ފާޠިމަތު ޖަމީލް އަވަހާރަވުން- ދިވެހި އަންހެނުންގެ ކުރިއެރުމަށް އަލިކޮށްދިން ހުޅުކޮޅެއްގެ ނިވުން!

އަންހެނުންގެ ކުރިއެރުމުގެ ވާހަކަ، ބާރުވެރިކުރުމުގެ ވާހަކަ، މިއަދު އަޅުގަނޑުމެންނަށް މިދެއްކެނީ އެކަމަށް ބަޔަކު ކުރިމިނަތް މަސައްކަތްޕުޅު ތަކަކުންނެވެ. އެލިސްޓްގައި އެންމެ ފުރަތަ ވެސް ނަން ލިޔެވިގެންދާނެ ބޭފުޅަކީ އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަލްމަރްޙޫމާ ފާޠިމަތު ޖަމީލެވެ. ފާޠިމަތު ޖަމީލް އަވަހާރަވުމަކީ ދިވެހި އަންހެނުންގެ ކުރިއެރުމަށް އަލިކޮށްދިން ހުޅުކޮޅެއްގެ ނިވުމެވެ. ނަމަވެސް އެހުޅުކޮޅުނިވުމުގެ ކުރިން މިވަނީ އެމަގަށް އަލިކޮށްދޭނެ އެތައް ދަންމަރެއް ރޯކޮށްދެއްވައިފައެވެ.

ފާޠިމަތު ޖަމީލް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް، އިއްޔެ މެންދުރެއްހާއިރު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކި 80 އަހަރުފުޅެވެ. އެ މަރުޙޫމްގެ ފުރާނަފުޅަށް ހެޔޮރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ލައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

ޤަދަރުވެރި ނަމޫނާ އާއިލާއެއްގެ ނަމޫނާ ދަރިނކަބަލެއް!

އަލްމަރްޙޫމާ ފާތުމަތު ޖަމީލަކީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުންނެވެ. އާއިލާގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފަތުޙުއްﷲ ޖަމީލަކީ ދިގުމުއްދަތެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނު ސަރުކާރުގެ ތަފާތު އެކި ވުޒާތައް ހިންގެވި ޢަބްދުﷲ ޖަމީލުގެ އިތުރުން ވަޒީރުކަމާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވި ޢަބްދުﷲ ޖަމީލާއި ދައުލަތުގެ އިސްމަޤާމުތަކެއް ފުރުއްވި ޖާދުﷲ ޖަމީލަކީ ވެސް މަރުޙޫމާ ފާތުމަތު ޖަމީލުގެ އާއިލާގެ ބޭފުޅުންނެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ހެލްތް މިނިސްޓަރކަން ކުރެއްވި އައިމިނަތު ޖަމީލަކީ މަރުޙޫމާ ފާތުމަތު ޖަމީލްގެ އާއިލާގެ އެންމެ ހަގު ބޭފުޅާއެވެ.

ފާޠިމަތު ޖަމީލުގެ ފިރިކަލުންނަކީ، އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ވަޒީރުލްއައުޒަމްގެ ނާއިބުކަން އަދި އެމަނިކުފާނުގެ ރައީސް ކަމުގައި ނާއިބް ރައީސްކަން ކުރެއްވި، މަރްހޫމް އައްނަބީލް ހަސަން ޒަރީރެވެ. އެޑިޔުކޭޝަން މިނިސްޓަރުކަމާއި ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ޕްރޮވިންޝަލް އެފެއާޒް މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ. މަރްޙޫމް ހަސަން ޒަރީރާއި ފާޠިމަތު ޖަމީލަށް ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ކުރެއްވި ޒާހިޔާ ޒަރީރުގެ އިތުރުން ޒީނިޔާ ޒަރީރާއި ޒަރާނާ ޒަރީރާއި އަހުމަދު ޒަރީރެވެ.

ފަސްޖެހިވަޑައިގަތުމެއް ނެތި އަންހެނުންގެ ކުރިއެރުވުމުގައި!

