ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: "ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!" (2)

ނޯޓު: މި ލިޔުމުގެ ފުރަތަމަ ބައިގައި ނަންގަނެވިފައިވާނީ ދެވަނަ ބައިގައި ޕރ. ލެނޮކްސްގެ ތަގުރީރުގެ ޚުލާސާއެއް ގެނެސްދޭނޭ ވާހަކައެވެ. ނަމަވެސް، ބައެއް ކަންކަން ސާފުކޮށްލަދިނުމުގެ ގޮތުން އިތުރުކޮށްލެވުނު ތައުލީގުތަކުގެ ނަތީޖާއަކަށްވީ ޚުލާސާއަކަށްވުރެ މިބައި ދިގުވުމެވެ. އެހެންވެ، މިބައި ހުށަހަޅާ މިލަނީ ޕރ. ލެނޮކްސްގެ ތަގުރީރުގެ  ވާހަކަތަކުގެ ބަލާލެވޭ ބަލާލުމެއްގެ ގޮތުގައެވެ. މިވާހަކަތަކަށް ފަހު، ތަގުރީރުގެ ވީޑިއޯ، ދިވެހި 'ތަރުޖަމާ' އާއެކު (ސަބްޓައިޓެލްއާއެކު)، ފެންނަން އޮންނާނެއެވެ.

މި ވާހަކަތަކުގައި މިފަދަ [...] ހަތަރެސްކަން ބުރެކެޓެއްގެ ތެރޭގައި ހިމެނެނީ، މައްސަލަ އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން އިތުރުކޮށްލެވިފައިވާ މުތަރުޖިމުގެ އަމިއްލަ ވާހަކައެވެ.

ތަގުރީރުގެ މައްޗަށް ބަލައިލުން

ތަގުރީރު ފެށެނީ ހާޒިރުވެ ތިބި ކުދިންނާ، ޕރ. ލެނޮކްސް، ސުއާލެއް ކޮށްލައްވަމުންނެވެ. މަދަރުސާގައި، ކިޔަވައި ދިނުމުގެ ކިލާސްތަކުގައި، ސައިންސުވަނީ މާތް ކަލާނގެ ވޮޑިގެންވުމަކީ ބާތިލުކަމެއްކަން ސާބިތުކޮށްދީފިކަމުގެ ވާހަކަ ކިތައް ކުދިން އަޑުއަހައިފައިވޭތޯ ސުއާލުކޮށްލައްވަމުންނެވެ. ދެބައިކުޅަ އެއްބައެއްހާ ކުދިން، އެވާހަކަ އަޑުއަހާފައިވާކަމުގައި ބުންޏެވެ. ކުދިންގެ ޖަވާބަށް ފަހު، މި ކަމާ ބެހޭ ގޮތުން ޕރ. ލެނޮކްސް ވިދާޅުވިއެވެ. ސައިންސަކަށް، އެކަން، ސާބިތެއްކޮށެއް ނުދެވެއެވެ. އަދި މީގެ އިތުރުން، މާތް ކަލާނގެ ވޮޑިގެންވުމަކީ ބާތިލުކަމެއްކަން، ސައިންސަކަށް ސާބިތު ކޮށެއް ނުދެވޭނޭ ވާހަކަ ވެސް ޕރ. ލެނޮކްސް ވިދާޅުވިއެވެ. އޭނާގެ ތަގުރީރުގެ ވާހަކަތައް ބިނާވަނީ މިކަމަކަށް މިގޮތަށް އޮތީ ކީއްވެގެންކަން ބަޔާންކޮށްދެއްވުމުގެ މައްޗަށެވެ. އަދުގެ ސައިންސާއި ފަލްސަފާގެ ހޯދުންތަކުގެ އަލީގައެވެ.

ހ. އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ގުޅެނީ ދުނިޔަވީނަޒަރާއެވެ. ސައިންސުގެ ހޯދުންތަކާއެއް ނޫނެވެ.

ޕރ. ލެނޮކްސް، އެންމެ ފުރަތަމަ، ފާހަގަކޮށްދެއްވީ ލާއިލާހިއްޔަތުގެ ފިކުރު ބިނާވަނީ ސައިންސުގެ ހޯދުންތަކުގެ މައްޗަކަށް ނޫންކަމެވެ. އޭނާގެ ނަޒަރުގައި، މީހަކު، ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމާ ނުކުރުން ބިނާވަނީ އެމީހާގެ ދުނިޔަވީނަޒަރުގެ މައްޗަށެވެ. އާދެ، ދުނިޔެއާއި ދޭތެރޭ، އޭނާ ދެކޭގޮތުގެ މައްޗަށެވެ. މިކަން ތަމްސީލުކޮށްދެއްވުމުގެ ގޮތުން ދެ ސައިންސުވެރިއެއްގެ ވާހަކަ ޕރ. ލެނޮކްސް ގެންނެވިއެވެ. އެކަކީ ޕރ. ސްޓީވަން ޥައިންބާރގެވެ. އޭނާއަކީ [1979 ވަނަ އަހަރު، ޕރ. އަބްދުއްސަލާމާއި އަދި ޕރ. ޝެލްޑަން ލީ ގްލެސްގޯ އާއި އެކު] ފިޒިކްސްގެ ރޮނގުން ނޯބެލް އިނާމު ހާސިލުކުރެއްވި އިލްމުވެރިއެކެވެ. ޕރ. ސްޓީވަން ޥައިންބާރގް އަކީ ލާއިލާހީއެކެވެ. ކަލަކުވޮޑިގެންވާކަން ގަބޫލުނުކުރާ މީހެކެވެ. ދެވަނަ ބޭކަލަކީ ޕރ. ޗާރލްސް ޓޯވްންސްއެވެ. އޭނާއަކީ [1964ގައި ޕރ. ނިކޯލާއި ބާސޯވް އާއި ޕރ. އެލެކްސޭންޑަރ ޕްރޮކްހރޯވް އާއި އެކު] ފިޒިސްކްސްގެ ރޮނގުން ނޯބެލް އިނާމު ހާސިލުކުރެއްވި އިލްމުވެރިއެކެވެ. ޕރ. ޗާރލްސް ޓޯވްންސް އަކީ އިލާހީއެކެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހެކެވެ.

މި ދެއިލްމުވެރިންގެ ވާހަކަ ގެންނަވައި، ޕރ. ލެނޮކްސް ފާހަގަކޮށްދެއްވީ މި ދެއިލްމުވެރިންގެ ސައިންސުގެ މަސައްކަތަށް، މިދެބޭކަލުންގެ  ދީނީ އިއުތިގާދެއް އޮތްކަން ނުވަތަ ނެތްކަން ހުރަސްނާޅާކަމެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުމާ ނުކުރުން، މިދެބޭކަލުންގެ އިލްމީ މަސައްކަތެއް ނުހުއްޓުވާކަމެވެ. އެކަމާ މެދު، ކޮންމެ ގޮތަކަށް ދެކެވަޑައިގެން ކަމުގައި ވިޔަސް، އެދެބޭކަލުން ވެސް، އިލްމީ މަސައްކަތުގައި ކުރިއަށްވަޑައިގަތެވެ. އެކަމުގެ ހެއްކަކީ، އިލްމީ ގޮތުން ދެވެން އޮންނަ އެންމެ މަތީ ދަރަޖައާއި ޝަރަފު، އާދެ، ނޯބެލް އިނާމު، އެ ދެބޭކަލުންވެސް އެރުވުނުކަމެވެ.

މިކަމުން ހެކި ލިބިގަނެވެނީ، އިލްމީ މަސައްކަތުގައި، މިދެބޭކަލުންގެ ދީނީ އިއުތިގާދު، އެކަކު އަނެކަކާ ވަކިކޮށް ތަފާތުނުކުރާކަމެވެ. ސައިންސުވެރިންގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ގަބޫލުކުރާ މީހުންނާ އެކަން ގަބޫލު ނުކުރާމީހުން ވެސް އުޅެއެވެ. އެހެންކަމުން، މަތީގައި ނަންގަނެވުނު ދެބޭކަލުންނާ އަދި އެފަދަ އެހެން ބޭބޭކަލުންގެ ވެސް ތަފާތުވުން ގުޅެނީ ސައިންސަކާނޫނެވެ. އެބޭކަލުންގެ 'ވާރލްޑްވިއު' ނުވަތަ އެބޭކަލުންގެ ދުނިޔަވީނަޒަރާއެވެ. ދުނިޔެއާ ދޭތެރޭ އެބޭކަލަން ދެކިލައްވާ ގޮތާއެވެ. މިއިން އެނގޭކަމަކީ، ލާއިލާހިއްޔަތުގެ މައްސަލައަކީ ސައިންސާއި ކަލަކުވޮޑިގެން ވުމާ ދެމެދު އޮތް މައްސަލައެއްނޫންކަމެވެ. އެމައްސަލަ ގުޅެނީ ދެ 'ވާރލްޑްވިއު'އަކާކަމެވެ. ދެ ދުނިޔަވީނަޒަރާކަމެވެ.

މި ދެ ދުނިޔަވީނަޒަރުގެ ތެރެއިން ލާއިލާހިއްޔަތުގެ ދުނިޔަވީނަޒަރު ގުޅެނީ މާއްދިއްޔަތުގެ (މެޓީރިއަލިސްމްގެ) ނުވަތަ ތަބީއަތުގެ (ނެޗުރަލިސްމްގެ) ފަލްސަފާއާއެވެ. އިލާހިއްޔަތުގެ ދުނިޔަވީ ނަޒަރު ގުޅެނީ ސުޕަރނެޗުރަލިޒްމް ނުވަތަ ޣައިބިއްޔަތުގެ (ނޫނީ ރޫހާނިއްޔަތުގެ) ފަލްސަފާއާއެވެ. ހަޔާތާއި ބެހޭ މުހިއްމު ސުއާލުތަކަށް، މި ދެ ދުނިޔަވީނަޒަރު ވެސް ޖަވާބު ހުށަހަޅާލައެވެ. ހަގީގަތަކީ (ރިއަލިޓީއަކީ) ކޮބާ ހެއްޔެވެ؟ ހަޔާތުގެ މާނައަކީ ކޮބާ ހެއްޔެވެ؟ ހަޔާތުގެ ވަކި ބޭނުމެއް، މަގުސަދެއް ވޭ ހެއްޔެވެ؟ ހަޔާތާ ބެހޭ މިފަދަ ސުވާލުތަކުގެ ޖަވާބެވެ.

