑިއާގައި "ދަ ޝޯވމޭން" ގެ ނަމުން މަޝްހޫރު ވެގެން ދިޔަ ރާޖް ކަޕޫރުދެ ދެވަނަ ފިރިހެން ދަރިފުޅެވެ. އޭނާގެ މުޅި އާއިލާއަކީ ފިލްމީ އާއިލާއެކެވެ. ކާފަ ޕްރިތިވް ރާޖް ކަޕޫރަކީވެސް އެކްޓަރެކެވެ. އަދި ޕރޮޑިއުސަރެއްވެސް މެއެވެ. ބޮޑުބޭބެއިން ކަމުގައިވާ ޝަޝީ ކަޕޫރާއި ޝައްމީ ކަޕޫރަކީވެސް މޮޅު ދެ އެކްޓަރުންނެވެ. ބޭބެ ރަބްދީރަ ކަޕޫރާއި ކޮއްކޮ ރާޖިވް ކަޕޫރަކީވެސް އެކްޓަރުންނެވެ. މީގެ އިތުރަށް މަންމަ ފަރާތު ދެ ބޮޑު ބޭބެއިން ކަމުގައިވާ ޕްރޭމްނާތާއި ނަރެންދްރަނާތާއި ރާޖެންދްރަނާތަކީވެސް ނުބައިބައި ކުޅުމާއި ހެއްވާ ބައި ކުޅުމުގައި ކުރިއަރައިގެން އައި މަޝްހޫރު ދެތަރިންނެވެ. ބޮޑުބޭބެ (ބޮޑުދައިތަގެ ފިރިހީމާ) ޕްރޭމް ޗޯޕްޅާއަކީ މަޝްހޫރު ނުބައިބައިކުޅުންތެރިއެކެވެ.

މީގެ އިތުރަށް ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރް ކަޕޫރާއި ބޮޑޫބޭބެ ދަރިންކަމުގައިވާ ކްރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރަކީވެސް މަޝްހޫރު ދެތަރިންނެވެ.

ރިޝީ ކަޕޫރު އުފަންވީ 4 ސެޕްޓެމްބަރ 1952 ގައި މުމްބައިގެ ޗެމްބޫރުގައެވެ. އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ1970 ވަނަ އަހަރު ނުކުތް "މޭރާ ނާމް ޖޯކަރ" އެވެ. އެ ފިލްމުން އޭނާއަށް ވަނީ ގައުމީ އިނާމު ލިބިފައެވެ. މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ނުވިއެވެ. އޭގެ ފަހުން ބަޠަލެއްގައި ކުޅުނު ފުރަތަމަ ފިލްމަކީ 1973 ވަނަ އަހަރު ނުކުތް މަޝްހޫރު "ބޮބީ" އެވެ. މި ފިލްމުން އޭނާއަށް ވަނީ ފިލްމުފެއަރ އިން ދޭ އެންމެ މޮޅު އެކްޓަރުގެ އިނާމު ލިބިފައެވެ. މި ދެ ފިލްމަކީވެސް އޭނާގެ ބައްޕަ ރާޖް ކަޕޫރު އުފެއްދި ދެ ފިލްމެވެ. މި ދެ ފިލްމު ކުޅުމުގެ ކުރިން އޭނާ ވަނީ ވަރަށް ކުޑައިރު ބައްޕަ އުފެއްދި ފިލްމެއް ކަމުގައިވާ "ޝްރީ 420" ގައި ބައިވެރިވެފައެވެ. އެ ފިލްމުގެ ލަވައެއް ކަމުގައިވާ "ޕިޔާރް ހުވާ އިގްރާރް ހުވާ..." ގައި ވާރޭގައި ހިނގައިފާ ކުޑަ ކުއްޖެއްގެ ގޮތުގައި ފެންނަނީ ރިޝީ ކަޕޫރެވެ. އޭނާ ބުނި ގޮތުގައި އެ މަންޒަރުގައި ބައިވެރިވާން އެއްބަސްވީ ފިލްމުގެ ބަޠަލާ ނަރްގިސް އޭނާއަށް ޗޮކްލެޓު ދިނީމައެވެ.

