ހޯމަ ދުވަހުގެ ވާހަކަ 1: އަލްފާތިހާ ސޫރަތުގެ ހިޔަލުގައި

ހޯމަ ދުވަހުގެ ވާހަކައަކީ ތޯއެވެ؟ މިއީ ފަހަރެއްގައި ވެސް ހޯމަ ދުވަހާ ބެހޭ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ އެކުވެރި އަޚް ނައީމު، ހަފްތާއަކު އެއްފަހަރު ނަމަވެސް، ގަވާއިދުން، ކޮންމެ ވެސް އެއްޗެއް ލިޔެ ޝާއިކުރުމުގެ ޚިޔާލު ފާޅުކުރެއްވުމާ ގުޅިގެން ލިޔަން ގަސްދުކުރި ލިޔުމުގެ ސިލްސިލާއަކަށް ދޭން ހިތަށް އެރި ނަމެކެވެ. ސިލްސިލާގައި ގެނެވޭ ލިޔުންތަކުގެ މައުޟޫއުތައް ތަފާތުކޮށް ގެނެވުމުގެ ފުރުސަތު ހުޅުވާލައިފައި ބޭއްވުމުގެ ގޮތުން ސުރުޚީއެއްގެ ގޮތުގައި މި ސިލްސިލާއަށް 'ހޯމަ ދުވަހުގެ ވާހަކަ'އޭ ކިޔުނީއެވެ. ދީނީ، އިލްމީ، ފިކުރީ، އިޖުތިމާއީ، ތާރީޚި އަދި މިނޫންވެސް އެހެން މައުޟޫތަކުގެ ވާހަކަ، 'ހޯމަދުވަހުގެ ވާހަކަ'ތަކުގެ ތެރޭގައި ފަސޭހަކަމާއެކު ހިމަނާލެވިދާނެތީއެވެ.

މި ސުރުޚީގެ އަސްލު ގުޅެނީ އަރަބި އަދީބެއްގެ ލިޔުންތަކަކަށް ދެވުނު ސުރުޚީއަކާއެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅު މިސުރުގައި، ނެރެވުނު 'އައްސިޔާސަތު' އާއި 'އަލްޖިހާދު' ފަދަ ނޫސްތަކުގައި، މި ޒަމާނުގެ އަރަބި އަދަބިއްޔާތުގެ 'ޢަމީދު'ކަމުގެ ލަގަބު އެއަދީބަކަށް ދެވިފައިވާ އަދީބު، މަރްހޫމް ތާހާ ހުސައިން ލިޔުއްވައި ގެނެސްދެއްވި 'ހަދީޘުލް އަރުބިޔާއި' (ބުދަ ދުވަހުގެ ވާހަކަ) މި ސުރުޚީއާއެވެ. ފަހުން، މިވާހަކަތައް، ފޮތެއްގެ ސިފައިގައި، ހަމަ އެނަން ކިޔައި، ޝާއިއު ކުރެވުނެވެ. ރާއްޖޭގެ ބައެއް ނޫސްތަކުގައި ވެސް، އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި، މިފަދަ ސިލްސިލާއެއް ގެނެސްދެވުނެވެ. ދުވަހު ނޫސް ހަވީރުގައި ޖީލުލް އުސްތާޒު މަރްހޫމް ޖަމީލްދީދީ ލިޔުއްވި 'އަންގާރަ ދުވަހުގެ ވާހަކަ' މި ސިލްސިލާ ލިޔުއްވުންތަކެވެ. އާދެ، 'ހޯމަ ދުވަހުގެ ވާހަކަ' މި ސުރުޚީ ގުޅެނީ މި ނަންގަތް ދެ ސުރުޚީއާއެވެ. ދެން 'ހޯމަ ދުވަސް' އިޚުތިޔާރުކުރެވުނީ ކީއްވެތޯކަމުގެ ސުއާލު އުފެދިދާނެއެވެ. އެ ސުއާލުގެ ޖަވާބެއްގެ ގޮތުން ދަންނަވަންޖެހެނީ މިހެންނެވެ. ދުވަސްތަކުގެ ނަންތަކަށް ބަލާއިރު އެންމެ ކުރުކޮށް އޮތް ނަންތަކުގެ ތެރެއިން އެއް ނަމަކީ ހޯމައެވެ. އާންމު ގޮތެއްގައި ސިލްސިލާ ލިޔުންތަކާއި ކޮލަމްތަކުގެ ނަން ކުރުކޮށް ބޭއްވުމަށް، އެފަދަ ސިލްސިލާތަކާއި ކޮލަމްތައް ގެނެސްދޭ ނޫސް މަޖައްލާތަކުގެ އެޑިޓަރުން ލަފާދެއްވައެވެ. މި ސިލްސިލާގެ ނަމާއި ހޯމައާއި ގުޅުވާލެވުނީ މިގޮތުން ހޯމައިގެ ލަފްޒަށް ރިއާޔަތް ކުރެވިގެންނެވެ. އެ ލަފްޒު ކުރުވީމައެވެ.

