މިއަދަކީ ދުނިޔޭގެ އިމޯޖީ ދުވަހެވެ. ދުނިޔޭގެ އިމޯޖީ ދުވަހުގެ ގޮތުގައި ޖުލައި 17 ހަމަޖައްސާފައިވަނީ އައިއޯއެސްގައި ހުންނަ ކަލަންޑަރު އިމޯޖީ އިން ފެންނަ ތާރީޚަކީ ޖުލައި މަހުގެ 17 ވަނަ ދުވަސް ކަމުގައި ވާތީއެވެ. މި ތާރީޚަކީ މެކްވޯލްޑް އެކްސްޕޯ 2002 ގައި ފުރަތަމަ ފަހަރަށް މެކް ކޮމްޕިއުޓަރުގައި އެޕަލް ކުންފުނީގެ ކަލަންޑަރު (އައިކަލް) ބޭނުން ކުރަން ފެށި ދުވަހެވެ. އެހެން އޮޕަރޭޓިންގ ސިސްޓަމް ތަކުގައި ބޭނުންކުރާ ކަލަންޑަރު އިމޯޖީގައި އޮންނަ ތާރީޚު ތަފާތު ވުމަކީ އެކަށިގެންވާ ކަމެކެވެ. އެކަމަކު އެހެން އޮޕަރޭޓިންގ ސިސްޓަމަކުން އައި ފޯނަކަށް ކަލަންޑަރު އިމޯޖީ ފޮނުވިޔަސް، އައިފޯނުން ފެންނާނީ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ތާރީޚެވެ.
އިމޯޖީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ހޭޝްޓެގަކީ ވަރލްޑް އިމޯޖީ ޑޭ އެވެ. ޓްވިޓަރ އާއި އިންސްޓެގްރާމް އަދި ފޭސްބުކްގައި މި ހޭޝްޓެގު ބޭނުންކޮށްގެން ޓެގު ކުރުމުން މިދުވަސް ފާހަގަ ކުރުމުގައި ބައިވެރިވެވޭނެއެވެ.
ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އާ އިމޯޖީ ތަކުގެ ތެރެއިން އެކި ކެޓެގަރީތަކުން މަގްބޫލު އިމޯޖީތައް ހޮވާނެއެވެ. އިމޯޖީޑޭ ވެބްސައިޓުގައި މިހާރުވަނީ ވޯޓަށް ހުޅުވައިފައެވެ. ޓުވިޓަރުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި އެމީހަކަށް އެންމެ ކަމުދާ އެއް އިމޯޖީ ނުވަތަ އެންމެ ކަމުދާ 50 އިމޯޖީވެސް ޓްވީޓު ކުރެވިދާނެއެވެ. ފޭސްބުކްގައި ވެސް މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތެއް ކުރިޔަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އިމޯޖީ އަކީ ކޮން އެއްޗެއް؟
ނުރަސްމީ މުއާމަލާތްތަކަށް މިހާރު މިވަނީ ހީވެސް ނުކުރާހާ ބޮޑު ބަދަލެއް އައިސްފައެވެ. މުއާމަލާތް ކުރުމަށް ބޭނުންކުރާ އެންމެ އާންމު ވަސީލަތަކީ ސްމާޓް ފޯނެވެ. ކުރިން ލިޔެފައި ފޮނުވަމުން ދިޔަ މެސެޖުތަކުގައި މިހާރު ގިނައިން ބޭނުން ކުރަނީ ކުދި ކުދި ތަސްވީރުތަކެވެ. އިމޯޖީ އެވެ. ގާތް މީހުންނާ މުއާމަލާތު ކުރަން ފަސޭހައީވެސް އިމޯޖީ ބޭނުންކޮށްގެންނެވެ. ހުރިހާ އުމުރު ފުރާއެއްގެ މީހުންވެސް މުއާމަލާތް ކުރާއިރު، ބޭނުންކުރާ އާލާތެއްގައި ހުންނަ އިމޯޖީތައް ބޭނުންކުރެއެވެ. އިޖްތިމާއީ މީޑިއާގެ އެކި މަންސަތަކުގައި ކުދި ކުދި ނިޝާންްތައް ނުވަތަ ތަސްވީރުތައް ބޭނުންކުރުން މިހާރު މިވަނީ އާއްމުވެފައެވެ.