ލާއިލާހިއްޔަތުގެ ދުނިޔަވީނަޒަރުގެ ރޮނގުވަޅުން ބަލާއިރު އިންސާނުންގެ ކުރިމަތީގައި އޮތް ހަމައެކަނި ހަގީގަތަކީ ކައުނެވެ. ނުވަތަ އެތައް ކައުނުތަކެކެވެ. އަދި އެކައުނުގައި ނުވަތަ ކައުނުތަކުގައި ލެއްވިފައިވާ އެއްޗިއްސާ އެ އެއްޗެހީގެ ޖިސްމު ނުވަތަ އެޖިސްމުގައި އެކުލެވިގެންވާ ހަކަތަ (މާސް / އެނާރޖީ) އެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އިންސާނާގެ ހިއްސީ ތަޖުރިބާތަކާ ގުޅިފައިވާ އެއްޗިއްސެވެ. މިގޮތުން ބަލާއިރު، ކައުނު ވުޖޫދުގައި ވުމުގައްޔާއި، އަދި އިންސާނީ ހަޔާތުގެ ވެސް، އެއްވެސް ޖައުހަރީ މަގުސަދެއް ނެތެވެ. އިންސާނާގެ ދުނިޔަވީ ހަޔާތް ނިމި، މަރުވެ ދިޔުމުން، އޭނާގެ ހުރިހާ ކަމެއް ނިމުނީއެވެ.

[މިފަދަ ވިސްނުމަކީ، ފަހަރެއްގައި ވެސް، އަދުގެ އާ ވިސްނުމެއްނޫނެވެ. މިއީ އިހުގެ ލާއިލާހީންގެ ދުނިޔަވީނަޒަރު ވެސް މެއެވެ. މިކަމަށް އިޝާރަތްކޮށް، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. وقالوا ما هي إلا حياتنا الدنيا نموت ونحيا وما يهلكنا إلا الدهر...، އެމީހުން (އެބަހީ އަރަބި މުޝްރިކުން) ބުންޏެވެ. 'ހަމަގައިމުވެސް، މި ނޫން އެހެން ހަޔާތެއް ނެތެވެ. (މިދުނިޔޭގައި) އަހަރުމެން(ގެ ތެރެއިން އެއްބަޔަކު) މަރުވެދާއިރު، (އަނެއްބަޔަކު، ދުނިޔޭގައި) ދިރިތިބެއެވެ. ހަމަކަށަވަރުން އަހަރުމެން ހަލާކުކޮށް، ނެތިކޮށްލަނީ (އަހަރުމެންގެ ހަޔާތުގެ ދުވަސްތައް ފާއިތުވުމަށް މެދުވެރިކުރުވާ) ޒަމާނު(ގެ ދުވެއްޔެ)ވެ...' ޖާޘިޔަތު ސޫރަތުގެ 24ވަނަ އާޔަތުން). މިފަދަ ދުނިޔަވީނަޒަރުގެ މީހުންނަށް ރައްދުދީ ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ. أفحسبتم أنما خلقناكم عبثا وأنكم إلينا لا ترجعون؟ (ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ކުޅިވަރަކަށްކަމާއި – އެއްވެސް ބޭނުމެއް، މަގުސަދެއް ނެތިކަމާއި – އަދި ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ހަޟުރަތަށް އަނބުރާ ނުގެންދެވޭނޭ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަލްމުއުމިނޫން ސޫރަތް – 115ވަނަ އާޔަތް.]

އިލާހީންގެ ދުނިޔަވީނަޒަރުގެ ރޮނގުވަޅުން ބަލާއިރު، ހަޔާތާ ބެހޭ މުހިއްމު ސުވާލުތަކަށް  ލާއިލާހީން ދޭ ޖަވާބު ނުފުދެއެވެ. ހަމައެކަނި ހަގީގަތަކީ ކައުނާއި ކައުނުގައިވާ އެއްޗެކޭ ނުވަތަ އެއެއްޗެހީގައި ލެއްވިފައިވާ ހަކަތައޭ އަދި ކައުނާއި ކާއިނާތުތައް ވުޖޫދުގައި ވުމުގެ އެއްވެސް މަގުސަދެއް ނެތޭ ބުނާބުނުމަކީ އެ ސުވާލުތަކަށް ދެވޭ އެދެވޭ ޖަވާބެއް ކަމުގައި އިލާހީން ނުދެކެއެވެ. ސަބަބަކީ އެ ބަޔާންކޮށްދޭ ހަގީގަތް ވުޖޫދަށް އައީ ކިހިނެއްކަން އޮޅުންފިލުވައިދޭން ޖެހުމާއި، މިކަން ލާއިލާހީންގެ ޖަވާބުގައި ބަޔާންކޮށްދެވިފައި ނެތުމެވެ.

[އަދި ހަމަ އެހެންމެ، އިންސާނީ ހަޔާތުގެ މަގުސަދެއް ނެތް ނަމަ، އަޚުލާގީ ސިފަތަކުގެ މާނަ ގެއްލިދެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި މީހުން މެރުން ފަދަ ކަންމަކީ ނުރަނގަޅު ކަންކަމޭ ބުނުމުގެ މާނައެއް ނެތެވެ. އެކަންކަމުން ތިމާއަށް ފައިދާއެއް ލިބެން އޮތް ނަމަ، އަދި ދުނިޔަވީ ގާނޫނީ އުގޫބާތްތަކުން ރެކެވެން އޮތްނަމަ، އެފަދަކަންކަން ވެސް ކުރުން ހަމަ އެންމެ ރަނގަޅުވެގެންދެއެވެ. އެހެން ކަންތައްއޮތް ނަމަ، އެކަންކަމާ މެދު، ތިމާގެ އަމަލުތަކާމެދު މަސްއޫލުވާން ނުޖެހޭނެތީއެވެ. ހަޔާތުގެ މަގުސަދެއް ނެތޭ ބުނާ ބުނުމުގެ ނުސީދާ ދޭހައަކީ މިއެވެ. ނަމަވެސް، ނުސީދާ ގޮތެއްގައި ނަމަވެސް، ދޮގުހެދުމާއި ވައްކަންކުރުމާއި މީހުންމެރުމަކީ ހަމަ އެންމެ ރަނގަޅުކަމެކޭ ބުނުމަކީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫނެވެ.]

ކޮންމެއަކަސް ވުޖޫދުގައި ވަނީ ހަމައެކަނި ކައުނާއި ކައުނުގައި ލެއްވިފައިވާ ކާއިނާތުތަކޭ ބުނުމަކުން ފުދޭކަމަކަށް އިލާހީންނެއް ނުދެކެއެވެ. އެ ހުރިހާ އެއްޗެއް ވުޖޫދަށް އައި ގޮތް އޮޅުން ފިލުވައިދޭން ޖެހެއެވެ. މިކަން ގުޅެނީ ކަންކަން އޮޅުންފިލުވައިދިނުމުގައި 'ތިރިން ފެށިގެން މައްޗަށް' (ބޮޓަމް-އަޕް) އޮޅުންފިލުވައިދިނުމާއި 'މަތިން ފެށިގެން ތިރިއަށް' (ޓޮޕް-ޑައުން) އޮޅުންފިލުވައިދިނުމާއި މިދެގޮތް ވެސް ބޭނުން ކުރުމާއެވެ.

[ކަންކަން އޮޅުން ފިލުވައިދިނުމުގައި ބޭނުންކުރާ 'ތިރިން-މަތީ'ގެ ގޮތަކީ، އެކިއެކި ކާއިނާތުތަކަށް ނުވަތަ ގުދުރަތީ މަޒާހިރުތަކަށް، ވަކިވަކިން ބަލައި، އެކާއިނާތުތަކާއި ކަންކަން ހިނގާގޮތް، ބުއްދި ބޭނުންކޮށްގެން، ހޯދައި އޮޅުންފިލުވުމެވެ. މިސާލަކަށް ކާއިނާތުތައް އުފެދުނު ގޮތުގެ އަމަލިއްޔާތު (ޕޮރޮސެސް)، ތަތައްވުރުގެ ނަޒަރިއްޔާ (ތިއަރީ އޮފް އެވަލޫޝަން) އޮޅުންފިލުވައިދެވިދާނެއެވެ. މިއީ 'ތިރިން-މަތީގެ' އޮޅުންފިލުވައިދިނުމެވެ. މީގެ އިތުރުން، މިއަމަލިއްޔާތު، އެންމެ ފުރަތަމައިން، ހިނގައިގަންނަ މެދުވެރިވީ ކިހިނެއްތޯ، އަދި އެކަމުގެ އަސްލު ސަބަބަކީ ކޮބައިތޯވެސް ބަލަންޖެހެއެވެ. މިގޮތުން ބަލައި، އޮޅުންފިލުވައި ދިނުމަކީ 'މަތިން-ތިރީގެ' އޮޅުންފިލުވައިދިނުމެވެ. އެހެން މިސާލަކަށް ބަލައިލަމާހެއްޔެވެ؟ ވާރޭވެހުން މިއީ ގުދުރަތީ މަޒުހަރެކެވެ (ނެޗުރަލް ފެނޯމެނާ އެކެވެ). މިކަން ހިނގަނީ ބިމުގެ ފެން، ނުވަތަ ކަނޑުގެ ލޮނުގަޑު، އާތްވަށް ބަދަލުވެ، އުޑަށް އަރައި، އެ އާވި، ވާރޭ ވިލާތަކަކަށް ބަދަލުވެ، އެ ވާރޭ ވިލާތަކުން ވާރޭ ވެހިގެންނެވެ. މިއީ ތިރިން މަތީގެ އޮޅުން ފިލުވައިދިނުމެކެވެ. މީގެ އިތުރުން، މި ތަބީއީ ގާނޫނުގެ މަތިން މިކަން ހިނގުމަށް މެދުވެރިވި ގޮތްވެސް ބަލަންޖެހެއެވެ. މިފަދަ ތަބީއީ ގާނޫނުތައް ލެއްވިފައިވަނީ ކިހިނެއް ކަމާއި އެލެއްވި ފަރާތަކީ ކޮބައިކަންވެސް ހޯދައި އޮޅުންފިލުވަން ޖެހެއެވެ. މިގޮތަށް އޮޅުންފިލުވައިދިނުމަކީ 'މަތިން-ތިރީގެ' އޮޅުންފިލުވައިދިނުމެވެ.

 

ކަލަކު ވޮޑިގެންވާކަމުގެ އިލްމީ ހެކި

ދެން، ޕރ. ލެނޮކްސް ވާހަކަ އަމާޒުވަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިދެއްކެވުމުގެ މައްޗަށެވެ. އަދި، ސައިންސުގެ ހޯދުންތައް، ކަލަކުވޮޑިގެންވާކަން ގަބޫލުކުރުން ފަދަ، ދީނީ އިއުތިގާދުތަކާއި އެއްވެސް ފުށުއެރުމެއް ނެތްކަމުގެ ހެކި ބަޔާންކޮށް ދިނުމުގެ މައްޗަށެވެ.