ހޯމަ ދުވަހުގެ ވާހަކަ ފަށަން ގަސްދުކުރަނީ ދީނީ މައުޟޫއަކާ ގުޅޭ ވާހަކަ ކޮޅަކުންނެވެ. ކީރިތި ގުރުއާން ހުޅުވާލަދޭ ހުޅުވާލަދިނުން، އާދެ، އަލްފާތިހާ ސޫރަތް، ނުވަތަ އަޅުގަނޑުމެން ކިޔައި އުޅޭ ގޮތުން ނަމަ، އަލްހަމްދު ސޫރަތް، މި ސޫރަތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލައި މި ސޫރަތުގެ ހިޔަލުގައި ވަގުތުކޮޅެއް ހޭދަކޮށްލަމުންނެވެ. މިތަނުގައި އެ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ގެންނާކަށް ގަސްދެއް ނުކުރަމެވެ. ނަމަވެސް، މުހިއްމު ދެ ނުކުތާއެއްގެ މައްޗަށް ނަޒަރު ހިންގާލަން ބޭނުންވެއެވެ. ސޫރަތުގެ މައިގަނޑު މައުޟޫއާއި އެ ސޫރަތުން ހާސިލުކުރަން ގަސްދުކުރެވޭ ކަމަކީ ކޮބައިތޯއާއި މި ދެ ނުކުތާގެ މައްޗަށެވެ.

މި ނަންގަތް ދެ ނުކުތާއާގެން ކުރިއަށް ދިޔުމުގެ ކުރިން، އިތުރުކޮށްލެވޭ އިސްބަހެއްގެ ގޮތުގައި، އަލްހަމްދު ސޫރަތް ބާވާލެއްވުނު ތާރީޚާ ގުޅޭ ވާހަކަ ކޮޅެއް ލިޔެލާނަމެވެ. އަލްހަމްދު ސޫރަތަކީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، އެކަލޭގެފާނު ރަސޫލުކަމައިގެން ވަޑައިގަތަމުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. އެކަލޭގެފާނުގެ ރިސާލަތުގެ މައްކީ ދައުރުގައި، އެބަހީ އެކަލޭގެފާނު، މަދީނާއަށް، ހިޖުރަކުރެއްވުމުގެ ކުރިން، ބާވާލެއްވުނު ސޫރަތެކެވެ. އަލަޤް، މުއްދައްޘިރު، މުއްޒައްމިލު، މި ތިންސޫރަތް ބާވާލެއްވެން ފެށުމަށް ފަހު، ހަތަރުވަނައަށް، ބާވާލެއްވުނު ސޫރަތެވެ. އަލްހަމްދު ސޫރަތަކީ، މުޅި ސޫރަތް އެއްކޮށް ބާވާލެއްވުނު، ފުރަތަމަ ސޫރަތް ކަމުގައި ބެލެވެއެވެ. މި ސޫރަތް ބާވާލެއްވުނު ތާރީޚު ކަނޑައަޅާލަން މުހިއްމުވަނީ މިތާރީޚާއި ސޫރަތުގެ މައިގަނޑު މައުޟޫއާއި ގުޅުމެއް އޮތީމައެވެ. މިއާއި ބެހޭ އިތުރު ވާހަކަ ކޮޅެއް ފަހުން ގެނެވޭނެއެވެ.

