އެމެރިކާ ސަރުކާރުން ހުވާވޭ 'ކަތިލާތަން' ބަލަން ޗައިނާ މަޑުން ނޯންނާނެ ކަމަށް ހުވާވޭގެ ޗެއާމަން އެރިކް ޒޫ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި މުވާސަލާތީ އާލާތް އުފައްދާ އެންމެ ބޮޑު ކުންފުންޏާ ދެކޮޅަށް ރައީސު ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފިނަމަ ޗައިނާ ސަރުކާރުން ބަދަލުހިފުމުގެ ފިޔަވަޅުތަކެއް އެޅުން ގާތް ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އިލެކްޓްރޯނިކް ޗިޕްގެ ބާޒާރުން ހުވާވޭ އެއްފަރާތްކުރުމަށް އަޅާނެ ފިޔަވަޅުތަކެއް ރައީސު ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އަދި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޗިޕް ބޭނުންކުރުމަށް އެމެރިކާ ކުންފުނިތަކަށް މަޖުބޫރުކުރުންވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަމަށް ވެއެވެ. އަދި މިފަދަ ޗިޕް ހުވާވޭއަށް ވިއްކާނަމަ ކުރިން އެކަމުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަަމަށްވެސް ޚަބަރު ލިބެއެވެ.
"ޗައިނާއިން ބަދަލުގައި ފިޔަވަޅު އަޅައިފިނަަމަ އުފެދޭ ބިޔަ ރާޅުގެ ބާނިތައް ،މުޅި ދުނިޔެއަށް ފެތުރޭނެ. 'ޕެންޑޯރާ ބޮކްސް' ހުޅުވައިފިއްޔާ އޭގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދީ ނިޒާމަށް ކުރާނެ. މި ކަމުގެ ގެއްލުން ވާނީ ހުވާވޭއަށް އެކަންޏެއްް ނޫން. މިފަދަ ހާލަތެއް ގައި އެމެރިކާ ކުންފުނިތައް ވެސް ސަލާމަަތެއް ނުވާނެ." އެރިކް ޒޫ ވިދާޅުވިއެވެ.
ހުވާވޭއާ ދެކޮޅަށް އަދި އެމެރިކާއިން ފިޔަަވަޅެއް ނައަޅައެވެ. އަދި ސަރުކާރުގެ އިސް މަސްއޫލުވެރިން ވެސް މިފަދަ ފިޔަވަޅެއްގެ ވާހަކަ ފާޅުގައި ނުދައްކަވައެެވެ. އެހެންނަމަވެސް، އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކުން ބުނެފައި ވާގޮތުގައި ފާއިތުވި ބުދަ ދުވަހު ވޮޝިންޓަންގައި އޮތް، ސްޓޭޓް ޑިޕާޓްމަންޓާއި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި، ޑިފެންސް ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓް އޮފް އެނާޖީއާއި، ޑިޕާޓްމަންޓް އޮފް ކޮމާސް (އެމެރިކާގައި މިނިސްޓްރީތަކަށް ކިޔަނީ ޑިޕާޓްމަންޓް) ގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައި މިކަމާމެދު މަޝްވަރާކޮށްފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި އެމެރިކާއިން ދަނީ ޓައިވާންގެ ޗިޕް އުފައްދާ ކުންފުނި ޓައިވާން ސެމީކޮންޑަކްޓަ މެނުފެކްޗަރިންގް ކޮމްޕެނީ (ޓީއެސްއެމްސީ) އިން ހުވާވޭއަށް ޗިޕް ވިއްކާނަމަ އެ ކުންފުންޏާ ދެކޮަޅަށް ފިޔަވަޅު އެޅުމަށް ވިސްނަމުންނެެވެ. ހުވާވޭގެ އުފެއްދުންތަކުގައި ބޭނުންކުރާ ގިނަ ޗިޕްތައް ސަޕްލައި ކުރަނީ މިކުންފުނިންނެވެ.
1 ލައްކަ 94 ހާސް މުވައްޒަފުން ތިބި ހުވާވޭ ކުންފުންޏަކީ ދުނިޔޭގެ މުވާސަަލާތީ ޚިދުމަތް އުފައްދާ އެންެމެ ބޮޑު ކުންފުންޏަށް ވުމުގެ އިތުރަށް ފޯނު އުފެއްދުމުގައި ދުނިޔޭގެ ދެވަނަ ކުންފުންޏެވެ. އެކުންފުނީގެ 2019 ވަނަ އަހަރުގެ އާމްދަނީ 122 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.