ވަކި ގަޑިތަކެއްގައި މަގުމަތީގައި ނޫޅުމަށް އެޗުޕީއޭއިން އެންގުމުން އެއަށް އަމަލު ކުރަންވީ މަޖުބޫރުވެގެން ކަމަށް ނުހެދުމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މަގުތީގައި އުޅެން މަނާ ގަޑި ޖެހުމުގެ ކުރިން ވަރަށް ގިނަ މީހުން އެކިކަންކަމުގައި މަގުމަތީގައި އުޅެމުންދާ ތަން ފެންނަ ކަމަށެވެ. އެ ގަޑި ޖެހުމާއެކު އެންމެން ގެއަށް ވަދެ ތިބުމަށް ފަހު ގަޑި ހަމަވުމުން އަނެއްކާ ވެސް މަގުމައްޗަށް ނުކުންނަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ.
އެއީ އެއްގޮތަކަށް ވެސް މަޖުބޫރު ވެގެން ކުރާކަމެއްގެ ގޮތުގައި ނުހެދުމަށާއި، އެއީ ތިމާއާއި ތިމާގެ އާއިލާއާއި އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅައިފައިވާ ފިޔަވަޅެއްކަމަށް ބަލައިގަނެ އޭގެ މަގުސަދު ހާސިލްވާ ގޮތަށް އެންމެން މިވަގުތު އަމަލު ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެހެންނޫނީ މި ނުރައްކާތެރި ކޮވިޑް އެންމެ މީހެއްގެ ސަބަބުން ވެސް މުޅި މުޖުތަމައަށް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަގުމަތީ އުޅޭ ގަޑި އެއީ މަޖުބޫރީއެއްގެ ގޮތުގައި ނުނަގާށޭ. ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލާށޭ. އެގަޑި ޖެހުމުގެ ކުރިން އެކިކަންކަމުގައި މަގުމަތީގައި އުޅެފައި އެގަޑި ޖެހުމުން ގޭގައި މަޑުކޮށްފައި ގަޑި ނިމުމުން އަނެއްކާވެސް ނުކުމެގެން އުޅޭތަން މި ފެންނަނީ. އެއްގޮތަކަށް ވެސް އެހެން ނުހަދާ،" ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ ކޮވިޑް-19 ޖެހިގެން ވެލިދޫ އައިސޮލޭޝަންގައި މިހާރު ފަރުވާ ހޯދަމުންދާ 4 ދިވެހީންގެ ހާލަތު ގޯސްނުވާ ކަމަށެވެ. ސިއްހީ ގޮތުން އިތުރު މައްސަލަތަކެއް އެމީހުންގެ ކިބައިން ފާހަގަ ނުވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. މަނާގަޑިތަކުގައި ނުކުމެ އުޅުނު 141 މީހުންނަށް ފުލުހުންވަނީ ނަސޭހަތާއި އިންޒާރު ދީފައެވެ.