މަރްޙޫމާ ފާޠިމަތު ޖަމީލްގެ މަސައްކަތްޕުޅަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވެނީ އަންހެނުންގެ ތަރައްޤީއަށް ކުރެއްވި މަސައްކަތްޕުޅެވެ. ފާޠިމަތު ޖަމީލް ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ 26 ޖޫން 1955 ގައި މަދްރަސަތުލް ޞަލާޙިއްޔާގެ މުދައްރިސާކަމުގެ މަގާމުންނެވެ. 1958 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އެމަޤާމުގައި ދެމި ހުންނެވިއެވެ.

އަންހެނުންގެ ތަރައްޤީޤެ މަސައްކަތްތަކުގެ ފެށުމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ދަށުން، އުފެއްދި އަންހެނުންގެ ކޮމެޓީއެވެ. އެކޮމެޓީ އަކީ 1975 ގައި ބޭއްވި ފުރަތަމަ ވޯލްޑް ކޮންފަރެންސް އޮން ވިމެންސްގައި  "ޑިކޭޑް ފޯ ވިމެންސް" ނުވަތަ އަންހެނުންގެ ތަރައްޤީގެ ދިހައަހަރުގެ ލަނޑު ދަޑިތަކާ ގުޅިގެން އުފެއްދި ކޮމިޓީއެކެވެ. މިކޮމެޓީ އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ 1980 ވަނަ އަހަރު ޑެންމާކުގެ ކޯޕެންހޭގަންގައި ބޭއްވި ދެވަނަ ވޯލްޑް ކޮންފަރެންސް އޮން ވިމެންސް އަށް ތައްޔާރުވުމެވެ. އަންހެނުންގެ ދެވަނަ ވޯރލްޑް ކޮންފަރެންސްގެ ބޭނުމަކީ 10 އަހަރަށް ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވެވުނު މިންވަރު ބެލުމެވެ. 1980 ގައި ބޭއްވި "މިޑް ޑިކޭޑް އެސެސްމަންޓް" ނުވަތަ 10 އަހަރުގެ ލަނޑުދަނޑިތައް ޙާޞިލްވާ މިންވަރު ދެނެގަތުމުގެ ޖަލްސާގައި ނުވަތަ ކޮންފަރެންސްގައި ފާޠިމަތު ޖަމީލް ވަނީ ރާއްޖެ ތަމްސީލްކުރައްވައިފައެވެ. މިއީ އެފަދަ ކޮންފަރެންސްގައި ރާއްޖޭގެ އަންހެނުން ތަމްސީލުކުރި ފުރަތަމަ ފަހަރެވެ. 1985 ވަނަ އަހަރު ކެންޔާގެ ނައިރޯބީގައި ބޭއްވި ތިންވަނަ ކޮންފަރެންސުގައި ވެސް ފާޠިމަތު ޖަމީލް ވަނީ ރާއްޖެ ތަމްސީލް ކުރައްވައިފައެވެ.

ފަހުން ރައީސް އޮފީހުގެ ދަށުން މަސައްކަތް ކުރުމަށް އެކުލަވާލި އަންހެނުންގެ ޤައުމީ ކޮމިޓީގެ ރައީސާކަމުގެ މަޤާމަށް ފާޠިމަތު ޖަމީލް ހަމަޖެއްސެވީ 16 އޭޕްރީލް 1981 ގައެވެ. އެ ކޮމިޓީއަށް ފަހު 1982 ގައި އުފެއްދި އޮފީސް ފޯ ވިމެންސް އެފެއާޒްގެ ޑިރެކްޓަރުކަން އޭނާ އަދާކުރެއްވިއެވެ. އަންހެނުންގެ ތަރައްޤީއަށް އަމާޒުކޮށް ފުރަތަމަ އުފެއްދި މުއައްސަސާއަކީ ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒެވެ. އެމުއައްސަސާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ވެސް ފާޠިމަތު ޖަމީލެވެ. 1988 ވަނައަހަރު އުފެއްދި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލަކީ ފާޠިމަތު ޖަމީލެވެ. ފަހުން އަންހެނުންނާ ބެހޭ ވުޒާރާއެއް، 1993 އުފައްދަވައި އެމީނިސްޓްރީ ނާއިބުކަމުގެ މަޤާމަށް ފާތު ޖަމީލް ވަނީ އައްޔަން ކުރައްވައިފައެވެ. ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތް ތަކެއް ކުރައްވައިފައިވާ ފާޠިމަތު ޖަމީލަށް ފުރަތަމަ އުފެއްދެވި އަންހެނުންނާ ބެހޭ ވުޒާރާގެ ވަޒީރުންކަން ނުލިބުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ކަމެކެވެ. ފާޠިމަތު ޖަމީލް ސަރުކާރުން ވަކިވެ ވަޑައިގެން ހަޔާތްޕުޅުގެ ފަހު ދުވަސްތައް ހޭދަ ކުރެއްވީ އަވަށްޓެރި ސްރީލަންކާގައެވެ.