މިގޮތުން، އެންމެ ފުރަތަމަ، ހެކީގެ މުހިއްމުކަން ފާހަގަކޮށްދެއްވުމުގެ ގޮތުން، ވިދާޅުވިއެވެ. މީހަކު ވާހަކައެއް ބުނުމުން، ނުވަތަ އެއްޗެއް ލިޔުމުން، އެ ބުނާ، ނުވަތަ ލިޔާ، އެއްޗެއްގެ ތެދު ދޮގު ކަނޑައަޅާލައި، އެކަން ގަބޫލުކުރުމާ ނުކުރުން، ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށެވެ. އެ ވާޙަކަ ބުނާ މީހާގެ މޫނަށް ބަލާފައި ނޫންކަމެވެ. މިކަން ތަމްސީލުކޮށްދެއްވުމުގެ ގޮތުން މިސާލެއް ގެންނެވިއެވެ. ވިހިވަނަ ގަރުނުގައި އުފެދުނު އެންމެ މަޝްހޫރު ފިޒިކްސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޕރ. ސްޓެފަން ހޯކިން [އަވަހާރަވީ 2018 ވަނަ އަހަރުގައި] އާއި ކުރެވުނު ސުވާލަކާއި އެ ސުވާލަށް އޭނާ ދެއްވި ޖަވާބު ވިދާޅުވެއެވެ. ޕރ. ހޯކިން އާއި ކުރެވުނު ސުއާލަކީ ދީނާ[އި އަދި އާޚިރަތް ދުވަހާ] މެދު އޭނާ ދެކިލައްވާ ގޮތަކީ ކޮބައިތޯއެވެ. މި ސުއާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ދީނުގައި ހިމެނޭ މިފަދަ ވާހަކަތަކަކީ ކުޑަކުދިންނަށް ކިޔައިދީ އުޅޭ ޕަރީންގެ ވާހަކަތައް ފަދަ ޚިޔާލީ ވާހަކަތަކެއް ކަމުގައެވެ. އަދި އޭނާގެ ނަޒަރުގައި ދީނަކީ އަނިދިރިދެކެ ބިރުގަންނަ މީހުންނަށް އޮތް އެއްޗެކެވެ. މާނައަކީ ދީނާއި ދީނުގައި އެކުލެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ޚުރާފީ އެއްޗެއްކަމެވެ. ދެން، މިކަމާ މެދު އެއްޗެއް ވިދާޅުވު މަށް ޕރ. ލެނޮކްސް އަރިހުން އެދުމުން، ސަމާސާކޮށްލައްވަމުން، އޭނާ ވިދާޅުވީ ލާއިލާހިއްޔަތަކީ އަލިދެކެ ބިރުގަންނަ މީހުންނަށް އޮތް ކުޑަކުދިންނަށް ކިޔައިދެވޭ ފަދަ ޕަރީންގެ ވާހަކަ ފަދަ ޚިޔާލީ ވާހަކަތަކެއްކަމެވެ.

މަތީގައި ނަންގަނެވި ދިޔަ ސުއާލާއި އެ ސުއާލަށް ޕރ. ހޯކިންސް އާއި ޕރ. ލެނޮކްސްއާ ދެބޭކަލުންގެ ޖަވާބުގެ މައްޗަށް ބައްލަވާލައްވަމުން، ޕރ. ލެނޮކްސް ވިދާޅުވިއެވެ. މި ދެ ޖަވާބަކީ ވެސް ދެ ސައިންސުވެރިއެއްގެ ވާހަކައެކެވެ. އެހެންކަމަށް ވިޔަސް، އޭނާ ވިދާޅުވަނީ، އެ ވާހަކަ ބިނާވެފައި އޮތީ ސައިންސުގެ ހެކީގެ މައްޗަކަށް ނޫންކަމެވެ. އެ ދެ ޖަވާބަކީ އެ ދެޖަވާބު ދެއްވި ދެ ބޭފުޅުންގެ އަމިއްލަ ރައުޔުކަމެވެ. އެ ދެ ބޭފުޅުން ދެކިވަޑައިގަންނަވާ ދެ ގޮތެކެވެ. އެ ދެ ގޮތް ވެސް ބިނާވެފައި އޮތީ އެ ދެ ބޭފުޅުންގެ ދުނިޔަވީނަޒަރުގެ މައްޗަށްކަމެވެ. އެ ދެ ޖަވާބުގެ ސައްހަކަން ނުވަތަ ނޫންކަން ހޯދުމަށްޓަކައ، ބަލަން ޖެހޭނީ ޖަވާބު ބިނާވަނީ ކޮން ހެއްކެއްގެ މައްޗަށްތޯއެވެ. ޖަވާބުދޭ މީހާގެ މޫނަކަށް ނޫނެވެ.

ދެން، މިހިސާބުން، ކަލަކު ވޮޑިގެންވާކަމާ ސައިންސާ ދެމެދު އެއްވެސް ފުށުއެރުމެއް ނެތްކަމުގެ ހެކިތައް ހުށަހަޅުއްވާލައްވައެވެ. މި ހެކިތައް ތިންބަޔަކަށް ބައްސަވާލައްވަމުންނެވެ. ފުރަތަމަ ބައި ގުޅެނީ ސައިންސުގެ ތާރީޚާއެވެ. ދެވަނަ ބައިގުޅެނީ ސައިންސާއި ސައިންސުގެ ތަބީއަތާއެވެ. ތިންވަނަ ބައި ގުޅެނީ ސައިންސު ނެރެދޭ ނަތީޖާތަކާއެވެ.

 

ދީނާއި ސައިންސުގެ ތާރީޚު

މި ބައިގެ ކުރު މުގައްދިމާއެއްގެ ގޮތުން ޕރ.ލެނޮކްސް ވިދާޅުވެއެވެ. ސައިންސުވެރިން ސައިންސުގެ މަސައްކަތް ކުރުމަށް ކުރިމަތިލަނީ އެކަން ކުރެވިދާނެކަމުގެ އެކަށޭނަކަން އޮތްކަން ގަބޫލުކުރެވޭތީއެވެ. އޮކްސްފޯރޑް އާއި ކެމްބްރިޖް ޔުނިވަރސިޓީގައި އިނގިރޭސި އަދަބިއްޔާތު ކިޔަވާދެއްވި ލިޔުންތެރިޔާ، އަދި އުލޫހިއްޔާތުގެ އިލްމުވެރިޔާ ސީ. އެސް. ލުވިސް [އަވަހާރަވީ 1963ގައި] ވިދާޅުވެފައިވާ ފަދައިން، މިކަން ގަބޫލުކުރެވެނީ ގުދުރަތުގެ ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ގާނޫނުތަކެއްގެ މަތިންކަމަށް ބެލެވޭތީއެވެ. [މިސާލަކަށް، ދުނިޔެ އެނބުރޭ އެނބުރުން، ނުވަތަ ދުނިޔެ އިރުގެ ވަށައިގެން އެނބުރޭ އެނބުރުން، ނުވަތަ ހަނދު ދުނިޔެ ވަށައިގެން އެނބުރޭ އެނބުރުން، މި ކަންކަން ހިނގާ ހަމަތަކީ، ގާނޫނުތަކަކީ ކޮބައިތޯ ހޯދުމުގެ މަސައްކަތް ކުރެވެން އޮތީ، މިކަންކަން ހިނގަނީ ވަކި ހަމަތަކެއްގެ މަތިންކަން، އެންމެ ފުރަތަމައިން ގަބޫލުކުރެވިގެންނެވެ.]

މިކަން އިތުރަށް ބަޔާންކޮށްދެއްވުމުގެ ގޮތުން މިޒަމާނުގެ ސައިންސުގެ ކުރިއެރުމުގެ ތާރީޚުގެ މައްޗަށް ބައްލަވައި، އެކަމުގެ ރާއިދުންނަކީ، ލީޑަރުންނަކީ، ދީން ގަބޫލުކުރެއްވި އިލްމުވެރިންކަން ފާހަގަކުރެއްވިއެވެ. މި އިލްމުވެރިންގެ ތެރޭގައި ގެލައިލިޔޯ (އަވަހާރަވީ 1642ގައި)، ޔޯހާނަސް ކެޕްލަރ (އަވަހާރަވީ 1630ގައ) އަދި އިސްހާކް ނިޔުޓަން  (އަވަހާރަވީ 1727ގައި) ފަދަ އިލްވެރިން ހިމެނެއެވެ. އަދި މި އިލްމުވެރިން ދީނާ ދޭތެރޭ ދެކޭ ގޮތް ބަޔާންކޮށްދެއްވުމުގެ ގޮތުން އެބޭކަލުންގެ ބަސްކޮޅެއް ގެނެސްދެއްވިއެވެ.

ގެލައިލިއޯ ވިދާޅުވެފައިވަނީ މާތްކަލާނގެ އިންސާނުންނަށް ދެއްވި، ބުއްދިއާއި ވިސްނުމުގެ ބާރުތައް ބޭނުންކުރުން އެކަލާނގެ މަނާ ނުކުރައްވާކަމެވެ. އަދި ކެޕްލަރ ވިދާޅުވަނީ ދުނިޔޭގައި ތަބީއީ ކަންކަން ހިނގަނީ މާތްކަލާނގެ ލައްވަވާފައިވާ ވަކި ނިޒާމެއްގެ މަތިންކަމާއި ސައިންސުގެ އަމާޒަކަށް ވާން ޖެހޭނީ މި ނިޒާމު ދެނެގަތުމަށް މަސައްކަތްކުރުމެވެ. އަދި ޚާލިގުވަންތަ މާތްކަލާނގެ ވޮޑިގެންވުމާ ދޭތެރޭ ޝައްކުނުކުރުމަށް ނިޔުޓަން ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދުނިޔޭގައި ކަންކަން ހިނގަނީ ހަމަ އަމިއްލަޔަށް ހުރެފައިކަމީ، ހިތުގެ އަޑިން ގަބޫލުކުރެއްވޭނޭ ކަމެއްނޫންކަން ވެސް ނިޔުޓަން ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިވާހަކަތަކުން އެނގެނީ ސައިންސުގެ މި ނަންގަތް އިހުގެ އިލްމުވެރިންނަކީ ދީން ގަބޫލުކުރެއްވި ބަޔެއްކަމެވެ. އަދި އެމީހުންގެ އިލްމީ މަސައްކަތް ކުރުމަށް، ކޮންމެވެސް ވަރަކަށް ނަމަވެސް، އެމީހުންގެ ދީނީ ގަބޫލުކުރުންތައް ބާރުއަޅައި ހިތްވަރުދިންކަން ވެސް މެއެވެ.

