އޭޝިޔާގައި އެންމެ ބާރަަށް ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުން ދިޔަ އެއް ގައުމު ކަމުގައިވާ ދެކުނު ކޮރޮޔާއިން، ވައިރަހާ ހަނގުރާމަކުރަމުންވެސް، އެ ގައުމުގެ އާއްމު އިންތިޚާބު ކުރިޔަށް ގެންގޮސްފިއެވެ.
ދެކުނު ކޮރެޔާ ވެފައި ވަނީ، މާރިޗު މަހުގެ 11 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް- 19 އަކީ ކޮންޓުރޯލު ނުވެ މުޅި ދުނިޔޭގައި ފެތުރެމުންދާ ބޮޑު ބަލިމަޑުކަމެއް (ޕޭންޑެމިކް) ކަން އިއުލާންކުރި ފަހުން އޭޝިޔާގައި އާއްމު އިންތިޚާބެއް ބޭއްވި ފުރަތަމަ ގައުމު ކަމުގައެވެ.
ދެކުނު ކޮރެޔާގެެ ތާރީޚުގައި މިހާތަނަށް އިންތިޚާބެއް ފަސްކޮށްފައި ނުވާއިރު، ކޮރޯނާ ވައިރަސް އެއީ އިންތިޚާބު ފަސްކުރުމުގެ ސަބަބަކަށް ވުމަށް ދެކުނު ކޮރެޔާއިން ބޭނުންނުވިއެވެ. އަދި މި އިންތިޚާބު ވެފައި ވަނީ ރައްޔިތުންގެ ތާއީދު ލިބުނު އިންތިޚާބަކަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %66.2 މީހުން ވޯޓުލާފައި ވެއެވެ. މިއީ ފާއިތުވި 28 އަހަރުގެ ތެރޭގައި އެގަމުގައި އިންތިޚާބެއްގައި ރައްޔިތުން ވޯޓުލީ އެންމެ މަތީ ނިސްބަތެވެ.
ކޮވިޑް- 19 ކޮންޓުރޯލުކުރަން ސަރުކާރުން ކުރި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން މި އިންތިޚާބުގެ ނަތީޖާއިން ވަނީ އެނގިގެން ގޮސްފައެވެ.
އެ ގައުމުގެ މައި ތިން ޓީވީ ކޭބީއެސް، އެމްބީސީ، އަދި އެސްބީއެސް އިން ނެގި އެކްޒިޓް ޕޯލްއިން ދައްކާ ގޮތުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އެ ޕާޓީގެ ބައިވެރިޔާ، ޓުގެދާ ސިޓިޒެންސް ޕާޓީއަށް ގާނޫނުހަދާ މަޖިލީހުގެ 153 އާ، 178 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެއެވެ. އަދި ޔުނައިޓެޑް ފިއުޗާ ޕާޓީ (ޔޫއެފްޕީ) އާއި، އެޕާޓީއާއި ގުޅިފައިވާ ކޮރެެއާ ފިއުޗާ ޕާޓީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 107 ގޮނޑިއާ 133 ގޮނޑިއާ ދެމެދުގެ އަދަދަކަށެވެ.
ދެކުނު ކޮރެޔާގެ 10 ހާސް 500 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް- 19 ޖެހި، 225 މީހަކު މަރުވެފައި ވާއިރު، އެ ގައުމުގައި މި ބަލި ޖެހުނު 7 ހާސް 400 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.
މި އާދަޔާ ޚިލާފު ހާލަތުގައި އިންތިޚާބު ބޭއްވި އިރު، ވޯޓުލުމުގެ ކަންތައްވެސް ދެކުނު ކޮރެޔާގެ ކަމާބެހޭ ފަރާތްތަކުން އޮތީ ވަަރަށް ފަސޭހަކޮށްފައެވެ. މި ފަސޭހަތަކާއެކު، 11 މިލިއަން މީހުން (ވޯޓުލާން ރަޖިސްޓަރީ ކުރި މީހުންގެ %26.7) ވޯޓުލާފައި ވަނީ ވަގުތުގެ ކުރިންނެވެ.
ވޯޓުލާ މަރުކަޒަށް ވަންނަ ކޮންމެ މީހެއްގެ ހަށިގަނޑުގެ ހޫނުމިން ބަލަމުން ދިޔައިރު، ވޯޓު ފޮށިތައްވެސް ދިޔައީ ގަވާއިދުން ޑިސްއިންފެކްޓް ކުރަމުންނެެވެ. އަދި 37.5 ޑިގްރީއަށްވުރެ ހަށިގަނޑުގެ ހޫނުމިން މަތި މީހުން ވޯޓޫލާން ޖެހުނީ ވަކި ބޫތަކަށެވެ.
އަދިވެސް މަތަނުވެ މުޅި ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގައި މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މި ބަލީގައި 1 ލައްކަ 37 ހާހާ ގާތްކުރާ އަދަދަށް މީހުން ވަނީ މީހުން ވަނީ މަރުވެފައެވެ.