ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އިން ޖެހޭ ބަލި، ކޮވިޑް- 19 ސައޫދީ ޝާހީ އާއިލާގެ 150 ބޭފުޅަކަށް ޖެހިފައިވާ ކަމުގަައި އެެމެރިކާގެ މަޝްހޫރު ނޫހަކުން ބުނެފިއެވެ.
ޝާހީ އާއިލައާ ގާތް މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި، ޝާހީ އާއިލާގެ ގިނަ ބޭފުޅުންތަކެއް ކޮވިޑް- 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ސައޫދީ އަރަބިއްޔާގެ އެންމެ ފެންވަރު ރަަނގަޅު ހޮސްޕިޓަލްތަކުގެ އައިސީޔޫގެ 500 އެނދު ވަނީ ޝާހީ އާއިލާއަށް ޚާއްސަކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ރިޔާޟުގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުން ދަނީ ޝާހީ އާއިލާގެ ބޭފުޅުންތަކަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އިތުރު ބޭފުޅުންތަކެއް ގެންނަން ޖެހިދާނެތީ އެ ހޮސްޕިޓަލް ވަނީ ކުއްލި ހާލަތަށް ގެނެވިފައެވެ. އަދި ޝާހީ އާއިލާގެ ބޭފުޅުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލް ހުސްކުރަމުންދާ ކަމުގެ ޚަބަރުވެސް ލިބެއެވެ.
ސަލްމާން ރަސްގެފާނަށް ބޮޑުބޭބެވިދާޅުވާ އަމީރު ފައިޞަލް ބިން ބަންދަރު ބިން ޢަބްދުލްޢަޒީޒަށް އައިސީޔޫގަައި ފަރުވާދެމުން ދާއިރު، ސަލްމާން ރަސްގެފާނު ހުންނެވީ ރަތް ކަނޑު (ރެޑް ސީ) ގެ ޖަޒީރާއެެއްގައި އެކަހެރިވެެވަޑައިގެން ކަަމަށްވެސް ޚަބަރު ލިބެއެވެ.
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަކީ ދުނިޔޭގެ އެންމެ ބޮޑު ޝާހީ އާއިލާއެވެ. އެއާއިލާގެ ބޭފުޅުންގެ އަދަދު 15 ހާހަށް އަރައެެވެ. އަދި ވެެރިކަމުގެ ދާއިރާގައި އުޅުއްވާ ނުފޫޒުގަދަ އަމީރުންގެ އަދަދުވެސް 2 ހާހަށް އަރައެވެ.
ކޮވިޑް- 19 އިން ރައްކާތެރިވުމަށް ސައޫދީ އެންމެ ބޮޑެތި ރަށްތައްކަމަށް ރިޔާޟު، މައްކާ، މަދީނާ އަދި ޖިއްދާ ލޮކްޑައުންކޮށް ކާފިއު ހިންގާފައި ވީނަމަވެސް އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވިފައި ނުވެއެވެ. އެގައުމުގައި 3 ހާހާ ގާތްކުރާ އަދަދަކަށް ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބިއިރު، މި ބަލީގައި އެ ގައުމުން 41 މީހުން ވަނީ މަރުވެފައެވެ.
އަދިވެސް މައިތިވާ ކަމުގެ އަލާމާތެއް ނުފެންނަ ކޮރޯނާ ވައިރަސް ދުނިޔޭގައި ޖެހިފައިވާ މީހުންގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، 88 ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.