އަލްހަމްދު ސޫރަތުގެ މައިގަނޑު މައުޟޫއަކީ ހިދާޔަތަށް އެދި މާތްކަލާނގެ ހަޒްރަތުގައި ދެންނެވެމުވެ. ސޫރަތުގެ ސޫރަތުގެ ހަވަނަ އާޔަތުން ދޭހަވާ ފަދައިންނެވެ. އާދެ، اهدنا الصراط المستقيم (އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!) މިއާޔަތުންނެވެ. އެހެންވެ، އަލްހަމްދު ސޫރަތް ސިފަކުރެވެނީ، ތެދުމަގު، ދެއްކެވުމަށް އެދި މާތްކަލާނގެ ހަޒްރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގައެވެ. އާދެ، ސޫރަތުގެ އަދަބީ ސިޔާގަކީ (ލިޓަރަރީ ކޮންޓެކްސްޓް) މިއެވެ. މާތްކަލާނގެއަށް އީމާންވެ، ރަނގަޅާ ނުރަނގަޅު ދެނެގަނެވޭނޭ ގޮތް ބަޔާންކޮށްދެއްވުމަށް އެދި އެކަލާނގެ ހަޒުރަތަށް އިލްތިޖާއުވެ، ދެންނެވޭ ދެންނެވުމުއްގެ ގޮތުގައެވެ.

ފުރަތަމަ ފަސް އާޔަތުގައި އެކުލެވިގެންވަނީ، މި ދުއާ ދެންނެވުމަށް ތައްޔާރުވުމުގެ ގޮތުން، މާތްކަލާނގެ ކިބަފުޅަށް ތައުޒީމުގެ އަދާކުރާ ކުރުމެވެ. އެކަލާގެއަށް ހަޒުރަތުގައި އަދަބުވެރިވެ، އެކަލާގެ ރަސްކަންފުޅަށް ހައްގު އިހުތިރާމު އަދާކުރުމުގެ ގޮތުން ކިޔޭ ކިޔުމެކެވެ. އެކަލާނގެއީ ހުރިހާ ނިއުމަތްތަކެއްވެރި ރަސްކަލާނގެ ކަމަށް އިއުތިރާފުވެ، ހަމްދު ސަނާ ކިޔައެވެ. ހުރިހާ އެއްޗެއް އުފައްދަވައި، އެއެއްޗިއްސާ ދޭތެރޭ، އޯގާތެރިކަމާއިއެކު، ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ ކަމަށް އިއުތިރާފުވެއެވެ. ޖަޒާދެއްވުމުގެ ދުވަހު، އާދެ، އާޚިރަތް ދުވަހު، އަޅުތަކުންނަށް ހައްގު ޖަޒާދެއްވުމުގެވެރި ރަސްކަލާނގެ ކަމަށް އިއުތިރާފުވެއެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންގެ އަޅުކަމާއި މަދަދަށް އެދި ދެންނެވުން، އެކަލާނގެއަށް ޚާއްސަކުރެވިފައިވާ ރަސްކަލާނގެ ކަމަށް ވެސް އިގުރާރުވެ، އިއުތިރާފުވަމުންނެވެ.