ފިލްމު "މޭރާ ނާމް ޖޯކަރ" ގެ ނާކާމިޔާބީގެ ސަބަބުން ރާޖް ކަޕޫރު ދަރަނިވެރިވިއެވެ. "ބޮބީ" އަކީ އެ ދަރިތައް ފޫބެއްދޭނޭ ގޮތެއް ހޯދުމުގެ ގޮތުން އުފެއްދި ފިލްމެކެވެ. އޭރުގެ އެންމެ މަޝްހޫރު ތަރިއަކީ ރާޖޭޝް ކަންނާއެވެ. އެކަމަކު ރާޖޭޝް ކަންނާ ލައްވައި ފިލްމެއް ކުޅުވޭ ވަރަށް ފައިސާ ނެތުމުގެ ސަބަބުން ރިޝީ ކަޕޫރު ލައްވައި ކުޅުވީއެވެ. އެ ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމުގައި ވެގެން ދިޔައެވެ.

1973 އާއި 2000 ވަނަ އަހަރާ ދެމެދު ރިޝީ ކަޕޫރު ވަނީ ލޯބީގެ 92 ފިލްމު ކުޅެފައެވެ. ފާހަގަ ކުރެވޭ ފިލްމުތަކުގެ ތެރޭގައި "ކޭލްކޭލްމޭނ" އާއި "ކަބީ ކަބީ" އާއި "އަމަރް އަކްބަރް އެންތަނީ" އާއި 'ޤަރްޒް" އާއި "ޗާނދްނީ" ހިމެނެއެވެ.

1989 ގައި ކުޅުނު "ޝަނދްނީ" އަށް ފަހު ފަހުން އަހަރުތަކެއް ވާންދެން ފިލްމީ ދުނިޔެއާއި ދުރުގައި އުޅުމަށް ފަހު ރިޝީ ކަޕޫރް ފިލްމީ ދުނިޔެއަށް އެނބުރި އައީ 2000 ވަނަ އަހަރުއެވެ. އެނބުރި އައުމަށް ފަހު ކުޅުނީ ކެރެކްޓަރ ރޯލުތަކެވެ. ފަހުން މަޝްހޫރު ވެގެން ދިޔަ ފިލްމު ތަކުގެ ތެރޭގައި "ލަވް އާޖްކަލް" އާއި "އަގްނީޕަތު" އާއި "މުލްކް" ހިމެނެއެވެ. އެނބުރި އައިސް ކުޅުނު ފިލްމުތަކުން ރިޝީ ކަޕޫރު ސާބިތުކޮށް ދީފައި ވަނީ އޭނާއަކީ ފުރިހަމަ އެކްޓަރެއް ކަމުގައެވެ. ހަމައެކަނި ލޯބީގެ ބަޔަށް ކުޅަދާނަ ތަރިއެއް ނޫންކަމެވެ. ފިލްމު "އަގްނީޕަތު" ގައި އޭނާ ކުޅެފައި ވަނީ ނުބައި ބައެވެ. 2000 ވަނަ އަހަރުގެ ފަހުން ކުޅުނު ފިލްމުތަކަށްވެސް އޭނާއަށް ވަނީ އެތައް އިނާމެއް ލިބިފައެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް އިނބާމަކީ 2008 ވަނަ އަހަރު ލިބުނު ފިލްފެއަރ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑެވެ.

2019 ވަނަ އަހަރު ރިޝީ ކަޕޫރުގެ ދެ ފިލްމެއް ނުކުތެވެ. އެއް ފިލްމަކީ ހެއްވާ ފިލްމެއް ކަމުގައިވާ "ޖޫޓާ ކަހީންކާ" އެވެ. ދެވަނަ ފިލްމަކީ ޢިމްރާން ހާޝިމީއާއެކު ކުޅެފައިވާ "ދަ ބޮޑީ" އެވެ. މި ފިލްމު ނެރެފައި ވަނީ 13 ޑިސެމްބަރ 2019 ގައެވެ. މިއީ އޭނާގެ އެންމެ ފަހުގެ ފިލްމެވެ.

