ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވީ ތިން މީހެއްގެ ފޮޓޯ އާއްމުކޮށްފި

23 އޭޕްރީލް 2017 ވީ ރޭ ދަންވަރު އަނިޔާވެރި ގޮތަކަށް މަރައިލައިފައިވާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވީ ތިން މީހުންގެ ފޮޓޯ ފުލުހުން އާއްމު ކޮށްފިއެވެ. މި ފޮޓޯ އާއްމު ކޮށްފައި ވަނީ ދާދި ދެންމެއަކު ފުލުހުން ނެރުނު ބަޔާނަކާ އެކީގައެވެ.

ފުލުހުން އާއްމު ކުރި ފޮޓޯގައިވާ ތިން މީހުންނަކީ މ. ޠާއިފް، އުމުރުން 25 އަހަރުގެ، އިސްމާއީލް ރަޝީދާއި، ހ. އަންނާރުމާގޭ، އުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގޭ، އުމުރުން 22 އަހަރުގެ އަޙްމަދު ޒިހާން އިސްމާޢީލެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި މި ތިން މީހުންގެ ތެރެއިން އިސްމާޢީލް ހައިޝަމަކީ ހަތިޔާރު ބޭނުން ކޮށްގެން ފޭރުމުގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި ފޭރުމުގެ މައްސަލައެއްގައި ހުކުން ތަންފީޒުވެސް ކޮށްފައިވާ މީހެކެވެ. އިސްމާޢީލް ރަޝީދަކީ ގުރޫޕު ހަދައިގެން ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑު އޮތް މީހެކެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށްޓަކައި މާލޭގެ އެކި ތަންތަނުން ނެގި ސީސީޓީވީ ޖުމުލް 1850 އަށް ވުރެ ގިނަ ގަޑިއިރުގެ މަންޒަރު ބަލައި ތަހުލީލު ކޮށްފައިވާ ކަމަށް ފުލހުން ވަނީ ބުނެފައެވެ. އަދި އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ ބަލައި ތަހުލީލު ކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި ގަތުލުގެ މައްސަލައިގެ އިސްކޮށް ތިބި މީހުން ދެނެގަނެވިފައިވާ ކަމަށާއި، އެމީހުންގެ މައްސަލަވެސް ތަހުގީގު ކުރެވެމުން ދާ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ބައެއް ކަހަލަ ދަތިތަކާއި ހުރަސްތައް ވަނީ ކުރިމަތި ވެފައެވެ. އޭގެ ތެރޭގައި ފުލުހުން ފާހަގަ ކޮށްފައި ވަނީ މީޑިއާގައި އެކި ގޮތް ގޮތަށް ރައުޔު ފާޅު ކުރުމާއި، ގާނޫނީ ވަކީލުންގެ ބައެއް ވާހަކަތަކުން ކުރިމަތުން އައި ހުރަސްތަކެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މީގެ ތެރެއިން ބައެއް ކަންތައްތަކަކީ ގަސްތުގައި ތަހުގީގަށް ހުރަސް އެޅުމުގެ މަސައްކަތްތަކެކެވެ. މިފަދަ ވާހަކަތަކާ ގުޅިގެން ގާނޫނީ ވަކީލަކު ހައްޔަރުކޮށްގެން ތަހުގީގު ކުރަން ޖެހުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.