ކޮވިޑް އަލާމާތް ހުރި ފަތުރުވެރިޔާ ފުރުވާލި މައްސަލަ ތަޙްޤިޤް ކުރުމަށް ފުލުހުން ކުރެއްދޫގައި

ކޮވިޑްގެ އަލާމާތްތައް ފެނިފައި ވަނިކޮށް އިޓަލީ ފަތުރުވެރިޔާ ފުރުވާލި މައްސަލަ ތަޙްޤިޤް ކުރުމަށް ފުލުހުންގެ ޓީމެއް ކުރެއްދޫ އައިލެންޑް ރިސޯރޓްގައި ޙަރަކާތްތެރިވަމުންދާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ތަޙްޤީޤް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވަނިކޮށް ކަމާބެހޭ އިދާރާތަކަށް ނާންގައި އޭނާ އެނބުރި ޤައުމަށް ފުރައިގެންދިޔަ މައްސަލައެވެ. އޭނާ ކޮވިޑަށް ޕޮސިޓިވް ކަން އެނގުނީ އެނބުރި ޤައުމަށް ގޮސް ހެދި ޓެސްޓްތަކުންނެވެ. ރާއްޖޭގައި ކޮވިޑަށް ފުރަތަމަ ޕޮސިޓިވި ދެމީހުންނަކީ ކުރެއްދޫގައި ފަތުރުވެރިޔާއަށް ފަރުވާދިން ޑޮކްޓަރާއި ޑޮކްޓަރުގެ އަންހެނުން ކަމަށްވެއެވެ.

ފުލުހުންގެ ތަޙްޤީޤް ޓީމް ކުރެއްދުއަށް ގޮސްފައި ވަނީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅައިފައިވާ ސީޕްލޭންގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ފުލުހުން އެރިސޯރޓަށް ގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހުއްދަލިބިގެން ކަމަށް ވެސް ފުލުހުން ވިދާޅިވިއެވެ.

އިޓަލީ ފަތުރުވެރިޔާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓްކޮށްފައި ނުވާތީ އެ މައްސަލައި ބައެއްގެ އިހްމާލު އޮތްކަމަށް ތުޙުމަތުކިރެވޭތީ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ކުރެއްދޫއަކީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުގައި އޮތުމަށްފަހު މިހާރު ހުޅުވާލައިފައިވާ ރިސޯޓެކެވެ. ފުލުހުން އެރިސޯރޓްގައި ޙަރަކާތްތެރިވަނީ ކޮވިޑް 19 އާ ގުޅިގެން ރައްކާ ތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައިގެން ކަމަށް ވެސް ފުލުހުން އިދާރާއިން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.