ޢަދުލުގެ ނިޒާމުން ވެސް ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ: ޕީޖީ

މުޅި ދުނިޔެއަށް ކަހަލަ ގޮތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޢަދުލުގެ ނިޒާމުން ވެސް ޖެހޭ ކަމަށް ޕްރޮސެކިއުޓަރޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓޫވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާ އެކު އުޅެން ދަސްކުރުންޖެހޭ. ޢަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ،" ކަމަށެވެ. އެމަނިކުފާނު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސްޕްރީމްކޯޓުން ޝަރީޢަތް ކުރަން ފެށި ފެށުމަކީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. "ސްޕްރީމްކޯޓުގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް،" އެމަނިކުފާނު ވިދާޅުވެފައުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓަވާނެ ކަމަށާއި އެއީ ޚަރަދު ކުޑަވެފައި މަސައްކަތް އަވަސްވާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވިޑު-19 އައިސް ސަރުކާރު ބަންދުކުރުމުން ސްޕްރީމް ކޯޓުން އިއްޔެ ވަނީ ޖިނާޢީ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައި އެކަމަށް ވަގުތީ ޤަވާޢިދެއް ހަދައިފައެވެ.

ސިއްޙީ ދާއިރާއިން ވެސް ގެންދަވަނީ ކޮވިޑް-19 އިން ފިލާވަޅުތައް ލިބި އެގޮތަށް އަބަދުވެސް އުޅުމަށް އިރުޝާދު ދެއްވައިފައެވެ. އެގޮތުން ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމާއި، ފިޔަފާރީގެ މުޢަމަލާތް ހިންގާއިރު އޮންލައިންކޮށް ފައިސާ ދެއްކެވުމާއި، ސާފުތާހިރު ކަމަށް އިސްކަންދީ ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.