ރިޝީ ކަޕޫރު ކާވެނި ކުރީ އޭނާޔާއެކު ވަރަށް ގިނަ ފިލްމު ކުޅެފައިވާ މަޝްހޫރު ފިލްމީ ތަރު ނީތޫ ސިންގއާއެވެ. ދެމީހުންނަށް ވަނީ ދެ ދަރިން ލިބިފައެވެ. އެއީ ރިދީމާ ކަޕޫރާއި ރަންބީރް ކަޕޫރެވެ. ރަންބީރަކީ ފިލްމީ ތަރިއެކެވެ. ރިދީމާއަކީ ފެޝަން ޑިޒައިނަރެކެވެ.

ރިޝީ ކަޕޫރަށް ބޯންމެރޯ ކެންސަރު ޖެހިފައިވާކަން އެނގުނީ 2018 ވަނަ އަހަރުއެވެ. އޭނާ ފަރުވާ ހޯދަން ދިޔައީ އެމެރިކާގެ ނިވް ޔޯރކަށެވެ. ބަލިން ގާތްގަނޑަކަށް މުޅީން ކަހަލަ ގޮތަކަށް އަރައިގަނެވުނު ކަމަށް އާއިލާގެ ފަރާތުން އޭރތު އޮތީ ހާމަކޮށްފައެވެ. އެނބުރި އިންޑިއާއަށް އައީ 26 ސެޕްޓެމްބަރ 2019 ގައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ރޭ އޭނާއަށް ކުރިމަތިވީ މައްސަލައަކީވެސް ކެންސަރުގެ ސަބަބުން ކުރިމަތިވީ މައްސަލައެކެވެ.

ރިޝީ ކަޕޫރު މަރުވުމާ ގުޅިގެން އިންޑިއާގެ ވަރަށް ގިން ފިލްމީ ތަރިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަމީތާބް ބައްޗަށް ބުނާ ގޮތުގައި ރިޝީ ކަޕޫރު މަރުވުމުން އޭނާއަށް ވަނީ އަރައިނުގަނެވޭވަރުގެ ފުން ހިތާމައެއް ލިބިފައެވެ. ރިޝީ ކަޕޫރުގެ އެންމެ ގާތް އެއް އެކުވަރިޔަކު ކަމުގައިވާ ރާކޭޝް ރޯޝަން ބުނެފައިވާ ގޮތުގައި މިއަދު އޭނާ މުޅިން އެކަނިވެރިވެއްޖެއެވެ. ރިޝީ ކަޕޫރާއި ރާކޭޝް ރޯޝަންއާއި ޖީތެންދްރައަކީ މިސާލު ޖެހޭ ތިން އެކުވެރިންނެވެ.

ރިޝީ ކަޕޫރު ބުނި ގޮތުގައި ކަޕޫރު އާއިލާގެ މީހުންނަކީ އުޑުތަކާހަމައަށް މުނިފޫހިފިލުވުން އުފުލައިދޭ ބައެކެވެ. އޭނާ ގާތުން ދަންނަ މީހުންގެ ބަހުން ނަމަ އެއީ ދިރުއުޅުމަކީ "މަޖަލަކަށް" ހަދަން އާދަވެފައިވާ މީހެކެވެ. ރޭ ފަރުވާ ދިން ޑަކްޓަރުން ބުނި ގޮތުގައި އެންމެ ފަހު ވަގުތާ ހަމައަށް ރިޝީ ކަޕޫރު ދިޔައީ ޑަކްޓަރުންނާ ވާހަކަ ދައްކައި ހީނ ސަމާސާ ކުރަމުންނެވެ.

"ދިރިއުޅެވޭނީ އެންމެ ފަހަރަކުއެވެ. އުފާވެރިކަމާއެކު ދިރިއުޅުން ވޭތު ނުކުރެވިއްޖެ ނަމަ ހިތާމަ ކޮށް އަލުން ފަށައިގެން ދިރިއުޅޭނޭ ފުރުސަތެއް ނުލިބޭނެއެވެ. އެހެންވީމާ ހޭނށެވެ. އުފާ ކުރާށެވެ. މަޖާ ކުރާށެވެ." އިންޑިއާގެ "ޓައިމްސް ނަވް" އަށް ދިން ބަސްދީގަތުމެއްގައި ރިޝީ ކަޕޫރު ބުންޏެވެ. "އަހަރެން ދުނިޔެ ދޫކޮށް ދާނީ ހެމުން... އުފަލުން..."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.