މިނަންގަތް މުގައްދަމީ ތައުޒީމުގެ ސަނާ، މާތްކަލާނގެ މަތިވެރިކަމުގެ މައްޗަށް އެއްބަސްވެ، ހިތުގެ އަޑިން އިއުތިރާފުވެ، ދުލުން އެ ވާހަކަ ކިޔައި، މާތްކަލާނގެ ހަޒްރަތަށް އަދަބު އިހުތިރާމު އަދާކުރުމަށް ފަހު، ތެދުމަގު ދެއްކެވުމަށް އެދި، މާތްކަލާނގެ ހަޒުރަތުގައި، މުއުމިނާ ދުއާ ދަންނަވެއެވެ. اهدنا الصراط المستقيم (އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!)، މިހެން ކިޔައި ދުއާކޮށެވެ. ސޫރަތް ނިންމާލެވެނީ، މުއުމިނުތަކުން އެދޭ މި ތެދުމަގާ ބެހޭ އިތުރު ވާހަކަކޮޅެއް ބަޔާންކުރުމަށް ފަހުއެވެ. މުއުމިނުތަކުން އެދޭ މި ތެދުމަގަކީ އެކަލާގެ ރުއްސުންލެއްވި އަޅުތަކުންނަށް ވެސް އެކަލާނގެ ދެއްކެވި ތެދުމަގެވެ. ރަސޫލުކަމާއިގެން އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށެވެ. އަދި، މިފަދަ ރަސޫލުބޭކަލުންގެ ރިސާލަތު ދިރުވުމަށްޓަކައި އެކަލާނގެ ފޮނުއްވި ނަބީބޭކަލުނަށެވެ. އަދި އެކަލާނގެ މަގުގައި ޝަހީދުވެ ދިޔަ ބޭކަލުންނާއި މިނޫންވެސް ހެޔޮލަފާ ސާލިހު މުއުމިނުތަކުންނަށެވެ. އެކަލާނގެ އެބަޔަކަށް ތެދުމަގު ދެއްކެވުމުން، އެކަމަށް އިންކާރުކޮށް ފުރަގަސްދިނުމުގެ ސަބަބުން، އެކަލާނގެ ކޯފާފުޅަށް ހުށަހެޅުނު މީހުންގެ މަގެއްނޫނެވެ. ނޫނީ، އެކަލާނގެ އެމީހުންނަށް ތެދުމަގު ދެއްކެވުމުން، އެ ތެދުމަގުގައި ހައްގު ގޮތުގައި، ސާބިތުކަންމަތީ ނުތިބެވުމުގެ ސަބަބުން، ފައިކައްސާލައި، ތެދުމަގު އޮޅި ދިޔަ މީހުންގެ މަގެއް ވެސް ނުމެ ނޫންމެއެވެ. އަލްހަމްދު ސޫރަތުގައި ގެނެވިފައިވާ ވާހަކަތަކުގެ ޚުލާސާއަކީ މިއެވެ.

އަލްހަމްދު ސޫރަތުގައި އެކުލެވޭ ވާހަކަތަކުގައި އިސްލާމް ދީނުގެ ޖައުހަރީ ދީނީ އުނގަންނައި ދިނުންތައް ޚުލާސާކުރެވިފައިވެއެވެ. ދީނީ ކަންކަމޭ މިނަންގަތީ މުއުމިނާ، އޭނާގެ ޚާލިގުވަންތަ ކަލާނގެއާއި ގުޅުވާލަދީ އޭނާގެ ކިބައިގައި ރޫހާނިއްޔަތުގެ ސިފަ ދިރުވައި އިތުރުކޮށްދޭ މައިގަނޑު ކަންކަމަށެވެ. އަލްހަމްދު ސޫރަތުގައި އިޝާރަތްކުރެވިފައިވާ މިފަދަ ކަންކަމުގެ ތެރޭގައި މާތްކަލާނގެއަށް އީމާންވުން ހިމެނެއެވެ. އެކަލާނގެއީ ކައުނާއި ކާއިނާތުގައިވާހައި އެއްޗެއް އުފެއްދެވި 'އާލަމްތަކުގެވެރި ރަސްކަލާނގެ' ކަމަށް އިއުތިރާފުވެ، ހިތުގެ އަޑިން އީމާންވުމުގެ ޖައުހަރީ ސިފައެވެ. މި އީމާންކަން