ފުވައްމުލައް ސިޓީ ގައި އުފައްދާ ކުނި ހަރުދަނާ ނިޒާމެއްގެތެރެއިން ރަނގަޅުގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި އެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ފުވައްމުލައް ސިޓީގެ ކުނި މެނޭޖްކުރާ މަރުކަޒު ޙަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު މުއީނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަ ކުރައްވާ ގޮތުގައި މި އެމް.އޯ.ޔޫގެ މައިގަޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި އުފައްދަމުންދާ ކުނި ދެމެހެއްޓެނިވިގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ވެމްކޯ ގެ ޒިންމާތައް ކަމުގައި ކަނޑައަޅާފައިވަނީ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތުތަކާއި އެއްގޮތަށް ފުވައްމުލައް ސިޓީގައި ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެނިޒާމް ވިޔަފާރި އުޞޫލުން ހިންގާ ބެލެހެއްޓުމެވެ. އަދި ފުވައްމުލަކުގެ ހުރިހާ ގެތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން އުފައްދާ ކުނި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ނަގާ، ވޭސްޓް މެނޭޖްމަންޓް ސައިޓަށް ގެންގޮސް ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުންވެސް ވަނީ ވެމްކޯގެ ޒިންމާއެއް ކަމަށް ކަނޑައަޅައިފައެވެ.
މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތަކާއި އެމަސައްކަތްތަކަށް ހިނގާ ހުރިހާ ޚަރަދަކަށްމެ ޒިންމާވާނީ ވެމްކޯ އިންނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަ ކުރައްވާ ގޮތުގައި އައްޑޫ ސިޓީގައި ގާއިމުކުރަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އާއި ވޭސްޓް މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް ނިމެންދެން މި އެމް.އޯ.ޔޫ ދެމި އޮންނާނެއެވެ. ނަމަވެސް އެފެސިލިޓީއާއި ސިސްޓަމް ޤާއިމުކޮށް ނިމުމުން އެ ފެސިލިޓީ އާއި މުޅި ސިސްޓަމް ހިންގާ ބެލެހެއްޓުން ވެމްކޯ އާ ފުރިހަމަ އެގްރީމަންޓެއްގެ ދަށުން ޙަވާލުކުރެވޭނެއެވެ. އެހެންކަމުން އެ އެގްރީމަންޓްގައި ދެފަރާތުން ސޮއިކުރުމާއެކު މި އެމް.އޯ.ޔޫ ބާޠިލް ވާނެއެވެ.