ބަންގްލާދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ ޖަލުން ދޫކޮށްލައިފި

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު، އިދިކޮޅު ސިޔާސީ ލީޑަރު ބޭގަމް ޚާލިދާ ޒިޔާ މިއަދު ޖަލުން މިނިވަންކޮށްފިއެވެ. ބަންގްލާދޭޝް ނޭޝަލަން ޕާޓީ (ބީއެންޕީ) ގެ ކުރީގެ ރައީސާ އިންސާނި ސަބަބުތަކަށް ޓަކައި ހަ މަސްދުވަހުގެ މުއްދަތަށް ދޫކޮށްލާފައި ވަނީ ބޭސްފަރުވާ ހޯއްދެވުމަށެވެ. އުމުރުފުޅުން 74 އަހަރުގެ ޚާލިދާ ޒިޔާ ހުންނެވީ ރިޝްވަތުގެ މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ލޯ މިނިސްޓަރ އަނީސުލް ޙައްޤު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި، ސަރުކާރުން މި ނިންމުން ނިންމީ އިންސާނީ ސަބަބުތަކަށް ޓަކައެވެ. އަދި އޭނާގެ އުމުރަަށް ބަލާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ނުދޭނެއެވެ. ހަކުރުބައްޔަށާ، އާތުރައިޓިސްއަށް ފަރުވާ ހޯއްދަަވަމުން ގެންދަވާ ޚާލިދާގެ އާއިލާއިން އެދުނީ އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވަން ވަޑައިގަތުމު ހުއްދަ ހޯދުމަށެެވެ.

"މިިހާރު އޭނާއަށް ފަރުވާދެއްވާނީ ބަންގްލާދޭޝްގެ އެންމެ މޮޅު ޑޮކްޓަރުން." ބީއެންޕީގެ ވައިސް ޗެއާމަން ޒާހިދު ޙުސައިން ވިދާޅުވިއެެވެ. ސަރުކާރުން ނިންމާފައިވ ވަނީ ބަންގަބަންދު ޝޭޚް މުޖީބު މެޑިކަލް ޔުނިވަސިޓީ (ބީއެެމްއެމްޔޫ) ގައި ފަރުވާ ހޯއްދުވުމުގެ ފުރުސަތު ޚާލިދާ ޒިޔާއަށް ދިނުމަށް ނިންމާފައެވެ.

ވެރިރަށް ޑާކާއިން ބޭރަށް ޚާލިދާ ޒިޔާ ވަޑައިނުގަތުމަކީވެސް އޭނާ ދޫކޮށްލުމަށް ސަރުކާރުން ހުށަހެޅި ޝަރުޠެެކެވެ.

ކުރީގެ ރައީސު ޖެެނެރަލް ޒިޔާއުއްރަޙްމާންގެ ހުވަފަތް އަނބިކަނބަލުން ޚާލިދާ ޒިޔާ ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލާދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއީ 1991 އިން 1996 އަށް އަދި 2001 އިން 2006 އަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.