އެކަކު އަނެކަކަށް އެހީތެރިވޭ، އަހަންނަށް އިންތިޒާރުކުރޭ: ޢިރްފާން ޚާން

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޢިރްފާން ޚާން މިއަދު ނިޔާވެއްޖެއެވެ. ނިޔާވީއިރު އޭނާގެ އުމުރަކީ 53 އަހަރެވެ. ނިޔާވީ ކެންސަރު ބަލީގައެވެ.

އެކަކު އަނެކަކަށް އެހީތެރިވުމަށާއި އޭނާ އެނބުރި އަންނާނޭ ވަގުތަކަށް އިންތިޒާރު ކުރާށޭ ބުނުއްވައި ދެއްކެވި ވާހަކައަކީ އޭނާ އެންމެ ފަހުން އާއްމުންނާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކައެވެ. އެއީ އެންމެ ފަހުން އޭނާ ކުޅުއްވި ފިލްމު "އިނގްލިޝް މީޑިއަމް"ގެ ޓްރެއިލާގައި ދެއްކެވި ވާހަކަކޮޅެކެވެ. އޭނާ ބުނުއްވި ގޮތުގައި ބެލުންތެރިންނާ ސީދާ ބައްދަލު ކުރެއްވުމަކީ ކުރައްވާ ހިތްވާ ކަމެކެވެ. އެކަމަކު ހަށިގަނޑުގެ އެތެރޭގައި އުޅޭ "ނުރުހޭ މެހުމާނެއްގެ" ސަބަބުން އެކަން ކުރެއްވޭ ވަރު ނުވީއެވެ. ކެންސަރު ބަލީގައި އުޅުއްވި ނަމަވެސް މަސައްކަތް ކުރެއްވުމާއި ދިރިއުޅުމުގެ އަލި ފަރާތަށް ބެއްލެވުމަކީ ޢިރްފާން ޚާންގެ އާދައެއް ކަމަށް އޭނާގެ ގާތް މީހުންނާއި އާއިލާގެ މެންބަރުން ބުނެއެވެ. ޢިރްފާން ބުނުއްވާ ގޮތުގައި އެ ނޫން ގޮތެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. ބަދަލު ނުކުރެވޭނޭ ހާލަތަކާ ދިމާވީމާ ފަހި ވިސްނުމެއްގެ ތެރެއަށް ވަނުން ނޫން ގޮތެއް ނޯންނާނެއެވެ. ކެންސަރު ބައްޔަށް ބޭސް ކުރައްވާން އިނގިރޭސި ވިލާތުގައި އުޅުއްވި ދުވަސްވަރު އޭނާއަށް ތާއީދުކުރާ މީހުންނަށް ދޫކޮށްލެއްވި މެސެއްޖައި ލިޔުއްވިއެވެ. "އަހަރެން ހަތިޔާރު ބަހައްޓައިފީމެވެ." މިއީ އެންމެ ފަހު ދުވަސް ގާތް ވަމުން އަންނަކަން އިހުސާސް ކުރެއްވުނީމާ ލިޔުއްވި މެސެޖެއް ކަމަށް އޭރުވެސް ބެލެވުނެވެ. އެންމެ ފަހުގެ ވާހަކަކޮޅުގައި އޭނާ އިލްތިމާސް ކުރެއްވީ އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި އޭނާއަށް އިންތިޒާރު ކުރުމަށްވެސް އެދިލެއްވިއެވެ.

އިނގިރޭސިވިލާތުގައި ބައްޔަށް ބޭސް ކުރައްވައި އެކަށިގެންވާ މިންވަރަކަށް ފަސޭހަވެސް ވުމާއެކު އެނބުރި އިންޑިއާއަށް ދުރުވެ އޭރު މަސައްކަތް ކުރައްވަމުން ގެންދެވި "އިނގްލިޝް މީޑިއަމް"ގެ މަސައްކަތް މުޅިން ނިންމެވިއެވެ. އެޔަށްފަހު އަނެއްކާވެސް އިނގިރޭސި ވިލާތަށް ފަރުވާއަށް ދުރުވީއެވެ. އެނބުރި އިންޑިއާއަށް ދުރުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހާލު ދެރަވެގެން އައިސީޔޫއަށް ގެންދެވުނީ އިއްޔެގެ ވަގުތެއްގައެވެ.

ޢިރްފާން ޚާން އުފަންވީ 1966 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އިންޑިއާގެ ޖެއިޕޫރަށެވެ. އޭނާގެ އަސްލު ނަމަކީ ސާހިބްޒާދާ ޢިރްފާން ޢަލީ ޚާނެވެ. ބައްޕައަކީ އެއްގަމު އުޅަނދުފަހަރުގެ ފުރޮޅު ވިއްކާ މީހެކެވެ. ޢިރްފާން އެންމެ ފުރަތަމަ އުޅުއްވީ ކްރިކެޓް ކުޅުންތެރިއަކަށް ވެލައްވާށެވެ. އެކަމުގައި އެދެވޭ ކާމިޔާބީއެއް ހާސިލު ނުކުރެއްވުނީމާ ވެންނެވީ ޑްރާމާ އިސްކޫލަކަށެވެ. ތިއޭޓަރުގައި މަސައްކަތް ކުރެއްވުމަށް ފަހު ޓީވީ ގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރެއްވިއެވެ. އެންމެ ފުރަތަމަ ކުޅުއްވި ފިލްމަކީ އިނގިރޭސި ޕްރުޑިއުސަރެއް ކަމުގައިވާ ޢާޞިފް ކަޕާޑިއާގެ ފިލްމު "ދަ ވޮރިއަރ" އެވެ. އެ ފިލްމަކީ އެ އަހަރު އިނގިރޭސިވިލާތުގައި އޮތް ސެބާސްޓިއަން ފިލްމް ފެސްޓިވަލުގައި އެންމެ މޮޅު އިނގިރޭސި ފިލްމުގެ އިނާމު ހޯދި ފިލްމެވެ.

