ޖަރުމަނުގައި ފާއިތުވި 2019 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް 871 ހަމަލާދީފައި ވާކަމަށް އެ ގައުމުގެ ނޫހަކުން ބުނެފިއެވެ.
ލެފްޓް ޕާޓީގެ ފަރާތުން ހުށަހެޅި ސުވާލަކަށް ސަރުކާރުން ދިން ރައްދާ ހަވާލާދީ ނިއު އޮސްނަބްރޫކާ ޒެއިޓުންގް ނޫހުން ހާމަކުރި ގޮތުގައި މި ހަމަލާތަކުގައި 2 މީހަކު މަރުވެ 33 މީހަކު ޒަޚަމްވެފައި ވެއެވެ.
ލެފްޓް ޕާޓީގެ ތަރުޖަމާނު އުލާ ޖެލްޕްކޭ ވިދާޅުވިގޮތުގައި، އޭނާއަށް ލިބިވަޑައިގެންފާ މައުލޫމާތަށް ބަލާއިރު، ހަމަލާތަކުގެ އަދަދު ސަރުކާރުން ހާމަކުރި އަދަދަށްވުރެ 90 އިތުރެވެ.
"މުސްލިމުނަށް ކުރާ ނަފްރަތު ދަނީ ހަމަލާދިނުމާއި، ބިރުދެއްކުމާއި، ހުތުރު އެއްޗެތި ކިއުމުން ފާޅުކުރަމުން." ނިއު އޮސްނަބްރޫކާ ޒެއިޓުންގް ނޫހަށް މައުލޫމާތުދެއްވަމުން އުލާ ޖެލްޕްކޭ ވިދާޅުވިއެވެ. "ހިތާމައަކީ މިފަދަ ގޮވަން ތައްޔާރުވެފައިވާ ބޮންތައް ހުރެދާނެކަމަށް ބަލައިގެން އަހަރުމެން ތިބެން ޖެހޭކަން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޖަރުމަނުން ދަނީ މުސްލިމުންނާ ދެކޮަޅަށް ދެވޭ ހަމަލާތަކުގެ ރިޕޯޓު 2017 ވަނަ އަހަރުން ފެށިގެން ބަަލަހައްޓަމުންނެވެ. 2019 ވަނަ އަހަރުގެ އަދަދުތައް ސަރުކާރުން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވެއެވެ. 2018 ވަަނަ އަހަރު މުސްލިމުންނާ ދެކޮޅަށް 910 ހަމަލާދީފައި ވާއިިރު، އޭގެ ތެރެއިން 48 ހަމަލާއަކީ މިސްކިތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެެވެ.
ލެފްޓް ޕާޓީން ކުރި އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު ޖަރުމަނުގައި ކޮންމެ ދެދުވަހުން އެއްދުވަހު މިސްކިތަކަށް، އިސްލާމީ ތައުލީމީ އިދާރާއަކަށް، ނުވަތަ މުސްލިމުން ތަމްސީލުކުރާ ކޮންެމެވެސް ފަރާތަކަށް ހަމަލާދީފައި ވެއެވެ.
މުސްލިމުންނާ ދެކޮޅަށް އެންމެ ފަހުން ނުރައްކާތެރި ހަމަލާއެއް ދީފައި ވަނީ ފާއިތުވި ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ކަނާތު ފިޔައިގެ، ހައްދު ފަހަނައަޅާފައިވާ މީހަކު ވަނީ، ޖަރުމަނަށް ހިޖުރަކޮށް ވަޒަންވެރިވެފައިވާ މީހުން ތިބި ކެފޭއަކަށް ބަޑިން ހަމަލާދީ 9 މީހުން މަރާލާފައެވެ. އަދި އޭނާ އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައެވެ.
މި ހަމަލާއަށް ފަހު ވާހަކަފުޅުދައްކަވަމުން ޖަރުމަނުގެ އިންޓީރިޔާ މިނިސްޓަރު ހޯސްޓް ސީހޯފާ ވަނީ އެ ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްކަން ގަބޫލުފުޅުކުރައްވާފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެ ހަމަލާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެވުނު އެފަދަ ތިންވަނަ ހަމަލާއެވެ.
ޖަރުމަނުގެ 81 މިލިއަން މީހުންގެ އާބާދީގެ ތެރޭގައި 4.7 މިލިއަން މުސްލިމުން އުޅެއެވެ. މިއީ ފްރާންސު ފިޔަވައި ހުޅަނގު ޔޫރަޕްގެ ގައުމެއްގައި އޮތް އެންމެ ބޮޑު މުސްލިމް އާބާދީއެވެ.