ދެން ޕރ. ލެނޮކްސް ފާހަގަކޮށްލައްވަނީ ކުރިންވެސް ނަންގަނެވުނު، ވިހިވަނަ ގަރުނާއި އެކާވީސްވަނަ ގަރުނުގައި އެންމެ ފާހަގަކޮށްލެވޭ ސައިންސުގެ އެއް އިލްމުވެރިޔެއް ކަމުގައިވާ ޕރ. ސްޓީވަން ހޯކިން ދީނާ ބެހޭ ގޮތުން ވިދާޅުވެފައިވާ ވާހަކައެކެވެ. ޚާލިގުވަންތަ ފަރާތެއްވާކަން އޭނާ ގަބޫލުނުކުރައްވާކަން ޓައިމްސް މަޖައްލާގައި ލިޔެފައި އޮތްވާހަކައެވެ. ދެން، އޭނާގެ ލާއިލާހިއްޔަތު ބިނާވެފައި އޮތީ ކޮންކަމެއްގެ މައްޗަށްތޯ ތަހުލީލީ ނަޒަރަކުން ޕރ. ލެނޮކްސް ބައްލަވާލައްވައެވެ. އޭނާގެ ވާހަކަ ގެންނަން މުނާސިބުވަނީ އޭނާއަކީ ކެމްބްރިޖް ޔުނިވަރސިޓީގެ ނިޔުޓަންގެ އިލްމީ ގޮނޑިކޮޅު ފުރުއްވި އިލްމުވެރިޔަކަށްވާތީއެވެ. އެއްކޮޅުން ނިޔުޓަންއަކީ ޖާޒުބިއްޔަތުގެ ގާނޫނު ހޯއްދެވި އިލްމުވެރިޔާއެވެ. އަދި އޭނާގެ އިލްމީ މަސައްކަތްކުރެއްވުމަށާއި، ޖާޒުބިއްޔާތުގެ ގާނޫނު ފަދަ، އޭނާގެ އިލްމީ ހޯއްދެވުންތައް، ކަލަކު ވޮޑިގެންވާކަން ހިތުގެ އަޑިން ގަބޫލުކުރެއްވުމަށް، އޭނާއަށް ހިތްވަރުދީ ބާރުއެޅިއެވެ. އަނެއްކޮޅުން، ނިޔުޓަންގެ އިލްމީ ގޮނޑި ފުރުއްވި، ޕރ. ހޯކިން، ނިޔުޓަންގެ ޖާޒުބިއްޔަތުގެ ގާނޫނު ބޭނުންކުރެއްވީ ޚާލިގުވަންތަ ކަލަކު ވޮޑިގެންނުވާކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނެވެ.

ޕރ. ހޯކިންގެ މިވާހަކަ ގެންނަވާފައިވަނީ އޭނާގެ، 'ދަ ގްރޭންޑް ޑިސައިން' މި ފޮތުގެ މައިގަނޑު މައުޟޫއެއްގެ ގޮތުގައި ކަމަށް ޕރ. ލެނޮކްސް ވިދާޅުވިއެވެ. އެ ފޮތުގައި ލިޔެވިފައިވެއެވެ. "ޖާޒުބިއްޔަތުގެ ގާނޫނެއް އޮތުމުން، އެއްވެސް އެއްޗަކާ ނުލައި، ނެތުމުގެ ތެރެއިން، އެ އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން ލިބި، ކައުނު އަމިއްލައަށް  އެ އުފައްދާނެއެވެ." ދެން، ޕރ. ލެނޮކްސް މި ބުނުމުގެ މައްޗަށް ތަންގީދީ ނަޒަރެއް ހިންގަވާލައްވައެވެ. މިގޮތުން އޭނާ ވިދާޅުވަނީ، މީހެއްގެ އަތުގައި އެއްޗެއް އޮވެއްޖެނަމަ، އެހެން އެއްޗެއް އޭނައަށް ލިބިދާނޭކަމެވެ. [މިސާލަކަށް އޭނާ އަތުގައި ފައިސާ ހުރެއްޖެނަމަ އޭނާއަށް ފޮތެއް ގަނެވިދާނެއެވެ.] ނަމަވެސް އޭނާ އަތުގައި އެއްޗެއް އޮތްނަމަ ހަމަ އޭތި އޭނާއަށް ހަމަ ހުރެފައި ލިބޭ ވާހަކައަކީ އެއްވެސް މާނައެއް ނެތް ވާހަކައެވެ. [މިސާލަކަށް މީހެއްގެ އަތުގައި ފައިސާ ހުރެއްޖެނަމަ، ހަމަ ހުރެފައި، އެ ފައިސާއިން ފައިސާ އުފައްދާނެ ހެއްޔެވެ؟] ޕރ. ލެނޮކްސް ފާހަގަކޮށްދެއްވަނީ ތަބީއަތުގެ ގާނޫނުތައް ކޮށްދޭކަމަކީ ކަންކަން ހިނގާގޮތް އޮޅުންފިލުވައިދީ ބަޔާންކޮށްދިނުމެވެ. ކަންކަން އުފެއްދުމެއް ނޫނެވެ. މިސާލެއްގެ ގޮތުން ވިދާޅުވިއެވެ. [ޖިސްމުތައް ހަރަކާތްކުރަނީ ކިހިނެއްކަން، ނިޔުޓަންގެ ޖާޒުބިއްޔަތުގެ ގާނޫނު ބަޔާންކޮށްދިންކަމުގައި ވިޔަސް،] ދުވަހެއްގައިވެސް އެ ގާނޫނު، ބިލިޔަޑު ބޯޅައެއް އެ އޮތްތަނުން ގުޑުވާލާފައެއް ނެތެވެ. އެކަން ކުރަނީ އިންސާނުންނެވެ. ބިލިޔަޑު ކުޅޭ ދަނޑި ބޭނުންކޮށްގެންނެވެ. ޕރ. ލެނޮކްސް ފާހަގަކުރައްވައި ބަޔާންކުރައްވާ ގޮތުގައި ޕރ. ހޯކިންގެ މި ބުނުން، ތިން ހަމައަކުން ފުށުއަރައެވެ. ފުރަތަމަ ކަމަކީ ގާނޫނުތަކަކީ އެއްޗެހި އުފައްދާއެއްޗެއް ކަމުގައި ވިދާޅުވުމެވެ. ދެވަނަ ކަމަކީ އެއްޗެއް އޮތުމުން، އެ އެއްޗެއް ހަމަ ހުރެފައި، ލިބޭނޭކަމަށް ވިދާޅުވުމެވެ. ތިންވަނަ ކަމަކީ ނިޔުޓަންގެ ހަރަކާތުގެ ގާނޫނުތައް އެއްޗެހި ގުޑުވާ ވާހަކަ ދޭހަވާ ގޮތަށް ލިޔުއްވާފައި އޮތްކަމެވެ.

ދެން ޕރ. ލެނޮކްސް ތަހުލީލީ ނަޒަރެއް ހިންގަވާލައްވަނީ ޕރ. ހޯކިންގެ ލާއިލާހިއްޔަތުގެ މައްޗަށެވެ. އެ ގޮތުން ޕރ. ލެނޮކްސް ފާހަގަކުރައްވަނީ، ޕރ. ހޯކިންގެ ލާއިލާހިއްޔަތު ދެކަމަކާ ގުޅޭކަމެވެ. ފުރަތަމަ ކަމަކީ ކަލާނގެއާ މެދު ޕރ. ހޯކިންގެ ތަސައްވުރެވެ. މާތްކަލާނގެ ޒާތުފުޅާ ބެހޭ ގޮތުން އޭނާ ދެކިލައްވާ ގޮތެވެ. ދެވަނަ ވާހަކަ ގުޅެނީ ސައިންސުގެ އޮޅުންފިލުވައިދިނުމުގެ ތަބީއަތާއެވެ. އެއީ ކިހިނެއް އޮންނަ ކަމެއްގެ ގޮތާއެވެ.

ޕރ. ލެނޮކްސް ފާހަގަކުރައްވާ ގޮތުގައި ޕރ. ހޯކިން އެއިލާހަކަށް އިންކާރުކުރާ އިލާހުގެ ތަސައްވުރު ގުޅެނީ ޔޫނާނީ އިލާހީ ތަސައްވުރާއެވެ. ކަމެއް ހިނގާ ގޮތް ނޭނގުމުން، އެކަން ކުރަނީ މިވެނި އިލާހެކޭ ބުނާ ބުނުމުގެ އިލާހީ ތަސައްވުރާއެވެ. ސާދާ އިބާރާތަކުން ބުނާނަމަ 'ދޭތެރޭ ބައްދާ އިލާހުގެ' ތަސައްވުރަކާއެވެ. ވިދަނީ ކިހިނެއްކަން ނޭނގުމުން، އެކަމަށް އިލާހެއް ހަދައި، އެކަންކުރަނީ އެ އެއިލާހޭ ބުނާ ތަސައްވުރާއެވެ. ދެން ވިދަނީ ކިހިނެއްކަން އެނގުމުން، ވިދުން ގެނެސްދޭ އިލާހުގެ ބޭނުން ނެތެނީއެވެ. ނަމަވެސް ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު މިއާ މުޅިން ތަފާތެވެ. އެ ތަސައްވުރުގައި ކަލާނގެއަކީ ހުރިހާ އެއްޗެއްމެ ޚަލްގުކުރައްވައި އުފެއްދެވި ކަލާނގެއެވެ. ނަމަވެސް މި ދެ ތަސައްވުރު އޮޅުވާލައި، ސައިންސުގެ ހޯދުންތައް ޔޫނާނީ އިލާހީ ތަސައްވުރާ ގުޅުވައިފި ނަމަ، ސައިންސުގެ ހޯދުންތައް ބާތިލުކޮށް ނެތިކޮށްލާނީ މިބުނި ޔޫނާނީ އިލާހީ ތަސައްވުރެވެ. ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރެއްނޫނެވެ.