ނިޔާކުރަނީ މުއުމިނާގެ، އާދެ، މާތްކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވާ މީހާގެ، އަމަލުތައް ވަކި ގޮތަކަށް ބެހެއްޓުމަށެވެ. ރަނގަޅާއި ނުރަނގަޅު ކަނޑައަޅައި، ރަނގަޅުގެ އިމުގެ ތެރޭގައި އޭނާގެ އަމަލުތައް ބެހެއްޓުމަށެވެ. އެހެނީ އޭނާ ދެކެނީ އޭނާގެ އަމަލުތަކާ މެދު، އޭނާ މަސްއޫލުވާން ޖެހޭނޭކަމެވެ. އޭނާގެ އަމަލުތަކާ ބެހޭ ގޮތުން އޭނާއާ ސުއާލުކުރެވި ހިސާބު ބެލެވޭނޭ ކަމުގައެވެ. މިހެން ދުށުމުގެ މަންތިގީ ނަތީޖާއަކީ، އެފަދަ ދުވަހެއް، އާދެ، އާޚިރަތް ދުވަސް، އަންނާނޭ ކަމަށް އޭނާ އީމާންވުމެވެ. އެދުވަހުން، މާތްކަލާނގެ މީސްތަކުންގެ ހިސާބު ބައްލަވައި، އެންމެންނަށް، އެމީހުންނަށް ހައްގުވާ ޖަޒާ ދެއްވާނެކަން ގަބޫލުކުރުމެވެ. އަލްހަމްދު ސޫރަތުގައި ނަންގަނެވި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. އެކަލާނގެއީ 'ޖަޒާދެއްވުމުގެ ދުވަހުގެވެރި ރަސްކަލާނގެ'އޭ ބަޔާންކޮށެވެ.

ދެންމެ ބަޔާންކުރެވުނު ފަދައިން، މިތިންކަންތައް – މާތްކަލާނގެއަށާއި އާޚިރަތް ދުވަހަށް އީމާންވުމަށާއި އަދި މިއީމާންކަންމަތީ ހުރެ ހެޔޮއަމަލުކުރުން – ހިމެނެނީ އިސްލާން ދީނުގެ ޖައުހަރީ ދީނީ ތައުލީމާތުތަކުގެ ތެރެއިންނެވެ. ކީރިތި ގުރުއާނުގެ އެހެން، އެކިއެކި ސޫރަތްތަކުން ވެސް މިކަމަށް އިތުރު ހެއްކާއި ބާރު ލިބެއެވެ. މިސާލެއްގެ ގޮތުން ދެ އާޔަތަކަށް އިޝާރަތްކޮށްލާނަމެވެ. މާތްކަލާނގެއަށާއި އާޚިރަތް ދުވަހަށް އީމާންވެ، ހެޔޮއަމަލުކުރާ މީހަކު އާޚިރަތް ދުވަހުން ކަންބޮޑުވެ ހިތާމަކުރާކަށް ނުޖެހޭނޭކަން ބަޤަރާ ސޫރަތުގެ 62ވަނަ އާޔަތުގައްޔާއި މާއިދާ ސޫރަތުގެ 69ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. މިދެއާޔަތުން ވެސް، މި ނަންގަތް ތިންކަމަކީ އިސްލާމީ ދީނީ އުނގަންނައި ދިނުންތަކުގެ ޖައުހަރީކަންކަން ހާމަވެގެންދެއެވެ. އަދި މިކަމުން ކީރީތި ގުރުއާނުގެ ދީނީ މަފްހޫމުގެ ޚުލާސާއަކީ ކޮބައިކަން ވެސް، އާދެ، ދީނުގެ މާނައިގެ ޚުލާސާއަކީ ކޮބައިކަން ވެސް، ސާފުވެގެން ދެއެވެ. އެއީ މާތްކަލާނގެއާއި އާޚިރަތް ދުވަހަށް އީމާންވެ، މި އީމާންކަންމަތީ ހެޔޮއަމަލުތައްކުރުން މަތީ ދެމިހުރެ، ހެޔޮލަފާ އިންސާނަކަށް ވުމެވެ. ކީރިތި ގުރުއާނުގެ ދެން ހުރި ސޫރަތްތަކުގައި ވަނީ މިކަމުގެ އިތުރު ތަފްސީލީ ވާހަކަތަކެވެ.

ދެން، ނިންމާލުމުގެ ގޮތުން، އަދި އެއްވާހަކަ ލިޔެލަން ބޭނުމެވެ. އަލްހަމްދު ސޫރަތުގެ ތަފްސީރު ލިޔާއިރު ކުރެވޭ ސުއާލެކެވެ. މުސްލިމުންވަނީ ކީރިތި ޤުރުއާނުގައި ހުށަހަޅާލެވިފައިވާ ތެދުމަގު ބަލައިގެންފައެވެ. އެހެން ކަމަށްވާއިރު، އެމީހުންނަށް ވަނީ ތެދުމަގު ލިބިފައި ނޫން ހެއްޔެވެ؟ މިއީ ހަގީގަތްކަމަށްވާއިރު، އިތުރަށް ތެދުމަގު ލިބުމަށް އެދި ދުއާކުރުމުގެ ބޭނުމަކީ، ހިކުމަތަކީ، ކޮބައި ހެއްޔެވެ؟ މުފައްސިރުން، ކީރިތި ޤުރުއާނުގެ މާނަ ތަފްސީލީ ގޮތެއްގައި ބަޔާންކޮށް އޮޅުންފިލުވައި ދެއްވާ، ތަފްސީރުގެ އިލްމުވެރިން، އެބޭކަލުން، މި ސުއާލަށް ދެއްވާ ކުރު ޖަވާބަކީ މިއެވެ. އެކަމުގެ ބޭނުކަމީ، ހިކުމަތަކީ، އިސްލާމް ދީނުގެ ތެދުމަގައި ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ. މިކަމާ ދޭތެރޭ ވިސްނައި ފިކުރުކޮށްލުމަށްޓަކައި، ކުޑަ ތަފްސީލެއް ހުށަހަޅާލާނަމެވެ.

އިންސާނާގެ ހިތް، އޭނާއަށް މަގުދައްކައިދޭ ބާރު، މިއީ ބަދަލުވެ ފުރޮޅެމުންދާ އެއްޗެކެވެ. އޭގެ މައްޗަށް ވެރިވާ ތަފާތު އިހުސާސުތަކާއި ޝުއޫރުތަކުގެ ތައުސީރުތަކުގެ ސަބަބުންނެވެ. އުފަލާއި ހިތާމަ، ލައްޒަތާއި ވޭން، ލޯތްބާއި ނަފްރަތު ފަދަ އިހުސާސުތަކާއި ޝުއޫރުތަކުގެ ސަބަބުންނެވެ. އުފަލާއި ލައްޒަތަށް އެދެވި، އޭނާގެ އަޚުލާގީ ސަމުގާގެ ބާރުގެ ދަށުން ނަފްސު ބޭރުވެ، އޭނާގެ ނަފްސު އެދޭހާ ކަމެއް ކުރަން ބޭނުންވެއެވެ. ހަމަ އެހެންމެ، ހިތާމައިގައި ޖެހި މާޔޫސްވެ، ނަފްސުގެ ލަގަން އަތުން ދޫވެ، އަމިއްލައަށް މަރުވާން ބޭނުންވާ ފަހަރު ވެސް އާދެއެވެ. މީހަކު ދެކެ އަންނަ ރުޅިއެއްގެ ސަބަބުން އޭނާއަށް ގެއްލުންދީ ހާނިއްކަކޮށް، އަދި ބައެއްފަހަރު، އޭނާ ގަތުލުކޮށްލަން ވެސް، ބޭނުންވެދެއެވެ. މިފަދަ އިހުސާސުތަކާއި ޝުއޫރުތަކުގެ އިތުރުން، ތަފާތު ވިސްނުންތަކާއި ފިކުރުތައް، އިންސާނާގެ ހިތަށް ހުށަހެޅި ހުށަހެޅި ހުރެއެވެ. މިފަދަ ފިކުރުތަކުގެ ތެރޭގައި، ދީނުގެ މަގަށް ގެންގޮސް އެމަގުގައި ހުރުމަށް ބާރު އަޅައިދޭ ފިކުރުތައް ހިމެނެއެވެ. އަދި ހަމަ އެހެންމެ، ދީނުގެ މަގުން އެއްކިބާކޮށް އެމަގާ ދުރުކުރުވާ ފަދަ ޝައްކާއި ވަހުމު އުފައްދާ ފިކުރުތަކާއި ވިސްނުންތައް ވެރިވާ ފަހަރުވެސް އާދެއެވެ. މިފަދަ، 'ދާޚިލީ ހަނގުރާމައެއް' އިންސާނާގެ ހަށިގަނޑުތެރޭ ހިނގަމުންދާއިރު، ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށް އެދި، އަބަދުމެ، ދުއާކޮށްކޮށް ހުރުމަކީ މުހިއްމުކަމަކަށް ވެއެވެ. އެހެންވެ، ނަމާދުގައި ތަކުރާރުކޮށް، އަލްހަމްދު ސޫރަތް ކިޔަވައި، އަބަދުވެސް ތެދުމަގަށް އެދި ދުއާކުރުން، ޝަރުއުކުރެވިފައިވެއެވެ. އިންސާނާގެ ހިތަށް ވެރިވާ ނުރަނގަޅު އިހުސާސުތަކާއި ޝުއޫރުތައް، ވިސްނުންތަކާއި ފިކުރުތައް، މިކަންކަމުގެ ސަބަބުބް އޭނާ ތެދުމަގުން އެއްކިބާވެގެން ދިޔަ ނުދިޔުމަށްޓަކައެވެ. ދީނީ ކުރިއެރުމަށް ހުރަސްއަޅާފާނޭ ފަދަ، ވިސްނުންތަކާ ފިކުރުތައް މެދުވެރިކުރުވާ ސުއާލުތަކަށް އެކަށީގެންވާ ޖަވާބު ލިބި، ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށްތަޓަކައެވެ.

އަލްހަމްދު ސޫރަތުގައި އެކުލެވޭ މި ހިކުމަތުގެ މައްޗަށް ބަލައިލުމުން، މައްކާގައި ކީރިތި ގުރުއާން ބާވާލެއްވެން ފެށުމުގެ ކުރީކޮޅު، މިސޫރަތް ބާވާލެއްވުނީ ކީއްވެގެންކަން އެނގިގެން ދެއެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި، ކީރިތި ގުރުއާނަށް އީމާން، އިސްލާންވަމުން ދިޔަ މީސްތަކުންގެ ހިތުގެ ތެރޭގައި ރޯވި އީމާންކަމުގެ ހުޅުކޮޅު ނިވުނަނުދީ ބެހެއްޓުން ހިމެނެއެވެ. އެތައް އުނދަގޫ ދަތިތަކާއި އަޒާބުތަކަށް އޭރުގެ މުއުމިނުތަކުންގެ ނަފްސުތައް ހުށަހެޅެމުން ދިޔަ ދުވަސްވަރެއްގައި، މިކަމުގެ އަހައްމިއްޔަތު ފާހަގަވެއެވެ. އެފަދަ ވަގުތެއްގައި މި ސޫރަތްކިޔަވައި، ތެދުމަގު ދެއްކެވެމަށާއި އަދި އެމަގުގައި ފައިތިލަ ސާބިކޮށްގެން ތިބުމަށް އެދި އަބަދުމެ މާތްކަލާނގެ ހަޒުރަތުގައި ދަންނަވައި ދަންނަވައި ތިބުން މުހިއްމުވިއެވެ. އަދި މިކަމުގެ ތައުސީރު  ވެސް އެދުވަސްވަރުގެ މުއުމިނުންގެ ކިބައިން ފެނިގެންދިޔައެވެ. އެބައިމީހުން، އެމީހުންނަށް ކުރިމަތިވި ދަތިއުނދަގޫތަކަށް ކެތްކުރިއެވެ. ބިލާލުގެފާނުގެ ގައިކޮޅު މައްޗަށް ހޫނުހިލަތައް އަރުވައި، އިސްލާމްދީން ދޫކޮށްލުމަށް އަމުރުކުރެވުމުން ވެސް 'އެއީ އެއް ކައުވަންތަ ކަލާނގެއޭ' ތަކުރާރުކޮށް ވިދާޅުވެ، އިސްލާމް ދީން ދޫކޮށް ނުލައްވައި، އަޒާބަށް ކެތްކުރެއްވިއެވެ. ހަމަ އެހެންމެ، ދީން ދޫކޮށްލުމަށް ސުމައްޔަތުގެފާނަށް އަމުރުކުރެވުމުން ވެސް، ދީން ދޫކޮށްނުލައްވައި، އަޒާބުލިބި ލިބި، އެއަޒާބުގައި ޝަހީދުކޮށްލެވި ދާންދެން، އީމާންކަންމަތީ ދެމި ހުންނެވިއެވެ. މީގެ އިތުރުން، ވިޔާފާރިޔާއި އަދިވެސް އެއްވެސް އެހެން މުއާމަލާތެއް، މުސްލިމުންނާ ނުކުރުމަށް މައްކާގެ ބޮޑުން އެއްބަސްވެ، މުސްލިމުން އެކަހެރިކޮށްލައި، ބަނޑުހައިހޫނުކަމުގެ ތިން އަހަރެއްހާ ދުވަސް މުސްލިމުން ވޭތުކޮށްލިއިރު ވެސް، އެކަމަށް ކެތްކޮށްގެން، އީންމަންކަންމަތީ، ދެމިތިއްބެވެ. މީގެ މާނައަކީތޯއެވެ؟ ކޮންމެ ފަދަ ދަތި އުނދަގޫ ހާލަތަކަށް ނަފްސު ހުށަހެޅުނު ކަމުގައި ވިޔަސް، އިލާހީ ތެދުމަގު ދޫކޮށްދާން ބޭނުން ނުވާފަދަ ވަރުގަދަ ގޮތެއްގައި ހިތުގެ ތެރޭގައި އިމާންކަމުގެ ހުޅުކޮޅު ރޯވެ އަނދާކަމުގެ ހެއްކެކެވެ. އާދެ، އަލްހަމްދު ސޫރަތުގައި އުނގަންނައިދެވިފައިވާ ފަދައިން، ތެދުމަގަށް އެދި، އަބަދުމެ، ދުއާކުރުން މަތީ ދެމިތިބުމުގެ ބަރަކާތުގެ އަސަރެވެ. އެކަމުގެ ލާބައާއި މަންފާއެވެ.

އަދުގެ މުއުމިނުންނަށް ވެސް، މިފަދަ ވަރުގަދަ ގޮތެއްގައި އެމީހުންގެ ހިތުގެ ތެރޭގައި ރޯވެފައިވާ އީމާންކަމުގެ ހުޅުކޮޅު ނިވުނަނުދީ ހިފެއްޓުމަށްޓަކައި، ދުއާކޮށް ދެންނެވޭ ވަސީލަތަކަށް އަލްހަމްދު ސޫރަތް ވެއެވެ. ނަމާދުގައްޔާއި އަދި އެހެނިހެން ވަގުތުތަކުގައި އަލްހަމްދު ސޫރަތް ކިޔަވާއިރު، އެ ސޫރަތުގެ މާނައިގެ މައްޗަށް ފުންކޮށް ވިސްނައި، ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީގު ދެއްވުމަށް އެދި މާތްކަލާނގެ ހަޟުރަތުގައި ދެންވެމުގައި ދެމިތިބެއެވެ.

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.