ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ވަގުތީ ވެރިރަށް އަދަނުގައި އާދަޔާއި ޚިލާފަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެެއް ލިބުމުގެ ސަބަބުން އެރަށަކީ 'ކާރިސާ ސަރަހަދެއް' ކަމުގައި ޔަަމަނުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.
"އަދަން ސިޓީއަކީ މިހާރު ކާރިސާ ސަރަހައްދެއް. އެއީ ތަންތަން ހަލާކުވި މިންވަރު ބޮޑުކަމުންނާއި، ލިބުނު ގެއްލުމުގެ ބޮޑުކަމުން." ބޮޑުވަޒީރު މުޢީން ޢަބްދުލްމަލިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވަނީ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް އެކުވެރި ދައުލަތްތަކާއި، ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
އަދަންްގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ޖަމާލް ޚަދާބަޚްޝީ ވިދާޅުވި ގޮތުގައި މި ފެންބޮޑުވުމުގެ ސަބަބުން 10 މީހަކު މަރުވެ 27 މީހަކު ޒަޚަމްވެފައި ވެއެވެ. އަދަންގެ ދެކުނުގައި އޮންނަ ސިރާހު އަވަށުގައި ގެއެއް ވެއްޓުމުގެ ސަބަބުން އެ ގޭގައި ތިބި އެއް އާއިލާއެއްގެ 4 މީހުން މަރުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރު އަދަންގެ އަވަށްތައް ކަމުގައިވީ ދާރު ސައުދު އަދި އައްޝައިޚް ޢުޘްމާންގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުުމުގައި އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ހަނގުރާމަވެރި ޖަމާއަތުން ރަށުގެ ބޮޑު ބަޔަކަށް ވެރިވެ، ގިނަ މުއައްސަަސާތަކުގެ މަސައްކަތް ހުއްޓިފައި ވުމެވެ. އަދަނުގެ ބޮޑު ބައި ކޮންޓުރޯލުކުރަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ތާއީދާއެކު ހަނގުރާމަކުރާ ސަަދަން ޓްރާންސިޝަން ކައުންސިލްގެ ހަނގުރާމަވެރިންނެވެ. އެއީ، ދެކުނު ޔަަމަނުގައި ވަކި ދައުލަތެއް ގާއިމުކުރުމަށް ހަނގުރާމަކުރާ ބައެެކެވެ.
ފާއިތުވި މާރިޗު މަހުއްސުރެ ޔަމަނަށް ކުރަމުންދާ ވިއްސާރައިގައި 4600 އާއިލާއެއްގެ ގެދޮރު ވަނީ ގެއްލިފައެެވެ.
2015 ވަނަ އަހަރުއްސުރެ ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 3 މިިލިއަނަށްވުރެ ގިނަ މީހުން ތިބީ ގެދޮރު ނެތިފައެވެ. ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިގެން 84 ހާހަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ.