ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ- ރައީސުލްޖުމްހޫރިއްޔާ

ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަމަށް ރއީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލީޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް 128 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ދެއްވީ ޚާއްޞަ ޚިޠާބުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާގެ ޢަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވުންކަމަށެވެ. މިއަހަރުގެ ސިފައިންގެ ދުވަސް މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއްކަން ރައީސް ޞާލީޙް ވިދާޅުވިއެވެ.

"މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި. ދިވެހި ސިފައިން ޢަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް" މި ޝިޢާރުގެ ތެދުކަން. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ކޯވިޑް-19" އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.