މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅަކަށް ކާމިޔާބެއް ނުކުރެވޭނެ - އައިބީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުވާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ ވިދާޅުވި ގޮތުގައި މަސީހްގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓަކީ މަސީހްގެ އިތުބާރާ ކުޑަވެސް ގުޅުމެއް އޮތް ވޯޓެއް ނޫނެވެ. "މަސީހަކީ މިހައި ތަނަށް މީހަކު އެއްވެސް ކަހަލަ ތުހުމަތެއް ކޮށްފައިވާ ބޭފުޅެއް ނޫން. ކޮރަޕްޝަން، ވައްކަން، ޚިޔާނާތް، މިހެން ގޮސް ވިޔާނުދާ ކަމަށް ބުނާ އެއްވެސް ކަމެއްގެ ތުހުމަތެއް އެމަނިކުފާނުގެ މައްޗަކަށް އެއްވެސް މީހަކު ދުވަހަކުވެސް ކޮށްފައެއް ނެތް."

ނަގަން އުޅޭ ވޯޓަކީ ރައްޔޮތުންގެ މަޖިލީހާ ގުޅުން ހުރި މައްސަލަތަކާ ހެދި ނަގާ ވޯޓެއް ނޫންތޯ އާފަތިހުން ދެންނެވުމުން އައިބީ ވިދާޅުވިއެވެ. "މަޖިލީހުގެ ކޮން ކަމެއްތޯ؟ މަޖިލީހުގެ ރައީސްކަިީ މަޖިލީހުގެ އެއްވެސް ކަމެއް ނިންމަވާ ބޭފުޅެއް ނޫން. މަސީހަކީ ބަހުސެއްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއް ނޫން. ވަކި ކަމަކަށް ވޯޓެއް ދެއްވި ބޭފުޅެއް ނޫން. މަޖިލިސް ހިނގަމުން ދަނީ މަޖިލިސް ހިންގަން މެންބަރުން ހަދައި، ފާސް ކޮށްފައިވާ ގަވައިދެއްގެ މަތީން. އެ ގަވައިދަކީ މެންބަރުން އުފެެއްދި އެއްޗެއް. މަސީހް މަޖިލިސް ހިންގަވަމުން ގެންދަވަނީ އެ ގަވައިދާ އެއް ގޮތަށް. އެހެންވީމާ ގަވާއިދާ އެއްގޮތަށް ހިނގަމުން ދަނިކޮށް، އިތުބާރު ގެއްލޭ ކަމެއް ހިނގާފައިވާ ނަމަ، އެ ގެއްލެނީ ހުރިހައި މެންބަރުންގެ އިތުބާރު. ގަވައިދު ފާސްކުރި ބައެއްގެ އިތުބާރު. މަޖިލީހުގެ ރައީސްގެ އިތުބާރެއް ނޫން."

އައިބީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެއަޣްލަބިއްޔަތު ލިބިއްޖެ ކަމަށް އިދިކޮޅުން އެބަ ބުނެއެވެ. އެއީ ތެދެއް ކަމަށް ވާނަމަ އަޣްލަބިއްޔަތުގެ ބޭނުން ކޮށްގެން ގަވާއިދު ބަދަލު ކުރުން މާ ރަނގަޅު ކަމަށް އައިބީ ވިދާޅުވިއެވެ. "ގަވައިދެއްގައި ލިޔެފައި ހުރި މާއްދާތަކެއްގައި ބުނެފައިވާ ގޮތަށް ކަމެއް ކުރާއިރު، އެ ކަމެއް ނުބައި ނަމަ މައްސަލަ އޮތީ އެ ގަވައިދެއްގައި. އެހެންވީމާ އިދިކޮޅަށް ލިބިއްޖެ ކަމަށް އެ ބުނާ އަޣްލަބިއްޔަތުގެ ބޭނުން ކޮށްގެން ގަވައިދު ބަދަލު ކުރަންވީ ނޫންތޯ؟ އޭރުން މަޖިލީހުގެ ރައީސް މަޖިލިސް ހިންގަވާނީ އެ ބަދަލު ކުރި އެއްޗަކާ އެއްގޮތަށް."

