ޗައިނާއިން އިންޑިއާ ޚަބަރުދާރު ކޮށްފި

އަރައިރުން އުފެދިފައިވާ ސަރަހައްދީ އިމުން ސިފައިން ފަހަތަށް ނުޖައްސައިފިނަމަ "ލަދުވެތި ކަމަކާ" ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ، ޗައިނާގެ ސަރުކާރުން އިންޑިއާ ޚަބަރުދާރު ކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލަކު ވިދާޅު ވެފައިވާ ގޮތުގައި އިންޑިއާ އާއި ބޫޓާނުގެ ސަރަހައްދީ ތަނެއް ކަމުގައިވާ ޑޯކުލާމުން ސިފައިން ދުރަށް ނުގެންދަނީސް، އިންޑިއާ އާއެކު އެއްވެސް ވާހަކައެއް ޗައިނާއަކުން ނުދައްކާނެއެވެ.

އިންޑިއާއިން ބުނާ ގޮތުގައި އެ ތަނަށް ސިފައިން ފޮނުވީ އެ ތާނގައި އަލަށް ހަދާ މަގހެއްގެ މަސައްކަތް ހުއްޓުވާށެވެ. އެ ތަނަކީ ޗައިނާއިންވެސް އަދި ބޫޓާނުންވެސް މިލްކުވެރި ކަމަށް ދައުވާ ކުރަމުން ގެންދާ ތަނެކެވެ. އިންޑިއާއިން ދެކޭ ގޮތުގައި އެ މަގު ހަދައި ނިންމައިފިނަމަ، ޗައިނާއިން އިންޑިއާގެ މައްޗަށް ގަދަވެގަންނާން މަގު ފަހި ވާނެއެވެ.

މި ހައިޖާނު އުފެދުނީ މި ދިޔަ މަހުގެ ތެރޭގައެވެ. ޗައިނާއިން ބޭނުން ވަނީ ދޯކުލާމުގައި މަގެއް ހަދާށެވެ. ބޫޓާނުން ބޭނުން ވަނީ އެ މަސައްކަތް ހުއްޓުވާށެވެ. ބޫޓާނުން ބުނާ ގޮތުގައި އެއީ އެ ގައުމުގެ އިމުގެ ބައެކެވެ. އިންޑިއާއިން މި މަސައްކަތަށް ހުރަސް އަޅާން ސިފައިން ފޮނުވީ ބޫޓާނުގެ އެދުމަކަށެވެ. މި ސަރަހައްދުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު 1967 ވަނަ އަހަރުވެސް ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ. އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން މައްސަލައެއް ހިލިގެންފައި މައިތިރި ވެއެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މިއީ 1967 ވަނަ އަހަރުގެ ފަހުން ހައިޖާނު އެންމެ ބޮޑުވީ ދުވަސްވަރެވެ.

ޗައިނާއާއި އިންޑިއާގެ ސަރަހައްދީ އިމުގައި އޮންނަ ނައްތޫދަރާ އަކީ ހިންދޫންނާއި، ބުޑިސްޓުންގެ ޔާތުރާއިން (އަހަރަކު އެއް ފަހަރު މުސްލިމުން ހައްޖަށް ދާ ފަދައިން، ޚާއްސަ އަޅުކަމަކަށް ތައްޔާރު ކޮށްފައި ހުންނަ ބުދު ކޮއިލުތަކަށް ޒިޔާރަތްކުރާ މީހުން) ޓިބެޓަށް ދަތުރުކުރާ މަގެވެ. މީގެ ކުރީން ޗައިނާއިން ވަނީ އިންޑިއާއިން ދަތުރު ކުރި 300 ޔާތުރާއިންގެ ދަތުރަށް ހުރަސް އަޅައިފައެވެ. އެއީ ސަލާމަތީ ސަބަބުތަކެއް ހުރެގެން ކަމަށް ބުނެފައި ޗައިނާއިން ކުޅަ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.