ކޮވިޑް- 19: 'ގްލޯބަލް އިނިޝިއޭޓިވް އޮން ޑެޓް ރިލީފް' ގެ ޚިޔާލު ބޮޑުވަޒީރު އިމްރާން ޚާން ހުށަހަޅުއްވައިފި

ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން މިހާރު ފެތުރިފައިވާ ކޮވިޑް- 19 ގެ ސަބަބުން ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ފަގީރު ގައުމުތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން އެ ގައުމުތަކުގެ ދަރަންޏާ މެދު ލުއިގޮތްތަކެއް ހަމަޖައްސައި ދިނުމުގެ މަގްސަދުގައި 'ގްލޯބަލް އިނިޝިއޭޓިވް އޮން ޑެޓް ރިލީފް' ގެ މަސައްކަތް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވައިލައްވައިފިއެވެ.

ބޮޑުވަޒީރު އިމްރާން ޚާން އާއްމުކުރެއްވި ވީޑިޔޯ މެސެޖެއްގައި އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް- 19 ބަލަމަޑުކަން ވަނީ ކުރިން ފެނިފައި ނުވާ ފަދަ ސިއްހީ އަދި އިގްތިސާދީ މައްސަލަތައް ކުރިމަތިކޮށްފައެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ދުނިޔެއަށް ކުރިމަތިވި 'ބޮޑު ތަދު' (ގްރޭޓް ޑިޕްރެޝަން) އަށް ވުރެވެސް، ބޮޑަށް މިފަހަރު ދުނިޔޭގެ އިގްތިސާދު އަޑިއަޅާލާނެކަން ފާހަގަކުރައްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ރަނގަޅަށް ތައްޔާރުކުރެވި، ވިލަރެސް ކުރެވިފައިވާ ބައިނަލްއަގުވާމީ ފިޔަވަޅުތަެއް އެޅިގެން ނޫނީ، މުޅި ދުނިޔެއަށް ފެތުރިފައިވާ މިފަދަ ވަބާއެއް ކޮންޓްރޯލު ނުކުރެވޭނެއެވެ.

ޕާކިސްތާނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ކްރިސްޓިއަން ޓާނާ ވަނީ އިމްރާން ޚާންގެ މި ހުށަހެޅުއްވުމަށް މަރުހަބާ ވިދާޅުވެފައެވެ.

"ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮށްފައިވާ ކޮވިޑް- 19 ގެ އިޖްތިމާއީ އަދި އިގްތިސާދީ އަސަރަށް ބަލާއިރު، ބޮޑުވަޒީރު އިމްރާން ޚާން ހުށަހެޅުއްވި 'ގްލޯބަލް އިނިޝިއޭޓިވް އޮން ޑެޓް ރިލީފް' ގެ މުހިއްމުކަން ބޮޑެވެ. (ތިޔަ ދެއްކެވީ) ވަރަށް ރަނގަޅު ބައިނަލްއަގްވާމީ ލީޑަރޝިޕެކެވެ." ހައިކޮމިޝަނަރ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

އިމްރާން ޚާންގެ ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް އެއް ތަނަށް އެއްކޮށް، ގުޅިފައިވާ މަސައްކަތެއް ކުރުމެވެ. މިހާރުވެސް އައިއެމްއެފުން 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ހުށަހަޅާފައިވާއިރު، ވާލްޑް ބޭންކުން ވަނީ 1 ބިލިއަން ޑޮލަރު ހުށަހަޅާފައެވެ.

އޭނާގެ މިހުށަހެޅުއްވުމަށް އަމަލީ ސިފަ ގެނައުމަށް އޭނާއާ ގުޅިގެން މަސައްކަތްކުރެއްވުމަށް ބޮޑުވަޒީރު އިމްރާން ޚާން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލްް އެންޓޯނިޔޯ ގުޓަރޭޝްއަށް ގޮވައިލައްވާފައެވެ.

ޕާކިސްތާނުގައި ނިކަމެތި ހާލުގައި އެންމެ ބޮޑަށް ޖެހެނޭ ފަރާތްތަކަށް ދިނުމަށް ސަރުކާރުން 8 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ  ޕެކޭޖެއް އިއުލާންކުުރައްވާފައިވާކަން ވެސް ބޮޑުވަޒީރު އިމްރާން ޚާން ވަނީ ހާމަކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.