ދުންފަތުގެ އިސްތިއުމާލު ކުރުމުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އެޗުޕީއޭއިން ވިދާޅުވެފައިވަނީ އަނގަޔާއި އަތް ކައިރި ކުރުމަކީ ހަށިގަނޑަށް މިވައިރަސް އެތެރެވުމަށް އޮތް ފުރުސަތެއް ކަމަށެވެ. އަދި ޝީޝާ ނުވަތަ ގުޑުގުޑާ ފަދަ ތަކެތި އެކަކަށްވުރެ ގިނަ މީހުން ބޭނުން ކުރުމަކީ އެކެއްގެ ކިބައިން އަނެކަކަށް ކޮވިޑް-19 ފެތުރުމަށް އޮތް ފުރުސަތެއް ކަމަށް ވެސް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެފަދަ ހުރިހާ ކަމަކުން ދުރުހެލިވެ ތިބުމަށާއި ޚާއްސަކޮށް ބަލި މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެހެންމީހުންނާ އެއްފަދައިން މަސައްކަތް ކުރުމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މި ބަލިން ސަލާމަތް ވުމަށް މިވަގުތަށް އެޅެންއޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ގޭގައި މަޑު ކުރުމާއި ގިނަގިނައިން އަތްދޮވުން ކަމަށް ޑަބްލިޔުއެޗުއޯއިން ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އެޗުޕީއޭއިން ވަނީ ނަރުހުންނާއި ފޫޅުމައިންނަށާއި އަދި ހުރިހާ ސިއްހީ ޚިދުމަތްތެރިން، ރައްޔިތުންނަށް ދުޅަހެޔޮކަން ގެނެސްދިނުމަށް ކުރައްވާ މިންނެތް މަސައްކަތްތައް ފާޖަގަ ކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ. ޚާއްސަކޮށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގައި އެފަރާތްތަކުން ކުރައްވަމުންގެންދަވާ ހިތްވަރު ފާހަގަ ކުރައްވައި އެޗުޕީއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.