ހިތުގެ އިހުސާސްތައް ބަންޑުންކޮށްލަނީ އިމޯޖީ ބޭނުންކޮށްގެންނެވެ. ވަރަށް ލޯބިވެޔޭ ބުނުމުގެ ބަދަލުގައި ފޮނުވަނީ ކުޑަ ކުޑަ ރަތް ހިތެކެވެ. ދެލޯ ހިތުގެ ބައްޓަމަށް ހުންނަ މޫނަކީ ވެސް ވަރަށް ގާތް މީހުންނަށް ފޮނުވާ އިމޯޖީއެކެވެ. އިމޯޖީތަކުން އުފަލާއި، ހިތާމަ، ރުޅިވެރިކަން ފަދަ ތަފާތު އިހުސާސްތައް ފާޅުކުރެވެއެވެ.
ބަހަވީން ދެކޭގޮތުގައި އިމޯޖީއަކީ މުއާމަލާތްކުރާއިރު ބަހުގެ އިތުރުން ބޭނުން ކުރާ އިޝާރާތްތަކެކެވެ. އެއީ އަތަށް ނުވަތަ މޫނަށް ނުވަތަ އެހެން ގޮތަކަށް ގެނެވޭ ހަރަކާތްތަކެވެ. އިމޯޖީތައް އުފައްދާފައިވަނީ ކޮންމެ އިމޯޖީއަކަށް ވެސް ވަކި މާނައެއް ކަނޑައެޅިގެންނެވެ. އެހެންނަމަވެސް އިމޯޖީތައް ބޭނުންކުރަނީ ޒާތީ މާނައިގައެވެ.
އޮކްސްފޯޑް ޑިކްޝަނަރީގެ 2015ވަނަ އަހަރުގެ ލަފުޒަކަށް ކަނޑައަޅާފައިވަނީ ވެސް އިމޯޖީއެކެވެ. ބަހަވީން ދެކޭ ގޮތުގައި މިއީ ވަރަށް ދެރަވަރު ނިންމުމެކެވެ. އެއީ ބަހަވީ އޮޅުންތަކަށް އިތުރުވި ބޮޅެކެވެ. އިމޯޖީ އަކީ ބަހެއް ނޫނެވެ. ބަސް ބޭނުންކުރާނެ ވަކި ހަމައެއް (ބަހުގެ ގަވައިދު) އޮވެއެވެ. އިމޯޖީ ބޭނުންކުރާނެ ވަކި ހަމައެއް ނޯވެއެވެ. ބަހުގެ ބައިތަކުގެ ތެރެއިން ވަކި ބަޔަކަށް އިމޯޖީ ފައްތާނަމަ ފެއްތޭނީ އެންމެ ބަޔަކަށެވެ. އެއީ 'އިންޓަރޖެކްޝަންސް" ގެ ދަށުންނެވެ. "އޯހ ނޯ" ފަދަ އިމޯޖީތަކުން ޖުމުލައެއް ނުހެދޭނެއެވެ.
ބަހެއްގައި ހުންނަންޖެހޭ ސިފަތައް ނެތްނަމަވެސް އިމޯޖީއަކީ ބަހެއްކަމަށް ކުރެވޭ ބަހުސްވެސް މަދެއް ނޫނެވެ. ބަހަވީން އިއްތިފާގުވާ ގޮތުގައި އިމޯޖީގެ ސަބަބުން ބަހަށްވެސް ބަހުގެ ގަވައިދަށްވެސް ނޭދެވޭ އަސަރެއް ނުކުރެއެވެ. އިމޯޖީއަކީ ވާހަކަ ދައްކާއިރު މޫނަށް ނުވަތަ އަތަށް ނުވަތަ ހަށިގަނޑަށް ގެނެވޭ ހަރަކާތްތަގެ ޑިޖިޓަލް ނިޝާނެކެވެ.