ބޮލީވުޑް ފިލްމު ކުޅުއްވުމުގެ އިތުރަށް ޢިރްފާން ޚާން ވަނީ ހޮލީވުޑްގައިވެސް މަސައްކަތް ކުރައްވައިފައެވެ. އޭނާގެ މަޝްހޫރު ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ސްލަމްޑޯގް މިލިއޮނަޔަރ" ހިމެނެއެވެ. މިއީ 8 އޮސްކަރ އިނާމު ހޯދި މޮޅު ފިލްމެކެވެ.

އޭނާ ވަނީ ފިލްމީ ދުނިޔޭގައި 30 އަހަރު ދުވަހު މަސައްކަތް ކުރައްވައިފައެވެ. އެތައް އިނާމެއް ވަނީ ހޯއްދަވައިފައެވެ. "ޕާންސިންގ ތޯމާރް" ގައި ކުޅުއްވި ބަޔަށް އޭނާއަށް ވަނީ ގައުމީ އިނާމު ލިބިލައްވައިފައެވެ. މީގެ އިތުރަށް ފާހަގަ ކުރެވޭ ބައެއް ފިލްމުގެ ތެރޭގައި އަމީތާބް ބައްޗަންއާއެކު ކުޅުއްވި ފިލްމު "ޕީކޫ" އާއި ޕާކިސްތާނުގެ ފިލްމީ ތަރިއަކާއެކު ކުޅުއްވި "ހިންދީ މީޑިއަމް" ހިމެނެއެވެ. "ހިންދީ މީޑިއަމް" އިން އޭނާ ވަނީ އެއްވަނަ އެކްޓަރުގެ ފިލްމްފެއަރ އިނާމު ހާސިލު ކުރައްވައިފައެވެ.

ޢިރްފާން ޚާންގެ އެންމެ ފަހު ފިލްމަކީ "އިނގްލިޝް މީޑިއަމް" އެވެ. މި ފިލްމު ނުކުތީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

ޢިރްފާން މަންމަ ސަޢީދާ ބޭގަމް ނިޔާވީ މީގެ ދެތިން ދުވަސް ކުރިންނެވެ. މަންމަ ގެ ޖަނާޒާގައި ޢިރްފާނަކަށް ބައިވެރިވެއެއް ނުލެއްވެއެވެ.

ބޮލީވުޑްގައި މަޝްހޫރުވެފައިވާ ގޮތުގައި ޢިރްފާން ޚާނަކީ "ލޮލުގެ" އެކްޓަރެކެވެ. އޭނާގެ ފުން ލޮލުގެ އިޝާރާތުން ދައްކަވާ ހުނަރު އެހެން ތަރިއެއްގެ ކިބަޔަކުން ނުފެނެއެވެ. ޢިރްފާނަކީ ވަރަށް ހިތްހެޔޮ އަޚްލާގު ރަނގަޅު އެކްޓަރެއް ކަމަށް އޭނާ ދަންނަ މީހުން ބުނެއެވެ. މީހަކު ގުޅާ ފޯނެއް ނުނެންގެވިއްޖެނަމަ އެއީ ކޮންމެ މީހަކަށް ވިޔަސް، ފަހުން ގުޅުއްވައިފައި މައާފަށް އެދިލައްވައި ފޯނު ނުނެންގެވުނު ސަބަބު ސާފުކޮށްދެއްވާ ކަމަށް ވެއެވެ. މީސްމީހުނާ ޒުވާބު ކުރެއްވުމާއި ވަކި ފަންތިއެއްގެ މީހަކަށް ވާތީ ދެރަކޮށްލުމުގެ ކަމެއް ދުވަހަކުވެސް ނުކުރައްވާ ކަމަށް ފިލްމީ ދާއިރާގެ މީހުން ބުނެއެވެ.

ޢރްފާން ޚާންގެ އަނބިކަނބަލުން ސުތާޕާ ސިކްދާރް ބުނުއްވިއެވެ. "ގެއަށް އައުމާއެކު ޢިރްފާން ދާނީ ނިދާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ބިންމަތީގައި އިށީނދެގެން އިނދެ މެންދަން ވާންދެން ފޮތް ކިޔުމަކީ އޭނާގެ އާދައެކެވެ. ފިލްމު ސްކްރިޕްޓް ކިޔައި ފިލްމަށް ރަނގަޅަށް ތައްޔާރު ވުމަކީވެސް އޭނާގެ އާދައެކެވެ."

ޢިރްފާން ނިޔާވީ ކެންސަރު ބަލީގައި 29 އޭޕްރީލް 2020 ގައި މުމްބައިގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.