މިހާރަކަށް އައިސް ސުކޫލުގައި ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ އަކީ ގުނަކުރާ ނަވަތަ ހިތު ދަސްކުރުމެއް ނޫނެވެ. ގަނާ ކުރުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސުކޫލު އާބާދީގެ ހަތަރުބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ދަރިވަރުން ގަނާ ކުރުމުގެ ޝިކާރައިގެ ގޮތުގައި ރިޕޯޓު ކުރެއެވެ. އޭގެ ސަބަބުން މާޔޫސީވާން މެދުވެރިވެއެވެ. އަދި ސުކޫލަށް ނުދާން ތަފާތު ބަހަނާ ދައްކައެވެ. ގަނާ ކުރުމަކީ ޕްރީ ސުކޫލުން ފެށިގެން މަތީ ސާނަވީ އާ ހަމައަށް ސުކޫލުގައި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ. އެހެންނަމަވެސް މާ ބޮޑު ސަމާލުކަމެއް ދެވޭ ކަމެއް ނޫނެވެ.
ގަނާ ކުރުން ހުއްޓުވުމުގެ ޕްރޮގްރާމެއް ފިންލެންޑުގެ ސުކޫލުތަކުގައި ދާދި ފަހުންވަނީ ފަށާފައެވެ. އެގޮތުން "ކިވާ" ކިޔާ ފްރޮގްރާމެއް ވަނީ ތައާރަފްކޮށްފައެވެ. މިނަން އުފައްދާފައިވަނީ ފިންލެންޑު ބަހުން "ގަނާ ކުރުމާ ދެކޮޅަށް"، މި ލަފުޒު ތަކުގެ ފެށޭ އަކުރުތައް ބޭނުންކޮށްގެންނެވެ. ފިންލެންޑުގެ މުރުޝިދުން (އެޑިއުކޭޓަރުން) މި ޕްރޮގްރާމު އުފައްދާފައިވަނީ ގަނާ ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށާއި، އަދި ގަނާ ކުރެވޭ ތަން ފެނިއްޖެނަމަ އަމަލު ކުރަންވީ ގޮތް ދަސްކޮށް ދިނުމަށެވެ.
ޕްރޮގްރާމުގެ އިންޓަރނޭޝަނަލް މެނޭޖަރ ޖޮއެނާ އެލަނިން ހާމަކޮށްފައިވާ ގޮތުގައި ގަނާ ކުރުމާ ދެކޮޅަށް ކުރަންވީ މުހިންމު ކަންތައް މި ޕްރޮގްރާމުން ދަރިވަރުންނަށް ދަސްވާނެއެވެ. ދަރިވަރަކަށް ގަނާ ކުރެވޭ ތަން ފެނުމުން ގަނާ ކުރެވޭ ދަރިވަރު ދިފާއު ކުރާނީތޯ ނުވަތަ ދެން އަމަލު ކުރާނީ ކިހިނެއްތޯ ދަސްވާނެއެވެ. އެކުދީންގެ އަމަލު ކުރާ ގޮތަކުން އާ ހާލަތަކަށް މަގު ފަހިވާނެ ކަންވެސް އެނގޭނެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ފިންލެންޑުގެ ސުކޫލުތަކުގައި ގަނާ ކުރުން ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާ ކަމަށް ފިންލެންޑުގެ މުރުޝިދުން ފާހަގަ ކުރެއެވެ. މިހާރު އެއްކުރެވިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މާޔޫސީ އަށް ވެސް މި ޕްްރޮގްރާމުން ހައްލެއް ހޯދޭނެއެވެ. އަދި ގަނާ ކުރުން ތަހައްމަލު ކޮށްފައިވާ ދަރިވަރުން އަމިއްލަ ނަފުސަށް އިތުބާރު ކުރުވަން ވެސް މި ޕްރޮގްރާމުގެ ސަބަބުން މަގު ފަހިވާނެއެވެ.
ގަނާ ކުރުމާ ދެކޮޅަށް މި ޕްރޮގްރާމުން ފާހަގަކުރެވޭ ކާމިޔާބީއެއް ހޯދާފައިވާތީ މި ޕްރޮގްރާމު ތަންފީޒު ކުރުމާ މެދު އެހެން ގައުމުތަކުންވެސް ދަނީ ވިސްނަމުންނެވެ. އެގޮތުން އިޓަލީ އާއި ނެދަރލޭންޑްސް އާއި އިނގިރޭސިވިލާތުން ދަނީ އެ ގައުމުތަކުގެ ސުކޫލުތަކުގައި މި ޕްރޮގްރާމު ޓެސްޓު ކުރަމުންނެވެ. އަދި އެމެރިކާ އިން ދަނީ މި ޕްރޮގްރާމް އިތުރަށް ދިރާސާ ކުރަމުންނެވެ.
ބައެއް ދަރިވަރުންނަކީ ސުކޫލު މާހައުލުގައި ދުވަހީ ގޮތެއްގައި ގަނާ ކުރުން ތަހައްމަލު ކުރާ ކުދީންނެވެ. ޖޮއެނާ އެލަނިން ހާމަކޮށްފައިވާ މި ޕްރޮގްރާމުން އެފަދަ ކުދީންނަށް ވެސް ރައްކާތެރިކަން ފޯރުކޮށްދެވެއެވެ. އެއީ ގަނާ ކުރެވޭ ވެށީގައި ތިބޭ އެހެން ދަރިވަރުންނަށް އެފަދަ ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީ އެކުދީންގެ ދިފާއުގައި މަސައްކަތް ކުރަން އެނގޭނެތީއެވެ.