އެޗްޕީއޭއާއި ރަނގަޅަށް މަޝްވަރާ ކޮށްގެން ކަންކަން ނިންމުމުގެ ފުރުސަތު ކައުންސިލު ތަކަށް އޮންނާނެ ކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޤަވާއިދުން ބާއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސް ގައި، އައްޑޫ ސިޓީ ކައުންސިލުން ވިޔަފާރި ގަޑި ތަކަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކައުންސިލު ތަކުން އަމިއްލަ ވިސްނުމުގައި މިފަދަ ނިންމުންތައް ނިންމާއިރު، އެކަމުގައި ޤާނޫނީ ގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ އެޓަރނީ ޖެނަރަލްގެ މަޝްވަރާ ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް މިފަދަ ނިންމުންތައް ނިންމުމުގައި އެޗްޕީއޭއާއި ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު ނިންމުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ. މަބްރޫކު ވިދާޅުވި ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ރަށެއްގެ ކައުންސިލަށް އެރަށެއްގެ ކަންކަން ނިންމުމަށް ގޮތެއް ފެނިވަޑައިގެންފާނެ ކަން ޤަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެޗްޕީއޭއިން ގޮތް ނިންމަވަނީ ފަންނީ މާހީރުންގެ ލަފާގެ މަތިން ކަމަށެވެ.
އެޗްޕީއޭއިން މިކަމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ގްރޭޓާރ މާލޭ ސަރަހައްދު ފިޔަވާ އެއްވެސް ސަރަހައްދެއްގެ ކެފޭ/ރެސްޓޯރެންޓު ތަކާއި ފިހާރަތައް ބަންދު ކުރަން އަންގާފައި ނުވާ ކަމަށެވެ. އަދި ވިޔަފާރި ގަޑިއަކަށް ވެސް ބަދަލު ގެންނަން އަނގާފައި ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެކި ސަރަހައްދު ތަކުގައި ހެދިފައިވާ ސިއްޙަތާ ބެހޭ ޓާސްކްފޯސްތަކަށް އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް ވަނީ ނަސޭހަތް ތެރިވެފައެވެ.
މިކަމާއި ގުޅިގެން އައްޑޫ މޭޔަރު މީގެ ކުރީން ވަނީ ސިޓީ ކައުންސިލުގެ ނިންމުމަކީ ޑިޖީ އޮފް ހެލްތު ސާވިސަސް އާއި މަޝްވަރާ ކުރެވިގެން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އައްޑޫސިޓީ ކައުންސިލުގެ ނިންމުމާއެކު ގިނަ ވިޔަފާރި ވެރިން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމައެކަނި އައްޑޫގައި މިފަދަ ފިޔަވަޅެއް އަޅާތީ ގިނަ ބަޔަކު ވަނީ މިކަމާއި މެދު ސުވާލު އުފައްދާފައެވެ.
މިރޭ އެޗުޕީއޭއިން ކުރައްވާފައިވާ ޓްވީޓުތަކުގެ މައްޗަށް ބިނާކޮށް އައްޑޫ ސިޓީކައުންސިލުން މާދާމާ ގޮތްތަކެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.