އަންހެނުން ކުރިއެރުވުމަށް ކެރިގެން ކުރިމަތި ލެއްވި!

ފާޠިމަތު ޖަމީލް ދިވެހި އަންހެނުން ތަމްޞީލް ކުރެއްވުމަށް ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ބައިވެރިވެ ވަޑައިގެންނެވި އެއް ބޭފުޅަކީ އެންދެރިމާގޭ އައްބާސް އިބްރާހީމެވެ. އޭރުގެ ދަތުރުފުޅުތަކުގެ ބައެއް ފޮޓޯތައްވެސް މިކަމަށް ހެކިދެއެވެ. ޢައްބާސް ވިދާޅުވީ އޭރު ހުންނެވި މަޤާމްގެ ގޮތުން ފާޠިމަތު ޖަމީލްގެ އަރިހުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އޭރު އައްބާސް ހުންނެވީ ރައީސް އޮފިހުގެ މިނިސްޓަރު ކަމުގެ މަޤާމުގައެވެ. އަންހެނުންގެ ވަކި ވުޒާރާއެއް ނެތުމުން ރަސްމީ ހައިސިއްޔަތުން ވަޑައިގަންނަވަންޖެހޭ ކަމަށް ޢައްބާސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރެއްވި ދަތުރުފުޅުތަކުގައި ފާޠިމަތު ޖަމީލް ޖެހިލުމެއް ނެތި ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ޢައްބާސް ވެސް ފާހަގަ ކުރެއްވިއެވެ.

ދެ ޖިންސުގެ ހަމަހަމަކަމަށް އެތައް ގޮންޖެހުންތަކެއް އޮތް ދުވަސްވަރެއްގައި ފާޠިމަތު ޖަމީލް ވެގެންދިޔައީ، ދިވެހި އަންހެނުންނަށް އުއްމީދުގެ ހުޅުކޮޅަކަށް ކަމަށް ފާތިމަތު ޖަމީލްގެ ދެބެއިންގެދެދަރި ކޮއްކޯފުޅު ކަމަށްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައިވެއެވެ.

މަރްޙޫމް ފާޠިމަތު ޖަމީލު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މެމްބަރުކަން 1989 ވަނަ އަހަރުން ފެށިގެން 2000 ވަނައަހަރަށް ކުރައްވައިފައެވެ.

އެއީ އަންހެނުންގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ވަރުގަދަ ޝަޚްސިއްޔަތެއް: އަނީސާ އަހްމަދު

ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަޙްމަދު ސިފަ ކުރައްވާ ގޮތުގައި ފާޠިމަތު ޖަމީލަކީ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ފެށްޓި މަސައްކަތުގެ މުގުލުގައި ހުންނަވައިގެން ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެތައް އަތޮޅަކަށް ދަތުރުކުރައްވައި އަންހެނުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ވަރުގަދަ ޝަޚްސިއްޔަތެކެވެ.

"އެކިފެންވަރުގެ އެކި ވިސްނުމުގެ މީހުންނާއެކު އުޅުވަން އެނގިވަޑައިގަންނަވާ އަޅުގަނޑު ވަރަށް ޤަދަރުކުރާ ބޭފުޅެއް. ފާޠިމަތު ޖަމީލް އަވަހާރަވުމުން 70 ގެ އަހަރުތަކުގައި، އަންހެނުންނަށް ޙައްޤު ދަރަޖަ ހޯއްދައި ދިނުމަށް ސަރުކާރުން އަލަށް ފެށްޓެވި މަސައްކަތާބެހޭ ފަތްފުށްތަކުގެ ފުރަތަމަ ބާބަށް، ލިބިގެން އެދިޔައީ ވަރަށް ބޮޑު އުނިކެމެއް." އަނީސާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.