ރަމަޟާން މަހަށް ޝަބާ ދެއްވީ އަގުހުރި މެސެޖެއް!

އަލްއުސްތާޛާ މަރިޔަމް ޝަބާނާ އަކީ ރާއްޖޭގެ ފުރަތަ އަންހެން ޢިލްމުވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. މި ޢިލްމުވެރިޔާ ވަނީ ޝަރީޢާ އިސްލާމިއްޔާގެ ދާއިރާއިން ޑިގްރީ ޙާޞިލްކުރައްވައިފައެވެ. އަދި ފިޤްހު ވަލް އުޞޫލުލް ފިޤްހުން މާސްޓަރ ޑިގްރީ ވެސް ޙާޞިލްކުރައްވައިފައެވެ. މިވަގުތު ރަސްމީ ވަޒީފާއެއްގައި ނޫޅުއްވި ނަމަވެސް ޝަބާއަކީ ޙައްޖު ކޯޕަރޭޝަނާއި ސީ.އެމް.ޑީ.އޭ އާއި ލިޓަސް އޮޓޮމޮބައިލްސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމެޓީގެ މެމްބަރެކެވެ. އިސްލާމް މާއްދާއިން ޓިއުޝަން ދެއްވުމުގެ އިތުރުން ދީނީ ގޮތުން ކައުންސިލިންގ ދެއްވުމަކީ ގޭގައި ހުންނަވައިގެން އޭނާ ކުރައްވާ މަސައްކަތެވެ.

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކަށް "ޙަލާލު ސެޓުފިކެޓް" ދޫކުރުމާ ބެހޭ ޤަވާއިދާއި އުޞޫލުތައް ހެދުމުގެ މަސައްކަތަކީ ކުރިން ރަސްމީކޮށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ޝަބާ ކުރައްވައިފައިވާ ފާހަގަ ކޮށްލެވޭ މަސައްކަތެވެ. ފިޤުހު އެކަޑަމީގެ މެމްބަރެއްގެ ގޮތުގައި 2012 – 2015 އަށް މަސައްކަތްކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީގެ މުޝްރިފު މުސާޢިދެއްގެ މަޤާމުގައި 2007 - 2018 އަށް މަސައްކަތް ކުރެއްވިއެވެ. ދީނީ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުންން ރަސްމީ ގޮތުންނާއި އަމިއްލަ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ރަށްރަށުގައި ދީނީ ނަޞޭހަތް ދެއްވިއެވެ.

ޘަވާބާއި ދަރުމައިގެ، ރަޟާން މަހަށް ތައްޔާރުވުމަށްޓަކައި ނަފްސު އިޞްލާޙު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ޝަބާ ދެކެވަޑައިގަންނަވައެވެ. ނަފްސު ޠާހިރުކުރުމެވެ. ފާފަތަކުން ތަވްބާވުމެވެ. މުސްލިމުން އަޚުންނާއިމެދު ހިތްސާފުކޮށް އީމާންކަން ވަރުގަދަ ކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި ކުރިއަރައި ދިއުމަށް މަސައްކަތްކުރުމެވެ.

އަންހެނުންނަކީ ރޯދަ މަހު ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއްކަން ޝަބާ ފާހަގަ ކުރެއްވިއެވެ. ގޭތެރޭގެ ޒިންމާތަކުގައެވެ. ކެއްކުމުގައެވެ. ދަރިންގެ ކަންކަމުގައެވެ. މިފަދަ ކަންކަމުގައު އުޅެމުންވެސް އެވަގުތުތަކުގެ ބޭނުން ފައިދާ ހުރި ގޮތުގައި ހިފުމަށް ޝަބާ އެދިވަޑައިގަންނަވައެވެ. ޛިކުރުކުރުމުގައި ދެމިހުރުމެވެ. އިސްތިޣްފާރުކުރުމެވެ. ތަސްބީޙަކިޔުމެވެ. މިކަންކަމުގައި ދޫ ތެތްކަންމަތީ ބެހެއްޓުމާއެކު މީހުންގެ ވާހަކަ ދެއްކުމާއި، ބޭކާރު ވާހަކަތަކުން އެ ދޫ ރައްކާތެރި ކުރުމެވެ. މީހުންގެ ވާހަކަ ދެއްކުމާއި، ބޭކާރު ވާހަކަތަކުން ރޯދައިގެ ޘަވާބު އުނިވާ ކަން ޝަބާ ހަނދާންކޮށް ދެއްވިއެވެ.