ކަލަކު ވޮޑިގެން ނުވާކަން ދެއްކުމަށްޓަކައި، ޕރ. ރިޗަރޑް ޑޯކިންސްގެ 'ގޯޑް ޑެލޫޝަންގައި ގެނެވިފައިވާ މައިގަނޑު ހުއްޖަތް ވެސް ގުޅެނީ ހަމަ މި ޔޫނާނީ އިލާހީ ތަސައްވުރާއެވެ. އަދި، އިލާހީ މި ދެތަސައްވުރު – ޔޫނާނީ އިލާހީ ތަސައްވުރާއި ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު – ވަކިކޮށްލުމުން ޕރ. ޑޯކިންސްގެ ސުއާލަށްވެސް ޖަވާބު ދެވެއެވެ. އޭނާގެ ސުއާލަކީ ހުރިހާ އެއްޗަކީ މާތްކަލާނގެ އުފެއްދެވި ފަރާތްކަމަށް ވަންޏާ މާތްކަލާނގެ އުފެއްދެވީ ކާކުތޯއެވެ. ޕރ. ލެނޮކްސް ވިދާޅުވަނީ މިސުއާލަކީ ރަނގަޅު ނޫން ފަރުލުކޮށްލުމެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ސުއާލެއްކަމަށެވެ. މިވެނި އެއްޗެއް ހެއްދީ ކާކުހޭ އަހައި ސުއާލުކުރާ ނަމަ، އެ އެއްޗަކީ ހެއްދިފައިވާ އެއްޗެއްކަން ފަރުލުކޮށްލެވެއެވެ. ހަމަ އެހެންމެ މާތްކަލާނގެ ހެއްދެވީ ކާކުތޯ ބުނެ ސުއާލުކުރާ ނަމަ އެ ސުއާލު ކުރެވެނީ އެކަލާނގެއީ ހެއްދެވިގެންވާ ކަލާނގެއެއް ކަމަށް ބެލިގެންނެވެ. ނަމަވެސް ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު މިއާ މުޅިން ތަފާތެވެ. އެ ތަސައްވުރުގައި މާތްކަލާނގެއީ އަޒަލީ ކަލާނގެއެވެ. ހެއްދެވުމެއް، އުފެދުމެއް ނެތި ވޮޑިގެންވާ ކަލާނގެއެވެ. މިކަން ގަބޫލުކުރުމުގެ ދަތިކަން ގުޅެނީ އުފެދިމުއް ނެތި ވޮޑިގެންވުމުގެ މައްސަލައަކާ ނޫނެވެ. އެހެނީ ކައުނަކީ އަބަދުމެ ވުޖޫދުގައި އޮތް އެއްޗެއްކަމަށް ބުނާ މީހުން، އަޒަލުގެ ސިފަ ކައުނަށް ނިސްބަތްކޮށް، ކައުނަކީ އަޒަލީ އެއްޗެއްކަން، އުފެދުމެއް ނެތި ވުޖޫދުގައިވާ އެއްޗެއްކަން، ގަބޫލުކުރާކަށް ދަތިކަމަކަށް ނުވެއެވެ! އެހެންވީމާ މައްސަލައަކީ އަޒަލުގެ ސިފަލިބިގެންވާ އެއްޗެއް ވުޖޫދުގައި ވުމެއް ނޫނެވެ. މާތްކަލާނގެއަށް އެސިފަ ނިސްބަތްކުރާތީއެވެ.

ސައިންސާއި ފަލްސަފާގެ ހަގީގަތް

ސައިންސުގެ ދައުރަކީ ކަންކަން އޮޅުންފިލުވައިދިނުމެވެ. އެހެންވެ، އެންމެ ފުރަތަމަ ޕރ. ލެނޮކްސް އޮޅުންފިލުވައިދިނުމުގެ މާނައިގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިސާލަކަށް ޖާޒުބިއްޔަތުގެ ގާނޫނު އޮޅުން ފިލުވައިދެނީ ކޮންކަމެއް ހެއްޔެވެ؟ އެ ގާނޫނު އޮޅުންފިލުވައިދެނީ ޖިސްމުތައް އެކަތި އަނެކައްޗަށް ކުރަނީ ކޮންކަމަކާ އަދި އެކުރާކަމެއް ކުރާ ގޮތެވެ. [ތިރީގައި ލިޔެފައިވާ ފެން ކެކުމުގެ މިސާލުން މިކަން އިތުރަށް ސާފުވާނެއެވެ.] ފަހަރެއްގައި ވެސް ޖާޒުބިއްޔަތުގެ ގާނޫނު އޭގެ ހަގީގަތް ބަޔާންކޮށެއް ނުދެއެވެ. އަދި މިނޫންވެސް ހަކަތަ ފަދަ އޭގެ ހަގީގަތް ނޭނގޭ އެތައް އެއްޗިއްސެއް ވެއެވެ. ސީދާ ނިޔުޓަން ވެސް މިހަގީގަތް ދެނެހުއްޓެވެ. އޮސްޓުރިޔާގެ ފަލްސަފާވެރިއެއްކަމަށްވާ ލުޑްވިގެ ވިޓްގެންސްޓައިން މިކަން ވަރަށް ސާފުކޮށް ސަރީހަކޮށް ބަޔާންކޮށްދެއްވައެވެ. އޭނާއަކީ މަންތިގާއި އަދި ހިސާބާއި ސިނކުޑިއާއި ބަހާއި މިތިން ދާއިރާގެ ފަލްސަފާގެ ފަލްސަފާވެރިއެކެވެ. އޭނާ ވިދާޅުވެފައިވެއެވެ. "ހަދާސަތު (މޮޑާނިޓީ) ގެނުވި އެންމެ ބޮޑު ވަހުމަކީ، އޮޅުވާލުމަކީ، ކައުނަކީ ކޮންއެއްޗެއްކަން ގުދުރަތުގެ ގާނޫނުތައް އަހަރުމެންނަށް ބުނެދޭކަމުގެ ވާހަކައެވެ. ގުދުރަތުގެ ގާނޫނުތައް ކައުނު ސިފަކޮށް ބަޔާންކޮށްދެއެވެ. އަދި ގުދުރަތުގައި ގަވާއިދުން، ވަކި ހަމަތަކެއްގެ މަތިން، ހިނގާ ކަންކަން ސިފަކޮށްދެއެވެ. ނަމަވެސް އެގާނޫނުތައް އެއްވެސް އެއްޗެއްގެ (ހަގީގަތް) އޮޅުންފިލުވައެއްނުދެއެވެ." މި ބުނާއެއްޗެއް ފަހުމުކޮށްދިނުމުގެ ގޮތުން ޕރ. ލެނޮކްސް މިސާލެއް ގެނެސްދެއްވައެވެ. ފެން ކެކެނީ ކީއްވެގެންކަން އަހައި ސުއާލުކޮށްފި ނަމަ ދެވޭ ޖަވާބުގެ މައްޗަށް ބައްލަވާލައްވަމުންނެވެ. ފިޒިކްސް މެދުވެރިކޮށް އެކަން އޮޅުންފިލުވައިދެވިދާނެއެވެ. ފެން ކެކެނީ އަލިފާނުން ބޭރުވާ ހޫނު، ކުރާގެ ލޮއި ފުލަށް ވާސިލުވެ، އެ ލޮއިގެ ފޫ ތެރެއިން ހޫނުކަން ފެނަށް ފޯރުމުންނެވެ. އަދި އެކަމުގެ ސަބަބުން ފެނުގެ ޖުޒައްޔުތައް (މޮލިކިޔުލުތައް، އެބަހީ، މުރައްކަބު މާއްދާއެއްގައި އެކުލެވިގެންވާ އެންމެ ކުޑަބައި) ހަރަކާތް ކުރާލެއް އަވަސްވެއެވެ. ފެންކެކޭ ގޮތް ފިޒިކްސްގެ އަލީގައި މިފަދައިން ކިޔައިދީ އޮޅުންފިލުވައިދެވެއެވެ. މީގެ އިތުރުން ފެންކެކެނީ މީހަކު ކޮފީ ބޯންވެގެން ފެންކައްކަން ބޭނުންވާތީއޭ ވެސް ބުނެވިދާނެއެވެ. ފެންކެކެނީ ކީއްވެގެންކަން އޮޅުންފިލުވައިދިނުމުގެ ގޮތުން ބުނާ މި ދެވާހަކައަކީ ވެސް ހަމަ ސައްހަ ދެވާހަކައެވެ. ނަމަވެސް މިއީ ދެބާވަތެއްގެ އޮޅުން ފިލުވައިދިނުމެކެވެ. ފިޒިކްސްގެ ގާނޫނުތަކާއި އަމަލިއްޔާތުގެ ހަމަތަކުގެ މަތިން އޮޅުންފިލުވައިދެވުނު އޮޅުންފިލުވައިދިނުމަކާއި އަމިއްލަ ޒާތީ ސަބަބު ބަޔާންކޮށްދީ އޮޅުންފިލުވައިދިން ދިނުމެކެވެ. އެހެން ވިޔަސް މި ދެއޮޅުންފިލުވައިދިނުން، އެކަތި އަނެކެއްޗާ ފުށެއްނާރާއެވެ. އެއް އޮޅުންފިލުވައި ދިނުން އަނެއް އޮޅުންފިލުވައި ދިނުން ބާތިލެއް ނުކުރެއެވެ.

މިމިސާލު ޖާޒުބިއްޔަތު ގާނޫނުގެ މައްޗަށް ހިންގާލައި، ހޯކިން ވިދާޅުވާ ފަދައިން، އެ ގާނޫނު މާތްކަލާނގެ ވޮޑިގެންވުން ބާތިލުކުރޭތޯ ބަލައިލަމާ ހެއްޔެވެ. އެއީ މޮޓަރުކާރުގެ އުފެއްދުމާއި އެކާރު ދުވާގޮތް އެނގުމެވެ. އެކާރު ދުވަނީ ހިނގަނީ އޭގެ އެތެރޭގައި ހަރުކުރެވިފައިވާ ހަކަތަ އަންދާ އިންޖީނުގެ ސަބަބުންނެވެ. މިކަން އެނގުމުން ކާރު އީޖާދުކުރީ ހެންރީފޯޑުކަން ބާތިލެއް ނުކުރެއެވެ. އެހެންވެ، މިދެއެނގުން، އެއް އެނގުމާ އަނެއް އެނގުން ވާދަކޮށް އެކަތި އަނެކެތި ބާތިލެއް ނުކުރެއެވެ. މީގެ މާނައަކީތޯއެވެ؟ ގުދުރަތުގެ ގާނޫނުތައް އެނގުމަކީ އެ ގާނޫނުތައް ކަނޑައަޅުއްވައި ގުދުރަތުގައި އެކަންކަން ލައްވަވައި އެގާނޫނުތަކުގެ މަތިން ގުދުރަތުގެ ކަންކަން ހިނގުން މެދުވެރިކުރެއްވި ކަލާނގެ ވޮޑިގެންވުން ނަފީކުރާކަމެއްނޫނެވެ. މިއީ ދާދި ފަސޭހައިން އެންމެނަށް ވެސް ވިސްނި ގަނެވިދާނޭކަމެކެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީގެ އެހެން އިލްމުވެރިޔަކު ކަމުގައިވާ ޕރ. ރިޗަރޑް ސްވިންބާރން މިނުކުތާ ބަޔާންކުރައްވައި ވިދާޅުވެއެވެ. 'ސައިންސު ކަންކަން އޮޅުންފިލުވައިދޭކަން އަހަރެން ފަހަރެއްގައިވެސް އިންކާރެއް ނުކުރަމެވެ. ނަމަވެސް އަހަރެން މާތްކަލާނގެ ވޮޑިގެންވާކަން ފަރުޟުކޮށްލަނީ ސައިންސު އޮޅުންފިލުވައިދެނި ކީއްވެގެންކަން އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ. ތަބީއަތުގެ ދުނިޔެވަނީ ކިހާ މަތިވެރި ދަރަޖައަކަށް އިންތިޒާމް ކުރެވިފައިކަން ސައިންސު އަހަރުމެންނަށް ދައްކައިދިނުމުގައި ހޯދާފައިވާ ސީދާ ކާމިޔާބު ދައްކުވައިދެނީ، މިއިންތިޒާމް ކުރުން ވުޖޫދަށް ގެނައުމުގައި އަދި އެއަށްވުރެވެސް މަތިވެރި ސަބަބެއްވާކަމަށް އީމާންވެ ގަބޫލުކުރުމަށެވެ.'

