ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް އޯޕެކް+ އިން އެއްބަސްވެއްޖެ

ރަޝިޔާއާއި ސައޫދީ އަރަބިއްޔާއާއި އެމެރިކާގެ އިސްވެރިން ވަނީ ފޯނުން މަޝްވަރާކުރައްވާފައި

އޮސްޓްރިޔާގެ ވިއެނާގައި ހުންނަ އޮގަނައިޒޭޝަން އޮފް ދަ ޕްޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) ގެ މައި އޮފީސް

ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ ބޮޑު ދެ ގައުމު ކަމުގައިވާ ރަޝިޔާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ފެށުނު ތެލުގެ އަގުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައި ވަނިކޮށް، ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އޯޕެކް+ އިން އެއްބަސްވެއްޖެއެވެ. ރަޝިޔާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ފެށުނު ތެލުގެ އަގުގެ ހަނގުރާމައިގެ ތެޔޮ ފީފާއެއްގެ އަގު 17 ޑޮލަރާއި ހަަމައަށް ދަަށަށް ދިޔައެެވެ.

އޯޕެކް+ އަކީ ތެޔޮ އުފައްދާ ގައުމުތަކުގެ ތެރެއިން އޯޕެކްގެ މެންބަރު 14 ގައުމާއި، މެންބަރު ނޫން 10 ގައުމު ގުޅިގެން އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިހާދުގެ ބޭނުމަކީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމެވެ. އެހެންނަމަވެސް، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމުގައިވާ އެމެރިކާއާއި، ޗިއިނާ، އިނގިރޭސިވިލާތް އަދި ނޯވޭ ފަދަ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުން ބައިވެރި ނުވެއެވެ.

އޮސްޓްރިޔާގެ ވިއެނާގައި ހުންނަ އޮގަނައިޒޭޝަން އޮފް ދަ ޕްޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) ގެ މައި އޮފީހުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ބޭއްވުނު ބައްދަލުވުމުވައި އޯޕެކް+ ގެ ތެލާ ބޭހޭ ވަޒީރުން ވަނީ ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 10 މިލިއަން ފީފާ މަދުކުރުމަށް އެއްބަސްވެފައެވެ. މިއީ އެގައުުތަކުން އުފައްދާ ތުލުގެ ފަސްބައިކުޅަ އެއްބައެވެ. އެހެންނަމަވެސް، އޯޕެކްގެ މެންބަރު ނޫން ގައުމެއް ކަމުގައިވާ މެކްސިކޯއިން ވަނީ މި އެއްބަސްވުމާ ދެކޮޅުހަދައި، ބައްދަލުވުމުން ވަކިވެފައެވެ. މެކްސިކޯއަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެކެވެ. އެ ގައުމުން ދުވާލަކު 3.7 މިލިއަން ފީފާ ތެޔޮ އުފައްދައެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އޯޕެކް+ އިން އެއްބަސްވި އިރު ތެލުގެ ބާޒާރު ހަމައަަކަށް އެޅުވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާއި، ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާއި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ކޮންފެރެންސް ކޯލެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ފޯނުން މިކުރެވުނު މަޝްވަރާތަކަށް ފަހު ރަޝިޔާއާއި، ސައޫދީ އަރަބިއްޔާއިން ބުނެފައި ވަނީ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ ބައިވެރިވުން އެދެގައުމުންވެސް އެދިފައިވާނެ ކަމަށާއި، އެމެރިކާގެ އެއްބާރުލުންވެސް މިކަމުގައި ލިބޭނެ ކަމަށެވެ. އެހެންމަވެސް، މިކަމާ ބެހޭގޮތުން އެެމެރިކާއިން އަދި އެއްޗެއް ބުނެފައި ނުވެއެވެ.

ސައޫދީ އަރަބިއްޔާއާއި ރަޝިޔާއިން ތެލުގެ ހަނގުރާމަ ހުއްޓާލައި، ތެޔޮ އުފައްދާ މިންވަރު ދަށްނުކޮށްފިނަަމަ، އެ ދެ ގައުމުން އެމެރިކާއަށް އެތެރެކުރާ ތެލުގެ ޑިއުޓީ ބޮޑުކުރާނެ ކަމުގެ އިންޒާރު ރައީސު ޓްރަމްޕް ވަނީ ކުރިން ދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.