ރަމަޟާން މަހަކީ އެއްވެސް ހާލެއްގައި ބަނޑު ފުރަންވީ މަހެއް ނޫންކަން ޝަބާ ހަނދާންކޮށްދެއްވިއެވެ. މިއީ އަޅުކަންކޮށް ޝުކުރުވެރިވާންވީ މަހެވެ. ބަނޑުފުރާނަ މުއްތި ކުރެވޭތީއެވެ. އެހެންކަމުން އިސްރާފު ކުރުމުން ރައްކާތެރިވާންޖެހޭކަމަށް ޝަބާ ވިދާޅުވިއެވެ. އިސްރާފަށް އުކާލާ ކާނާ ނުލިބޭ އެތަށް ބައެއް އުޅޭކަން ދަންނަންޖޭހެ ކަމަށް ވިދާޅުވިއެވެ. މިއީ ތަކްލީފްތަކަކާއި ކާބޯތަކެތި ހޯދުމުގައި ދަތިކަން ދިމާވެފައިވާ ދުވަސް ވަރެއްކަންފާހަގަ ކުރެއްވިއެވެ. ބައެއް މީހުންނަށް ނިދާލެވޭނެފަދަވެސްނެތުމެވެ. ރޯދަ ވިއްލާނެ ފަދަވެސް ނެތުމެވެ. މިފަދަ ދުވަސްވަރެއްގައި ބަނޑު ފުރައި ކެއުން އެއީ އަދަބުވެރި ގޮތެއް ވެސް ނޫންކަން ޝަބާ ފާހަގަ ކުރެއްވިއެވެ. 

"އިސްރާފުކުރުމަކީ މާތްﷲ ލޯބިވެވޮޑިގެންވާ ޢަމަލެއްވެސްނޫން. މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގައިވޭ، "އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންނުވާ" ކަމަށް  ސަބަބަކީ އެތަށް މިލިއަން ބަޔަކަށް ނުދެއްވާ ރިޒްޤު ﷲ އަޅުގަނޑުމެންނަށް ދެއްވުމުން. އިސްރާފުކުރުމަކީ އެކަލާނގެ ދެއްވި ނިޢުމަތައް ކުފުރުވެރިވުން" އިސްރާފު ކުރުމުގެ ނުބައިކަން ފާހަގަ ކުރައްވަމުން ޝަބާ ވިދާޅުވިއެވެ.

މުސްލިމުން ތިބެންވާނީ މަރަށް ތައްޔާރުވެގެންކަމަށް ވާއިރު މިއީ އަޅުގަނޑުމެންގެ އެންމެ ފަހު ރަމަޟާންމަހަށް ވެދާނެ ކަން ހިތަށް ގެންނަން ޖެހޭކަން ވެސް ހަނދާންކޮށްދެއްވިއެވެ. ބާއްޖަވެރިއަކީ އެއީކަމަށް ފާހަގަކުރެއްވިއެވެ. 

"މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ "އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައި މީހުންނަށް ފުރިހަމައަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެއަށް ވެއްދެވި މީހާ، (ދަންނާށެވެ!) ފަހެ، ނަޞީބު ލިބިގެންފިކަން ކަށަވަރޭ" ވީމާ، މި ރަމަޟާން މަހަކީ އަޅުގަނޑުމެން ސުވަރުގެ ޙާޞިލުކުރުމަށް އޮތް ވަޞީލަތެއްކަމަށް ހަދަންވީ.  ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރާ މަހަކަށް ހަދަންވީ. އެއްހާސް މައްސަރުގެޘަވާބު ހޯދައި 80 އަހަރު ހެޔޮ ޢަމަލުކުރުމުގެ ދަރުމަ ހޯދާ މަހަކަށް ހަދަންވީ" ކަމަށް އަޅުގަނޑުމެން އެންމެ ހާ މުސްލިމުނަށް ޝަބާ ހަނދާންކޮށްދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.