 މިއަށް ފަހު، ޕރ. ލެނޮކްސް، އޮޅުންފިލުވުމާ ގުޅޭ އެހެން ނުކުތާއެއްގެ މައްޗަށް ބައްލަވާލައްވެއެވެ. އެއީ މުއައްގަދު މައްސަލަތަށް ('ގޮށްތައް' ގިނަ، އޮޅުން ބޮޅުން ބޮޑު – 'ކޮމްޕްލެކްސް') އޮޅުންފިލުވައިދިނުމުގައި މުއައްގަދު މަފްހޫމުތައް ބޭނުންކުރުމެވެ. މިސާލަކަށް ގުދުރަތީ ގާނޫނުތައް ވުޖޫދުގައިވުން ކަލާނގެއަށް ނިސްބަތްކޮށް އެކަން އޮޅުންފިލުވައިދިނުމެވެ. މިތަނުގައި އޮޅުންފިލުވައިދެވޭ އެއްޗަކީ ޖާޒުބިއްޔަތުގެ ގާނޫނު ފަދަ ގުދުރަތީ ގާނޫނުތަކެވެ. އެއީ ވަރަށްވެސް މުއައްގަދު، އޭގެ ސިއްރު ނޭނގޭ ގާނޫނެކެވެ. މިކަން އޮޅުންފިލުވައި ދިނުމުގެ ގޮތުން ބޭނުންކުރެވިފައި މިއޮތީ މާތްކަލާނގެ އެވެ. ހަމަ އެހާމެ މުއައްގަދު މަފްހޫމެކެވެ. އެ މަފްހޫމުގެ ހަގީގަތް ދެނެގަންނަން އިންސާނާ ނުކުޅެދިފައިވާ، [އިސްލާމީ ބަހުރުވައިގައި، ބުނެވޭގޮތުން ނަމަ، 'ޣައިބުގެ] މަފްހޫމެކެވެ. މިއީ ޕރ. ޑޯކިންސް، އޭނާގެ 'ގޯޑް ޑިލޫޝަން'ގައި ކަލަކުވޮޑިގެން ނުވާ ކަމަށް ގެންނަވާ ވާހަކައެކެވެ. ކަލެއްގެ ވާހަކަ ގެނެސް ކަންތައް އޮޅުންފިލުވައި ނުދެވޭނޭ ކަމުގެ ވާހަކަ ވިދާޅުވެއެވެ. ޕރ. ޑޯކިންސްއާ އެކުގައި ކުރެވުނު މުނާޒަރާގައި މިވާހަކައަށް ރައްދުދެއްވައި ޕރ. ލެނޮކްސް ވިދާޅުވެއެވެ. މިސާލަކަށް 'ގޯޑް ޑިލޫޝަން' މިފޮތުގެ އަސްލަށް ބައްލަވާށެވެ. އެ ފޮތް އުފެދިގެން އައީ މީހެއްގެ ބުއްދީގެ ނުވަތަ ސިކުނޑީ މެދުވެރި ކޮށެވެ. މިތާގައި ވަރަށް މުއައްގަދު އެއްޗެއް، (އެބަހީ، 400ވަރަކަށް ސަފުހާގެ މައްޗަށް އެކުލެވޭ، އޭގައި މުއައްގަދު ފިކުރީ، ޒިހުނީ ވާހަކަތައް އެކުލެވޭ ފޮތް،) މީގެ އަސްލު މިގުޅުވާލެވެނީ އަދި އެއަށް ވުރެވެސް މުއައްގަދު އެއްޗަކާއެވެ. ސިކުނޑި ނުވަތަ ބުއްދިއާއެވެ. އެހެންވީމާ، މުއައްގަދު އެއްޗެހި އޮޅުންފިލުވައި ދިނުމަށްޓަކައި މުއައްގަދު އެއްޗެހި ބޭނުންކުރެވޭކަމީ މައްސަލައެއް އޮތްކަމެއް ނޫނެވެ.

 ސައިންސު ނެރެދޭ ނަތީޖާތަކާ ސިކުނޑި / ބުއްދި

މި ނަންގަތް މައްސަލަ – މުއައްގަދު ކަންކަން އޮޅުންފިލުވައި ދިނުމުގައި މުއައްގަދުކަންކަން ބޭނުންކުރުން - ވަރަށް މުހިއްމު ނުކުތާއަކާ ގުޅެއެވެ. އެއީ ބަހާބެހޭ ކަންކަން އޮޅުންފިލުވައި ދިނުމުގެ މައްސަލައެވެ. ބަހާ ގުޅޭ އުފެއްދުންތައް އުފެދިގެން އަންނަގޮތެވެ. މިކަން ގުޅެނީ ބުއްދިއާއެވެ. ނުވަތަ ސިކުނޑިއާއެވެ.

މިކަން އިތުރަށް ސާފުކޮށްދެއްވުމުގެ ގޮތުން ޕރ. ލެނޮކްސް ހޮޓަލެއްގެ މެނޫގައި ވާ 'ރޯސްޓު' މި ލަފުޒު އެކުލެވިގެންވާ އަކުރުތަކުން މާނަ އުފެދޭގޮތާ ބެހޭ ގޮތުން ސުއާލުކުރެއްވިއެވެ. މިކަން އެލަފުޒު ލިޔެވިފައިވާ ކަރުދާހާއި ދެލީގެ ކެމިސްޓްރީގެ އަލީގައި ބަޔާން ކޮށެއް ނުދެވެއެވެ. މިކަން އިތުރަށް ސާފުކޮށްދެއްވުމުގެ ގޮތުން މިސާލެއް ގެންނެވިއެވެ. އެއީ އޭނާގެ ތަގުރީރުގެ މުހިއްމު ނުކުތާތައް އިސްކުރީނަކަށް ފޮނުވާލައި، ލިޔެވޭ ލިޔެވުމެވެ. މިކަމުގެ އަސްލު ގުޅެނީ މިކަން ކުރުމަށް ބޭނުން ކުރެވޭ މެޝިންތަކާ އެއް ނޫނެވެ. މިކަން ގުޅެނީ އޭނާގެ ސިކުނޑިއާއެވެ. ދެން އޭނާގެ އެކުވެރި އޮކްސްފޯރޑުގެ އެހެން އިލްމުވެރިޔެއްގެ ބަސްކޮޅެއް ގެންނެވިއެވެ. ސައިންސުގެ އަލީގައި ބަސްބަހާ ގުޅޭ މައްސަލަތަކުގެ އަސްލު އޮޅުން ފިލުވައި ނުދެވޭނެ ކަމުގެ ވާހަކައިގެ މައްޗަށް ބާރުދެއްވައި އިތުރު ހެކި ގެންނެވުމުގެ ގޮތުންނެވެ. މީނާއަކީ ކޮންމެ މުއައްގަދު އެއްޗެއް އެއެތި އެކުލެވިގެންވާ ކުދިކުދި ބައިތަކަށް ކުދިކޮށްލައި، (ރެޑިޔުސްކުރުން، މިފަދައިން ކަންކަން ކުރެވޭނޭކަން ގަބޫލުކުރާ މީހުންނަކީ 'ރިޑަކްޝަނިސްޓުން) ކަންކަން ސައިންސުގެ އަލީގައި އޮޅުންފިލުވައިދެވޭނޭކަން ގަބޫލުކުރާ ބޭކަލެކެވެ. އާދެ 'ރިޑަކްޝަނިސްޓެ'ކެވެ. ކޮންމެ އަކަސް މީނާއަށް ރޯސްޓު މިލަފްޒުގައި ހިމެނޭ އަކުރުތައް މާނަ ގެނުވަނީ ކިހިނެއްކަން ސައިންސުގެ އަލީގައި ބުނެނުދެވޭނެކަން އެނގުމުން އެކަމަށް އިއުތިރާފުވެ ބުންޏެވެ. "އަހަރެން 40 އަހަރުވަންދެން ތިޔައީ ކުރެވިދާނެ ކަމެއް ކަމަށް ހީކޮށް އަހަރެންގެ އޮކްސްފޯރޑުގެ ލެބޯޓަރީއަށް ދިޔައީމެވެ. ނަމަވެސް ސާފު ސީދާކޮށް އެނގޭގޮތުން އެއީ ފަހަރެއްގައިވެސް ވާނޭ ކަމެއް ނޫނެވެ."

ބަހުގެ އުފެއްދުންތައް ގުޅެނީ ސިކުނޑިއާ ކަމަށް ވާއިރު، ޕރ. ލެނޮކްސް އަޑުއެހުންތެރިންގެ ސަމާލުކަމަށް ދެން ގެންނަވަނީ  އިންސާނީ ޖީނޯމުގެ (އިންސާނީ ސިފަތަކާއި ކަންކަން ވާރުތަކުރާ އެތި) ވާހަކައެވެ. އަދި އެ ޖީނޯމުގައި 3.5 ބިލިޔަން އަކުރު ހަމަ ސީދާ އެ އޮންނަންވާ މަގާމުގައި ލެއްވިފައިވާ ވާހަކައެވެ. ތަބީއިއްޔަތުގެ ފަލްސަފާއާއި – އާދެ، ކުރިން ބުނެވިދިޔަހެން، ވުޖޫދުގެ އެންމެ ފަހުގެ ހަގީގަތަކީ ހަމަ އެކަނި، ތަބީއަތުގައި ލެއްވި، ފެންނަން އޮތް ހިއްސީ އެއްޗިހިކަމުގެ ފަލްސަފާ- ލާއިލާހިއްޔަތުގެ ގޮތަކީ ހައްގު ތެދުކަމަށް ވަންޏާ  މި އިންސާނީ ޖީނޯމް ދެން ކުރެވޭ ސުއާލަކީ 'ރޯސްޓު' މި ލަފްޒުގެ އުފެދުން ގުޅެނީ ސިކުނޑިއަކާ ކަމަށް ގަބޫލުކުރެވޭއިރު، އިންސާނީ ޖީނޯމްގެ، – އެތައް ބިލިޔަން އަކުރެއް އޭގައި އެކުލެވޭ ޖީނޯމް – މިކަމުގެ ފުރަގަހުގައި މާ ވަރުގަދަ 'ސިކުނޑިއެއް' ވާންޖެހޭނޭ ކަމެވެ. އަދި އެއީ މާތްކަލާނގެއެވެ. މިކަމުން މާތްކަލާނގެ ވޮޑިގެންވާކަން ހެކީގެ އަލީގައި ދެނެގަންނަން ބޭނުންވާ މީހަކަށް އެކަން ފެނިގެންދެއެވެ.