އައިބީ ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގެ ކަންތައްތައް ހިނގާ ގޮތް ނުބައިނަމަ، ރައީސް ބަދަލު ކުރިޔަސް އެކަންތައް ރަނގަޅު ވާނެ ގޮތެއް ނޯންނާނެއެވެ. "ގަވައިދުގައިވާ ގޮތަށް ހިނގާ ކަމެއް، ރައީސް ބަދަލު ކުރީމާ ބަދަލު ވަނީ ކިހިނެއްތޯ؟"

އައިބީ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މަޖިލީހުގެ ރައީސަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. "މި އުޅެނީ ވަކި ބަޔަކު ބޭނުންވާހައި ގޮތަކަށް ކަންތައްތައް ކުރަން މަގު ފަހި ކުރަން ވެގެން. ނާޖާއިޒު ގޮތްގޮތަށް ފައިސާ ލިބޭ މީސްމީހުންގެ އާމްދަނީގެ މަގު ބަންދުވީމާ ކަންބޮޑު ވެގެން. މިހައިތަނަށް ދެއްކި އެއްވެސް ވާހަކައެއްގައި މަޖިލީހުގެ ރައީސް ގަވައިދާ ޚިލާފަށް ކުރެއްވި އެއްވެސް ކަމެއްގެ ވާހަކަ މީހަކު ދެއްކި އަޑު އެއްސެވިންތޯ؟ ކޮންމެވެސް ބިލެއް ގާނޫނު އަސާސީއާ ޚިލާފަށް ފާސްކޮށްފިއޭ ކިޔާ އަޑު އަހަން. އެއީ ތެދެއް ކަމަށް ވަންޏާ އެއީ މަޖިލީހުގެ ރައީސް ކުރެއްވި ކަމެއްތޯ؟ ބަލަ އެއީ މަޖިލީހުގެ މެންބަރުން ވޯޓު ލައިގެން ކުރި ކަމެއް ނޫންތޯ؟ ރައީސް އެކަނި ކަމެއް ފާސް ކުރެއްވޭނެ ގޮތެއް ނޯންނާނެ."

އައިބީ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ މަގުބޫލުކަން މިހާރު މިދާ ސްޕީޑުގައި ކުރިއަށް ހިނގައްޖެ ނަމަ، 2018 ގެ އުއްމީދެއް އެހެން އެއްވެސް ބަޔަކަށް ނޯންނާނެކަން އިދިކޮޅުފަރާތްތަކަށް އެނގެއެވެ. އިދިކޮޅުން ކަންބޮޑުވާ އެއް ސަބަބަކީ އެއީއެވެ. އެހެންވީމާ ނަހަމަ ގޮތަކަށް ނަމަވެސް ސަރުކާރާ ދިމާކުރަން ޖެހޭތީ އެ މަސައްކަތް ކުރަނީއެވެ. "އެހެން ނޫންނަމަ، ދިވެހިންނަށް ކަމު ނުގޮސްގެން އެއް ފަރާތް ކޮށްފަ ތިބި މީސްމީހުން އެއް ތަނަކަށް ޖަމާ ކޮށްގެން އެ މީހުން ރަނގަޅު ކަމަށް ދައްކަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އިދިކޮޅުގެ ކުރީ ސަފުގައި އެ ތިއްބެވި ބޭފުޅުންނަކީ 2008 ވަނަ އަހަރާއި، 2013 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން އެއްފަރާތް ކޮށްލި ބޭފުޅުންނެއް ނޫންތޯ؟ އެ ބޭފުޅުން ނުކުމެވަޑައިގެން މިހާރު މި ވިދާޅުވަނީ 2013 ވަނަ އަހަރު ރައްޔިތުން ބަލައިގަތް ލީޑަރު ކަމުނުދާ ވާހަކަ."

އައިބީ ދެކެވަޑައިގަންނަވާ ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު ނަގަން އުޅޭ ވޯޓު ކާމިޔާބު ކުރާނީ ޕީޕީއެމްގެ މެންބަރުންނެވެ. "ޕީޕީއެމްގައި ތިއްބެވީ ސަރުކާރަށް ތާއީދުކުރާ ވަފާތެރި މެންބަރުން. އެ މެންބަރުން ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ވޯޓު ނުލައްވާނޭކަން ޔަގީން. މިހާރު ޚިޔާލު ތަފާތު ވެގެން އެ އުޅުއްވާ ބޭފުޅުންވެސް މި ކަންކަމާ ވިސްނާވަޑައިގަންނަވާނެ. ގައުމު ހަލާކު ތެރެއަށް އެއްލަވައެއް ނުލައްވާނެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.