ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ފުލުހުންގެ ޚިދުމަތަށް 84 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ފުލުހަކަސް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ފުލުހުންގެ ވަޒީފާގައި ދެމި ހުރުމަކީ އެއަށްވުރެ އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި ފުލުހުންގެ މަސައްކަތަކީ ވަކިކަހަލަ ހިދުމަތަކަށް ބައްޓަންވެފައިވާ މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތާ ނުލައި މުޖްތަމައު އަމާން ވެގެން ނުދާނެ ކަމަށާއި ފުލުހުންގެ ޚިދުމަތަކީ ކޮންމެ މުޖުތަމަޢުއަކަށްވެސް އެންމެ މުހިއްމު އެއް ޚިދުމަތްކަން ފާހަގަކުރައްވައި، ރާއްޖެއަކީ ހަމަޖެހުމާއި މަސްލަހަތު ޤާއިމްކުރެވިފައިވާ ޤައުމެއްކަމަށާއި އެކަމުގެ ހުރިހާ ޝުކުރަކާއި ތަޢުރީފެއް ހައްޤުވާ ބަޔަކީ ފުލުހުން  ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލާމަސީލު މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަމަށާއި ފުލުހުންނާ ހަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާ ޒިންމާދާރުކަމާއެކު ފުލުހުން އުފުލަމުންދާކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތް މިއަދު ޕްރޮފެޝަނަލްވެ ފުލުހުންނަށް ޝަރަފްވެރިކަމާއެކު ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސާބިތުކަން ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އިދާރީ ކަންކަން ހަރުދަނާކުރުމާއި ފުލުހުންނަށް ތަޢުލީމުގެ މަގު ހުޅުވާލާފައިވާކަމަށާއި ސަލާމަތީ ކަންކަން އުގަންނައިދިނުމަށްޓަކައި އާންމުކޮށް ފުރުސަތު ހުޅުވާލުމުގެ އިތުރުން ޒުވާނުންނަށް އުޅުންތެރިކަން ދަސްކޮށްދިނުމަށްތަކައި ބޮޑު މަޝްރޫޢުއެއް ހިންގާކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވަނީ ފުލުހުންގެ ޚިދުމަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުދީން އިއްޔަޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދެއްވާފައެވެ. މި ހަނދާނީ ފިލާ އެމަނިކުފާނުގެ އާއިލާއާ ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުުލް ޤައްޔޫމްއެވެ. ފުލުހުންގެ ޚިދުމަތަށް 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ފުލުހުންނަށް އެކަމުގެ އަގުޒަވަންކުރުމުގެ ގޮތު ހަނދާނީ ފިލާދީފައިވާއިރު މި ފުލުހުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައިސުލްޖުމްހޫރިއްޔާއެވެ.

  މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވުމާއި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލްކުރި ފުލުހުންނަށް ކުލަ ދެއްވާފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ ކުލަ ހާސިލްކުރި ފުލުހުންނަށް ކުލަ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ.

މި ޖަލްސާގައި މިނިސްޓަރަ އޮފް ޕޮލިސް ހޯމް އެފެއަރޒް އާއި ދަޢުލަތުގެ ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެލެއްވިއެވެ. (ޚަބަރު: މޯލްޑިވްސް ޕޮލިސް ސަރވިސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.