ދެން، މިކަމަށް، - މިފަދަ ކަންކަމުގެ ފުރަގަހުގައި އިލާހީ ބާރު ފޮރުވިފައިވާކަމަށް - ބާރު ލިބޭ އިތުރު ވާހަކަތައް ޕރ. ލެނޮކްސް ގެންނެވިއެވެ. މިގޮތުން 1963ގައި ފިޒިކްސްގެ ރޮގުން ނޯބެލް އިނާމު ހާސިލުކުރެއްވި ޔޫޖީން ޥިގްނަރ ބަސްކޮޅެއް ގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ހިސާބުގެ މިއޮއްބޮޑު ބޭނުންތެރިކަން އޭގެ ހަގީގަތަކީ ކޮބައިކަން ނޭނގޭ ކަންތައްތަކުގެ އިމާއި ގާތްކުރެއެވެ. ބުއްދީގެ ހަމަތައް ބޭނުންކޮށްގެން އެކަން އޮޅުން ފިލުވައިދެވޭނެ ގޮތެއް ނުވެއެވެ. ފިޒިކްސްގެ ގާނޫނުތައް އެކުލަވާލުމަށްޓަކައި ހިސާބު އިލްމުގެ ބަހުރުވައިގެ އެކަށޭނަކަމުގެ މުއުޖިޒާތަކީ އަޖައިބު ކުރުވަނިވި ހަދިޔާއެކެވެ. މިމުއުޖިޒާތުގެ ހަގީގަތް އަހަރުމެނަށް ފަހުމުވެ ދެނެއެއް ނުގަނެވެއެވެ. އަދި އެކަން ދެނެގަތުމުގެ އެކަށޭނަކަންވެސް އަހަރުމެންގެ ކިބަޔަކު ނެތެވެ." އާދެ، މިކަންކަން އެންމެ ފަހުން ގޮސް ގުޅެނީ މާތްކަލާނގެ އާއެވެ. އެކަލާނގެ ވޮޑިގެންވުމުގެ މައްޗަށް ލިބޭ ހެއްކާއެވެ.

 ސައިންސު ނެރެދޭ ނަތީޖާތަކާ ސިކުނޑި / ބުއްދި

[ދެން އޮތް ނުކުތާ ގުޅެނީ މި ތަގުރީރުގައި މާތްކަލާނގެ ވޮޑިގެންވާކަމާއި އަދި ސައިންސާއި ދީނާ ފުށުނާރާކަމުގެ މައްޗަށް ތަގުރީރުގެ ފެށުމުގައި ގެނެވޭނެ ކަމަށް ނަންގަނެވުނު ހެކިތަކުގެ ތެރެއިން ތިންވަނަ ބާވަތުގެ ހެއްކާއެވެ. ސައިންސު ނެރެދޭ ނަތީޖާތައް މާތްކަލާނގެ ވޮޑިގެންވާ ކަމަށް ހެކިދޭ ދިނުމާއެވެ.

[މިނުކުތާ ބިނާވެފައިވަނީ ސައިންސުގެ މަސައްކަތްކުރުމަށް ސިކުނޑީގެ ނުވަތަ ބުއްދީގެ ބާރު ބޭނުންވާވުމާއެވެ. ސިނުޑި ނުވަތަ ބުއްދިއަކީ ކޮންއެއްޗެއްކަމާއި އޭގެ އަސްލާއެވެ. އިތުރަށް ކުރިޔަށް ދިޔުމުގެ ކުރިން ބުއްދިއާ ސިކުނޑި، މި ދެލަފުޒާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.

[ބައެއް އިލްމުވެރިން ވިސްނުމުގެ ބާރަށް އިޝާރަތްކުރުމުގައި 'ބުއްދި' (މައިންޑް) ބޭނުންކުރުމާ ދުރަށްދާކަން ޕރ. ލެނޮކްސް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެފަދަ އިލްމުވެރިން ބޭނުންކުރައްވަނީ 'ސިކުނޑި' (ބްރެއިން) މި ލަފްޒެވެ. މީގެ ސަބަބީ 'ބުއްދި' އޭ ބުނުމުން އިޝާރަތްކުރެވެނީ މާނަވީ، ލާހިއްސީ، އެއްޗަކަށެވެ. 'ބުއްދި' އެއީ އޭގައި އަތްލައި ހިފޭ އެއްޗެއް ނޫނެވެ. ނުވަތަ އޭގެ ރަހަ ބެލި އޭގެ އަޑު އިވޭ އެއްޗެއް ނޫނެވެ. އާދެ، ހިއްސުގެ ޒަރިއްޔާއިން ދެނެގަނެވޭ އެއްޗެއް ނޫނެވެ. އެހެންވެ، ވިސްނުމުގެ ބާރަށް ބުއްދިއޭ ބުނެ އިޝާރަތްކުރުމުން، ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައި މިކަން އޮޅުންފިލުވައިދިނުން ދަތިވެއެވެ. މިއާ ޚިލާފަށް ވިސްނުމުގެ ބާރުގެ މަރުކަޒު ކަމުގައިވާ 'ސިކުނޑި' އަކީ އެ ބާރުކަން ބުނުމުން އެކަން ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައި އޮޅުންފިލުވައިދޭން ފަސޭހަވެއެވެ. ނަމަވެސް، މިނަޒަރިއްޔާގެ އަލީގައި ސިކުނޑިއަކީ ކޮންއެއްޗެއްކަން ބުނެ، ތައާރަފުކުރުމުން، ނިކުންނަ ނަތީޖާއަކީ ސިކުނޑި ބޭނުންކޮށްގެން ކުރެވޭ މަސައްކަތަކީ އަދި އެ މަސައްކަތުން ނެރެވޭ ނަތީޖާއަކީ އެއަށް އިތުބާރު ނުކުރެވޭ އެއްޗަކަށްވުމެވެ. އާދެ، ދެން، މިކަން ޕރ. ލެނޮކްސް އޮޅުންފިލުވައިދެއްވާ ގޮތުގެ މައްޗަށް ބައްލަވާލައްވާށެވެ.]

ޕރ. ލެނޮކްސް ވިދާޅުވަނީ މީސްމީހުން ކުރެން، ސައިންސުގެ މަސައްކަތް ކުރުމަށް ކަލޭމެން ބޭނުންކުރަނީ ކޮންއެއްޗެއްތޯ އޭނާ އައްސަވާކަމުގެ ވާހަކައެވެ. މި ސުއާލުގެ ބޭނުމަކީ އެކަން ކުރަނީ ބުއްދި ނުވަތަ ސިކުނޑި ބޭނުންކޮށްގެން ކަން ފާހަގަކުރުމެވެ.

ދެން، ސިކުނޑިއަކީ ކޮބައިކަން އޮޅުންފިލުވައި ދިނުމަށް އެމީހުންގެ ކިބައިން  އެދިލައްވާ ވާހަކަ ވިދާޅުވެއެވެ. ދެން އެމީހުން އެކަން އޮޅުންފިލުވައިދިނުމުގެ ގޮތުން ބުނެއެވެ. ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައެވެ. ސިކުނޑިއަކީ އެއްވެސް މަގުސަދެއް، އެކަން ވުމަށް އެހެން އެއްވެސް މީހެއްގެ މަގުދެއްކުމެއްނެތި، ހިނގަމުންއައި ކަންތައްތަކެއްގެ ނަތީޖާއެކެވެ. މާނައަކީ ސިކުނޑިއަކީ އެ އަމިއްލައަށް ބޭނުން ގޮތަކަށް މަސައްކަތްކޮށްފާނޭ އެއްޗެކެވެ. ދެން ޕރ. ލެނޮކްސް އެމީހުންނާ ކުރިމަތި ކުރުވާ ސުއާލަކީ އޭގެ މަސައްކަތް ކުރުމާ މެދު އެއްވެސް އިތުބާރެއް ނެތް އެއްޗަކާ މެދު ކަލޭމެން އިތުބާރުކުރަމު ހެއްޔެވެ؟ ހަމަ ގައިމުވެސް، ކަލޭމެންގެ ކޮމްޕިޔުޓަރުތަކަކީ  މިފަދަ ގޮތަކަށް މަސައްކަތްކުރާ އެއްޗަކަށް ވެއްޖެ ނަމަ ކަލޭމެން އެކޮމްޕިޔުޓަރުތަކެއް ކުޑަ ހިނދުކޮޅަކަށްވެސް ބޭނުމެއް ނުކުރީހެވެ.

ދެން ޕރ. ލެނޮކްސް ވިދާޅުވަނީ މި ހުއްޖަތުގެ ވާހަކަ ގޮސް ގުޅެނީ ޚުދް ޗާރލްސް ޑާރވިންއާކަމެވެ. ތަތައްވުރު ނަޒަރިއްޔާގެ ބާނީއާއެވެ. ޗާރލްސް ޑާވިން ވިދާޅުވެފައި އޮވެއެވެ. "(ކާއިނާތުތައް އުފެދި ތަތައްވުރުވުމުގެ ފަންތިތަކުގެ ތެރެއިން) ތިރީ ފަންތީގައި ހިމެނޭ ހައިވާނުންގެ ސިކުނޑިން އުފެދި ތަރައްގީވެ ކުރިއަރާފައިވާ އިންސާނާގެ ސިކުނޑި ހޯދާ ހޯދުންތަކާ މެދު ކަށަވަރުކޮށް ޔަގީންކަމާއިއެކު އިންސާނާ ގަބޫލުކުރާ ކުރުންތަކުގައި އެއްވެސް އަގެއް ނުވަތަ އެކަންކަމަށް އެއްވެސް އިތުބާރެއް ކުރެވިދާނޭ ކަމާއިމެދު އަހަރެންގެ ހިތުގައި ބިރުވެރި ޝައްކުކަމެއް އުފެދެއެވެ." [އާދެ، އިންސާނާއަކީ އެއްވެސް އެހެން ފަރާތެއްގެ އިރާދީ ބާރެއް ނެތި، އެއްވެސް މަގުސަދެއް ނެތި އުފެދިފައިވާ ކާއިނެއް ކަމަށްވާ ނަމަ، އޭނާގެ ސިކުނޑި ހޯދާ ހޯދުންތަކާއި ނެރެދޭ ނަތީޖާތަކަކީ ހައްގު ތެދުކަމުގައި ނުބެލެވޭނެއެވެ. އެކަންކަން ވެސް ވާންޖެހޭނީ މާނައެއް ނެތް ހޯދުންތަކަކަށެވެ. އެކަންކަމަކީ މާނައެއް ހުރި ކަންކަމަށްވާ އިރު، އެކަންކަމުގެ އަސްލު ގުޅޭ ފަރާތް، އިންސާނާއާ އޭނާގެ ސިކުނޑި ނުވަތަ ބުއްދި ވެސް، ވާންޖެހޭނީ އެހެން އިރާދީ ބާރެއްގެ މަގުދެއްކިގެން، މަގުސަދެއް އޮވެގެން އުފެއްދިފައިވާ ކާއިނެއްކަމެވެ.] މިހެންވެ، ޕރ. ލެނޮކްސް މި ހުއްޖަތަކީ ވަރަށްވެސް މުހިއްމު ހުއްޖަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ އިތުރު ތަފްސީލުތައް އޭނާގެ ބައެއް ލިޔުއްވުންތަކުން ފެންނަން އޮންނާނެ ވާހަކަވެސް ވިދާޅުވިއެވެ. [މިލިޔުމުގެ ފުރަތަމަބައިގައި ޕރ. ލެނޮކްސް ތައާރުފުގެ މި މައުޟޫގެ ދަށުގައި އޭނާގެ ލިޔުންތަކުގެ ވާހަކަ ނަންގަނެވިފައި އޮންނާނެއެވެ.]

