ކޮވިޑް- 19: މިސްރުގައި އަންނަ ރަމަޟާން މަހު ތަރާވީޙު ނަމާދުކުރުމާއި، އިޢުތިކާފަށް ތިބުން މަނާކޮށްފި

ފާއިތުވި މާރިޗު މަހުގެ 20 ވަނަ ދުވަހު ޖާމިޢުލް އަޒްހަރު މިސްކިތުން ހުކުރު ނަމާދުކޮށްެގެން ފޭބި ބަޔަކު މާސްކު އަޅައިގެން

ދެ ހަފުތާއެއްހާ ދުވަސް ފަހުން ފެށޭ ބަރަކާތްތެރި ރަަމަޟާން މަހުގައި މިސުރުގައި ދީނީ އެއްވުންތައް ބޭއްވުން މަނާކޮށްފިއެވެ.

މިސްރުުގެ އައުޤާފް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން ރަަމަޟާން މަހު ތަރާވީޙު ނަމާދުކުރުމާއި، މިސްކިތުގައި އިޢުތިކާފަށް ތިބުމާއި، މިސްކިތްތަކުގައި ގިނަ ބަޔަކު އެކުގައި ރޯދަަވީއްލުމަކީ މަނާ ކަމެެކެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މި ފިޔަވަޅު އެޅީ މިސްރާއި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އިން ރައްކާތެރިވުމުގެ ގޮތުންނެެވެ.

މީގެ ދެ ހަފުތާ ކުރިން އައުޤާފް މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުުކުރުމާއި، ހުކުރު ނަމާދުކުރުން މަނާކޮށްފައެެވެ. އެ މިނިސްޓްރީން މިހާރު ނެރުނު ބަޔާނުގައި ވާގޮތުން، ކޮރޯނާވައިރަސްއަށް މީހަކު އަލަށް ޕޮޒިޓްނުވާކަން ޔަގީންކުރެވި، މީހުން އެއްވެ އުޅުމުން ބަލި ފެތުރިދާނެ ކަމުގެ ބިރެއް ނެތްކަން ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިނުމަށް ފަހުގައި މެނުވީ، ޖަމާއަތުގެ ނަމާދާއި، ހުކުރު ނަމާދުުކުރުމުގެ ހުއްދަ ނުދެވޭނެއެވެ.

މިފެށޭ ބަރަކާތްތެރި ރަމަޟާންގައި ގިނަ ބަޔަކު އެކުގައި އާއްމު ތަންތަނުގައި ރޯދަ ވީއްލުމާއި، ތަރާވީޙު ނަމާދު ޖަމާއަތުގައި ކުރުމާއި، މިސްކިތުގައި އިޢުތިކާފަށް ތިބުން މަނާކުރި ނަމަވެސް، މުސްލިމުން ރޯދަ ހިފުން ދޫކޮށްލަން ޖެހޭ ޙާލަތެއް ނެތްކަން އަޒްހަރު ޔުނިވަސިޓީން ވަނީ ހާމަކޮށްފައެެވެ.

އެ ޔޮނިވަސިޓީގެ އިސްލާމިކް ރިސާޗް އެކެޑަމީން ނިންމާފައިވަނީ، ރޯދައަށް ހުރުމާއި، ކޮރޯނާ ވައިރަސްއާ އެއްވެސް ގޮޅުމެއް އޮތްކަމަށް އެއްވެސް ޢިލްމީ ދިރާސާއަކުން މިހާތަނަށް ދައްކާފައި ނުވާކަމަށެެވެ. އެހެންކަމުން ރޯދަހިފުމާ ބެހޭ ޝަރުޢީ ޙުކުމްތަަކަށް ބަދަލެއް ނާންނާނެ ކަަމަަށެެވެ. އަދި ދަތުރު މަތީގައި ވުމާއި، ރޯދަ ނުހިފޭ ފަދަ ބައްޔެއް ޖެހުން އުޒުރެއް މެދުވެރިވެން މެނުވީ ރޯދަ ނުހިފައި ދޫކޮށްލުން ހުއްދަނުވާނެ ކަމަށެވެ.

100 މިލިއަން މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މިސްރުގައި މިހާތަނަށް 1450 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެ 94 މީހަކު ވަނީ މަރުވެފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މިހާތަނަށް 1.45 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިިވްވެ 83 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.