2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ހޯދައިފިއެވެ. މިއީ ޒިދާންގެ ކޯޗު ކަމުގައި އެ ތަށި ރެއާލް މެޑްރިޑުން ހޯދި ދެވަނަ ފަހަރެވެ.
މިރޭ ކުޅުނު ފައިނަލް މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ ޔުވެންޓަރސް 4 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލް މެޑްރިޑުންނެވެ. އެއީ 20 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑެކެވެ. އޭގެ ހަތް މިނިޓު ފަހުން ޔުވެންޓަރސް އިން ލަނޑެއް ޖެހިއެވެ. އެއީ 27 ވަނަ މިނިޓުގައި މަންޒިކިޗް ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި ރެއާލް މެޑްރިޑުގެ ކުޅުން ކުރިއަށް ވުރެ ރަނގަޅު ކުރިއެވެ. ރެއާލްގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައި ކަސެމީރޯ އެވެ. އޭގެ މިނިޓެއްހައި އިރު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހިއެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނިޓުގައި އަސެންސިއޯއެވެ.
މި މެޗުގެ 84 ވަނަ މިނިޓުގައި ކުއަޑްރާޑޯއަށް ރަތް ކާޑެއް ދެއްކިއެވެ.
މެޗުގެ 57 އިންސައްތަ ކުޅުނީ ރެއާލް މެޑްރިޑުންނެވެ.