ކާމިޔާބީގައި ނިޔަނެތިކަން ޚިޔާރު ކުރުމަށާއި ބާރު ލިބުމުން ޒިންމާދާރުވުމަށް އެމެރިކާގެ ކުރީގެ ދެރައީސުން ކަމުގައިވާ ޖޯޖް ޑަބްލިއު ބުޝްްއާއި ބިލް ކްލިންޓަން އިލްތިމާސް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ޑަލާސްގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ކްލިންޓަން އާއި ބުޝް ވިދާޅުވީ އެ ދެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ އިހްތިރާމާއި އޮންނަ ގުޅުން ބަދަހިވެގެން ދިޔައީ ކާމިޔާބީގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްްވި އިހްތިރާމާއި ގަދަރުގެ ސަބަބުން ކަމުގައެވެ.
އެއްގަޑިއިރަށް ދެމިގެން ދިޔަ މި ފޯރަމްގައި ދެބޭފުޅުންވެސް އެންމެ ފަހަރަކުވެސް ރައީސް ޓްރަމްޕްގެ ނަންފުޅު ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ނުސީދާކޮށް ޓްރަމްޕަށް އިޝާރާތް ކުރެއްވިއެވެ.
ކްލިންޓަން އާ ބެހޭ ގޮތުން ބުޝް ވިދާޅުވިއެވެ. "އެ މަނިކުފާނު ކާމިޔާބީގައި ނިޔަނެތިކަން އިސްކުރެއްވި. އެއީ އެއްބޭފުޅަކު އަނެއް ބޭފުޅަކާ މުއާމަލާތު ކުރުމަށް ވަރަށް މުހިއްމު ކަމެއް."
ކްލިންޓަން ވިދާޅުވިއެވެ. "ރައީސަކަށް ވާން ބޭނުންނަމަ އެއީ ތިމާގެ އަމިއްލަ ކަމެއް ކަމުގައި ނުދެކޭތި. ދެކެންވާނީ އެއީ ރައްޔިތުންގެ ކަމެއް ކަމުގައި."
ކްލިންޓަން އާއި ބުޝް ބައިވެރިވެ ވަޑައިގެންނެވި ފޯރަމަކީ 'ޕްރެޒިޑެންޝަލް ލީޑަރޝިޕް ސްކޮލަރސް' ގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ. މިއީ ކްލިންޓަން އާއި ބުޝް، ލިންޑަން ޖޯންސަން އަދި އެޗް ޑަބްލިއު ބުޝްގެ ޕްރެޒިޑެންޝަލް ސެންޓަރުތައް ގުޅިގެން ލީޑަރުން ތަމްރީނު ކުރުމަށް ހިންގާ މަޝްރޫއެކެވެ. 'ޖޯޖް ޑަބްލިއު ބުޝް ޕްރެޒިޑެންޝަލް ލައިބްރަރީ' ގައި ބޭއްވި މި ހަރަކާތުގައި 300 ދަރިވަރުން ބައިވެރިވިއެވެ.
ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ރައީސް އޮބާމާ އަށާއި ރިޔާސީ ރޭހުގައި އެމަނިކުފާނާއި ވާދަކަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ދަސްވެނިންނާ މުޚާޠަބުކުރައްވައި ބުޝް ވިދާޅުވީ އެމަނިކުފާނު ރައީސްކަން ކުރެއްވިއިރު ރައީސް ކްލިންޓަންގެ ލަފާ ފުޅު ހޯއްދަވާ ކަމުގައެވެ. ބުޝްއާ އޮފިީސް ހަވާލުކުރެއްވި އިރު އެހީފުޅަކަށް ބޭނުންފުޅުވެ ވަޑައިގެންފިނަމަ އެހީވާނެ ކަމަށާއި އަދި އާއްމު ތަންތާގައި ބުޝްގެ އަގު ވައްޓަވައި ނުލައްވާނޭ ކަމަށާއި އެ މަނިކުފާނަށް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ކްލިންޓަން ވިދާޅުވިއެވެ.
ދެބޭފުޅުންވެސް ފާހަގަ ކުރެއްވިގޮތުގައި ރައީސްކަމުގައި ދެދައުރު ހޭދަކުރެއްވުމަށް ފަހު މިހާރުގެ ދިރިއުޅުއްވުމާ މެދު ވަރަށް ހިތްހަމަ ޖެހިވަޑައިގަނެއެވެ. އަދި އޮފީހުގައި ހޭދަކުރެއްވި 8 އަހަރުގެ ބަދަލަށް އެބޭފުޅުންގެ ހައިސިއްޔަތާއި ޝަޚްޞު ވިއްކަވައި ނުލައްވާނެ ކަމަށް ދެބޭފުޅުންވެސް ވިދާޅުވިއެވެ. އެއީ އެބޭފުޅުންގެ ކޮންމެ ނިންމެވުމެއްގެ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ފޯރާނެތީ ކަމަށް ބުޝް ވިދާޅުވިއެވެ. އަދި ނިޔަނެތި ކަމާއި މަޑުމައިތިރި ކަމަކީ ކޮންމެ ރައީސެއްގެ ކިބައިގައި ވެސް ހުންނާން ޖެހޭނެ ސިފައެއް ކަންވެސް ބުޝް ފާހަަގަ ކުރެެއްވިއެވެ.
ކްލިންޓަން ފާހަގަ ކުރެއްވިގޮތުގައި ފާޑު ކިޔުންތަކަށް އަޅައިނުލައްވައި ދޫކޮށްލައްވައިފިނަމަ ތިމާގެ ގާބިލު ކަމާދެތެރޭ މީހުން ސުވާލު އުފައްދަފާނެއެވެ. އެހެންނަމަވެސް ރައީސެއްގެ ހަމައެކަނި ޒިންމާއަކީ ފާޑުކިޔުންތަކަށް ރައްދު ދެއްވުން ކަމުގައިވެއްޖެނަމަ ރިޔާސީ ކެމްޕެއިންގައި ކުރައްވައިފައިވާ ވައުދުތަކެއް ނުފުއްދޭނެއެވެ.
ސިޔާސީ ކަންކަމުގައި އުޅޭ އިރު ދިމާވާ އެންމެ ފައްކާ ކަމަކީ އެމީހަކީ ކަމަށް ގާބިލު މީހެއް ނޫންކަމުގެ އަޑުތައް އާދަވެގެން އިވުން ކަމަށްވެސް ކްލިންޓަން ވިދާޅުވިއެވެ.