އަދި ( އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ)މި މުނާޒަރާގައި މިހުއްޖަތް މިހާރު މައިގަނޑު ހުއްޖަތަކަށް ވަމުން އަންނަކަމާ އެކަމުގެ ސަބަބުވެސް ޕރ. ލެނޮކްސް ވިދާޅުވިއެވެ. މިގޮތުން ލާއިލާހީއެއް ކަމަށްވާ ޖޯން ގްރޭގެ ބަސްކޮޅެއް ނަކަލުކޮށްލެއްވިއެވެ. ޖޯން ގްރޭ ލިޔުއްވާފައިވެއެވެ. " މިޒަމާނުގެ އިންސާނިއްޔަތުގެ ފަލްސަފާގެ އަގީދާއަކީ ސައިންސު މެދުވެރިކޮށް އިންސާނުންނަށް ހައްގާއި ހަމައަށް ވާސިލުވެވިދާނޭކަމެވެ. އަދި އެގޮތުން އޭނާއަށް [ދީނީ އަޚުލާގީ ގައިދުތަކުން] މިނިވަން ވެދާނޭކަމެވެ. ނަމަވެސް ޑާވިންގެ ތަބީއަތުގެ ހޮވުމުގެ [ނެޗުރަލް ސިލެކްޝަންގެ] ނަޒަރިއްޔާއަކީ ތެދެއްކަމަށްވާނަމަ މިއީ މުސްތަހީލު ކަމެކެވެ. އެހެނީ އިންސާނީ ސިކުނޑި ހޯދަން މަސައްކަތް ކުރަނީ ( ކާއިނާތުތައް) އުފެދި ތަރައްގީވެ، އެހެން އެއްޗިއްސަށް ފުރޮޅިގެންދާ ގޮތެވެ. ހައްގު ހޯދުމަކަށް ނޫނެވެ." އަދިވެސް، ލާއިލާހިއްޔަތުގެ ވާހަކަތަކުގެ ހޮއިކަން ފާހަގަކުރެއްވުމުގެ ގޮތުން، އެހެން މުފައްކިރެއްގެ ވާހަކަ ކޮޅުވެސް ގެންނެވިއެވެ. ދުނިޔޭގެ އެންމެ ކުރީސަފުގެ ފަލްސަފާވެރިންގެ ތެރޭގައި ހިމެނޭ އަލްވިން ޕްލެޓިންގާ ވިދާޅުވަނީ ޑޯކިންސްގެ ވާހަކައަކީ ހައްގު ތެދު ކަމަށްވާނަމަ، އަދި އަހަރުމެންނަކީ މާނައެއްނެތް އެއްވެސް [އެހެން އިރާދީ ބާރެއްގެ] މަގުދެއްކުމެއް ނެތި ކުރިޔަށްދިޔަ ކަންތައްތަކެއްގެ ނަތީޖާ ކަމަށްވާނަމަ، އިންސާނާ [ކަންތައްތައް] ދެނެގަތުމުގެ ބާރުތަކުގެ [އެބަހީ އިންސާނާގެ ސިކުނޑީގެ] މައްޗަށް އިއުތިމާދުކުރުމާ މެދު ޝައްކުކުރުމަށް، އޭނާގެ އަމިއްލަ ލާއިލާހިއްޔަތުވެސް މިކަމުގެ ތެރޭ ހިމެނޭ ގޮތެއްގައި، ޑޯކިންސް އަހަރުމެންނަށް ވަރަށްވެސް ވަރުގަދަ ސަބަބެއް ދައްކައިދީފިއެވެ. އަދި އެހެންވެ، މިކަމާއި ވިދިގެން، އެބާރުތައް އުފައްދާ އެއްވެސް ގަބޫލުކުރުމެއްގެ ތެދުކަމާއިމެދު ޝައްކުކުރުމުގެ ސަބަބުވެސް ދައްކުވައިދީފިއެވެ."

މިވާހަކަތަކުގެ އިތުރުން، މިޒަމާނުގެ ލާއިލާހިއްޔަތުގެ ފިކުރުގެ ދުނިޔަވީނަޒަރަކީ، އާދެ، ޑާވީނަށް ނިސްބަތްވާ އަދުގެ (ނިޔޯ-ޑާވީނިއަން) ދުނިޔަވީނަޒަރަކީ، ގާތްގަނޑަކަށް ޔަގީނާގާތަށް ބާތިލު އެއްޗެއްކަން ފަލްސަފާވެރިއެއްކަމަށްވާ ތޯމަސް ނޭގަލް، އޭނާގެ 'މައިންޑް އެންޑް ކޮސްމޯސް'ގައި ބަޔާންކޮށްދެއްވާކަން ޕރ. ލެނޮކްސް ބާރުއަޅުއްވައި ފާހަގަކުރެއްވިއެވެ. ނޭގަލްގެ ވާހަކައިގެ ޚުލާސާއަކީ ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހުން ގަބޫލުކުރަންޖެހެނީ އިންސާނާގެ ސިނކުޑިއާ ގުޅޭ ކަންކަމަކީ ހަމައެކަނި ތަބީއަތުގެ ދުނިޔެއާއި ގުޅިފައިވާ ކަމަކަށް ނުވާނަމަ، ސިކުނޑިއާ ގުޅޭކަންކަން ތަބީއީ ސައިންސުގެ އަލީގައި އޮޅުންފިލުވައެއް ނުދެވޭނޭކަމެވެ. އަދި، ތަބީއީ ތަތައްވުރުގެ ނަޒަރިއްޔާ ނުސީދާ ގޮތެއްގައި ބުނެދެނީ އަހަރުމެން ގަބޫލުކުރާ އެއްވެސް ގަބޫލުކުރުމެއް، އެއަށް ފުރިހަމަ ގޮތެއްގައި އިތުބާރުކޮށް، ގަބޫލު ނުކުރުމަށެވެ. މިކަމުގެ ތެރޭގައި ތަބީއީ ތަތައްވުރު، ސީދާ އޭގެ މައްޗަށް އިއުތިމާދުވާ، ސައިންސު ދައްކުވައިދޭ ދުނިޔޭގެ ސޫރަވެސް [އާދެ، ކައުނު ވުޖޫދުގައިވަނީ އަމިއްލައަށްކަން] ހިމެނެއެވެ.'

މިހިސާބުން ޕރ. ލެނޮކްސްގެ ވާހަކަކޮޅު ނިމުމަކަށް ގެންނަވައެވެ. ލާއިލާއިލާހިއްޔަތުގެ ފިކުރުގެ ވާހަކަތައް، ސައިންސުގެ މަސައްކަތް ކުރުމާ އަދި ބުއްދީގެ އެހެން އެއްވެސް މަސައްކަތެއް ކުރުމާ ފުށުއަރާކަމަށް ނިންމަވާލައްވަމުންނެވެ. އެހެންވެ، ސައިންސާ ލާއިލާހިއްޔަތާ ނުގުޅޭކަން ފާހަގަކުރައްވަމުންނެވެ. މިއާ ޚިލާފަށް، ކަލަކު ވޮޑިގެންވުމާ ސައިންސު ގުޅޭކަމާ އެދެކަމުގެ ދެމެދުގައި އެއްވެސް ފުށުއެރުމެއް ނެތްކަން ވެސް އޭނާ ފާހަގަކުރައްވައި ވިދާޅުވިއެވެ. އަހަރުމެންގެ ހަށިތަކުގައިވާ ދިހަ ޓްރިލިއަން ޚަލިއްޔާތަކުގެތެރެއިން ކޮންމެ ޚަލިއްޔާއެއްގައި ކަލިމައެއް ވެއެވެ. އެކަލިމަ، އެލަފްޒު އިޝާރާތްކުރަނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައީ އިލާހީ ޚަލްގު ކުރެއްވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އާދެ، ހުރިހާ އެއްޗެއް އުފެދުމުގެ އަސްލެއްކަމުގައި އެންމެ ފުރަތަމަ އޮތީ އިލާހީ [މި]ކަލިމަފުޅު، [كن فيكون (ވާށެވެ! ދެން ވެދެއެވެ)]، ކަމެވެ!

[އާދެ! ސައިންސު އެހީވަނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައުމުގެ އަމަލިއްޔާތުތައް ހޯދުމަށެވެ. އެކަންކަން ވުމަށް މެދުވެރިވީ ކަންތައްތައް ހޯދުމަށެވެ. އެކަމުގެ ހަމަތަކާއި ގާނޫނުތައް ދެނެގަތުމަށެވެ. މިކަންކަން އެނގުމުން، އެކަންކަން މެދުވެރިކުރައްވައި ކައުނާއި ކާއިނާތުތައް ވުޖޫދަށް ގެންނެވިފަރާތް، އާދެ، ޚާލިގުވަންތަ މާތްކަލާނގެ ވޮޑިގެންވުން، ނަފީކޮށް ބާތިލެއްނުކުރެއެވެ. ސައިންސުގެ ހޯދުންތައް އިޝާރަތްކުރަނީ މިކަމަށެވެ. ކީރިތި ގުރުއާނުގައި ބުނެފައިވާފަދައިންނެވެ. سنريهم آياتنا في الآفاق وفي أنفسهم حتى يتبين أنه الحق من ربكم (ކައުނުގެ އެކި ދިމަދިމާއިންނާއި އެމީހުންގެ (އަމިއްލަ) ނަފްސުތަކުން، މި (ޤުރުއާނަކީ) ހައްގު ބަސްފުޅުކަން ފާޅުވެ، އެނގިދިޔުމަށްޓަކައި، އެމީހުންނަށް ތިމަން ރަސްކަލާނގެ އާޔަތްތައް، ހެކިތައް، ދައްކުވާހުށީމެވެ. ފުއްސިލަތު ސޫރަތުގެ 53ވަނަ އާޔަތް)] އާދެ، ހުރިހާ އެއްޗެއް އުފެދުމުގެ އަސްލެއްކަމުގައި އެންމެ ފުރަތަމަ އޮތީ އިލާހީ ކަލިމަފުޅުކަމެވެ.

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.