ބާރުގަދަ ޠޫފާނެއް އަރައި ވަނުއާޓޫއަށް ބޮޑެތި ގެއްލުންތަކެއް

ބާރުގަދަ ޠޫފާން 'ހެރޮލްޑް' އަރައި ވަނުއާޓޫއަށް ލިބިފައިވާ ބައެެއް ގެއްލުން

ބާރުގަަދަ ޠޫފާނެއް އަރައި، ފެސިފިކް ކަނޑުގެ ކުޑަ ޖަޒީރާ ގައުމެއް ކަމުގައިވާ ވަނުއާޓޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށް، ލުގާންވިލްގެ ދެބައިކުޅަ އެއްބައިހެން ވަނީ ހަލާކުވެފައެވެ. 16500 މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ބަޔަކު މަރުވެފައި ނުވަނީ، ޠޫފާނު ކުރިން ދިން އިންޒާރުގެ އަޑު އަހައި ރަށުން މީހުން ފައިބާފައި ވާތީއެވެ.

ފާއިތުވި ހަފުތާ ތެރޭގައި ސޮލޮމޮން އައިލެންޑްއަސް އަރައި، އެ ގައުމަށް ބޮޑެެތި ގެއްލުންތަކެއް ލިބި، 27 މީހުން މަރުވުގެ ސަބަބަކަށް ވި އިސްތިވާއީ (ޓްރޮޕިކަލް) ޠޫފާން 'ހެރޮލްޑް' ވަނުއާޓޫގެ އުތުރު ޕްރޮވިންސުތަކަށް އެރި އިރު އެއީ ފަސްވަނަ ގިންތީގެ ޠޫފާނެކެވެ. (5 ވަނަ ގިންތީގެ ޠޫފާނަކީ ވައި ގަޑިއަކު 250 ކިލޯމީޓަރަށް ވުރެ ބާރަށް ހުންނަ ޠޫފާނެވެ.) ލުގާންވިލްއަށް އެ ޠޫފާން އެރީ ގަޑިއަކު 253 ކިލޯމީޓަރަށް ޖެހެމުން ދިޔަ ވަޔާއެކުގައެވެ. ޠޫފާން ދަތުރުކުރި މަގުމަތީގައި ހުރި  އިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ. އަދި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެެވެ.

ހެރޮލްޑަކީ ދެކުނު ޕެސިފިކް ސަަރަހައްދަށް މިހާތަނަށް އެރި ހަތަރުވަނައަށް އެންމެ ބާރުގަދަ، އަދި މިއަހަރު އެ ސަރަހައްދަށް އެރި އެންެމެ ބާރުގަދަ ޠޫފާނެވެ.

މުވާސަލާތީ ގުޅުން ކެނޑިފައި ވާތީ، ސެޓެލައިޓް ފޯނުން ބޭރުގެ ޚަބަރު ފަތުރާ ބައެެއް ވަސީލަތްތައް މައުލުމާތުދެއްވަމުން ވާލްޑް ވިޝަން ޖަމްއިއްޔާގެ ވަނުއާޓޫ ގޮފީގެ ޑިރެކްޓަރު ކެންޑްރާ ގޭޓްސް ޑެރޫސޯ ވިދާޅުވީ ޠޫފާން އެރި ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ގާތްގަނޑަކަށް %50 ބޭނުން ނުކުރެވޭ ވަރަށް ހަަލާކުވެފައިވާ ކަމުގައެވެ.

"އެ ގެތައް ހުރީ ސީދާ ޠޫފާނުގެ އެންމެ މެދާ ދިމާއަށް. އެމީހުން ކޮންކްރީޓް އިމާރާތް ބޭނުންކުރަނީ ވަަރަށް މަދުން. އާއްމުކޮށް ދިރިއުޅެނީ އާދަކާދައާއި އެއްގޮތަށް ފަނުން ހަދާފައިވާ ގެތަކުގައި." އޭނާ ވިދާޅުވިއެވެ.

ވަނުއާޓޫއަކީ ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ، 82 ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ކުޑަ ގައުމެކެވެ. ބޮޑުމިނުގައި 12189 އަކަކިލޯމީޓަރު ހުންނަ ވަނުއާޓޫގެ އާބާދީއަކީ 2 ލައްކަ 72 ހާހެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.