ޝިޕިން ކުންފުންޏެއް އުފައްދައި ރާއްޖެއިން އަނެއްކާވެސް އެ ސިނާޢަތުގެ ތެރެއަށް ވަދެއްޖެ  

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ނަމުގައި ޝިޕިން ކުންފުންޏެއް އުފައްދައި ޝިޕިން އިންޑަސްޓްރީއަށް ރާއްޖެއިން އަނެއްކާވެސް ވަދެފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ހަވީރު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން އޮތުމުގެ ބަދަލުގައި އާ ކަންތައްތަކެއް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި ރާއްޖޭގައި އުފެއްދެވި ޝިޕިން ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެކުންފުނީގެ ފުރަތަމަ ބޯޓް މިމަހު 30 ގައި މުދާ ހިފައިގެން މާލެއަށް ބަނދަރު ކުރާނެއެވެ.

"ޝިޕިން ސިނާޢަތް ކުރިއެރުވުމުގެ މަސައްކަތް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން ކުރިއަށް އެދަނީ. ފުރަތަމަ ބޯޓް މިމަހު ތިރީހުގައި ރާއްޖެ އަންނާނެ. އިރާދަކުރެއްވިއްޔާ އެއާއެކީގައި އެކަމަށް އިންވެސްޓްކޮށް އަނެއްކާވެސް ރާއްޖޭގައި ކުރިން އޮތް ޝިޕިންގެ ފަޚްރުވެރި ތާރީޚް އަނބުރާ ގެނައުމަށް މަސައްކަތް ކުރާނަން" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމްއެންއެސްއެލް އަކީ ރާއްޖޭގައި ކުރިން ޝިޕިންގެ ޚިދުމަތް ދެމުން ދިޔައ ކުންފުނެވެ. ކުރިން ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ޝިޕިން ގެ ޚިދުމަތް ދީފައިއެވެ.

މިހާރު ރާއްޖޭގެ އިޤްތިޞާދުގެ 80 އިންސައްތަ ބަރޯސާ ވެފައި ވަނީ ޓޫރިޒަމްކަމަށް ވާއިރި ރާއްޖޭގައި އެހެން ސިނާޢަތަތައް ކުރިއރުވުމަށް އިންވެސްޓްކުރަންޖެހޭ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ދަނޑުވެރިކަމާއި މަސްވެރިކަމަށް އިންވެސްޓްކުރަން ނިންމައިފައި އޮތް މިންވަރު މިސަރުކާރުގެ މެނިފެސްޓޯ ބަލާލުމުންވެސް    ހާމަވާނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް ބާނާ މަސް އެކީ ރައްކާކުރެވޭވަރުގެ ކެޕޭސިޓީ ޤާއިމްކުރުމަށް މިއަހަރަށް ބަޖެޓް ކޮށްފައިވާކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ރަނގަޅަށް މަސައްކަތް ގެންދެވޭނަމަ ފެލިވަރާއި ކޫއްޑޫގައި  އަށްހާސް ޓަނު މަސް ރައްކާކުރެވޭނެ ކެޕޭސިޓީ މިއަހަރު ތެރޭގައި ޤާއިމް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

"މިހާރު މަހުގެ އަގު ކަނޑައަޅަނީ ބޭރުގެ ފަރާތްތަކުން. އަޅުގަނޑުމެންނަށް މަސް ރައްކާ ކުރެވިއްޖިއްޔާ މީގެ އަގު ހިފެހެއްޓޭނެ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެ މިއަހަރުތެރޭ ކުރާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދަނޑުވެރިކަން ފުޅާކުރުމަށް ވެސް މިއަހަރަށް ބަޖެޓް ކުރެވިފައިވާކަން ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިހާރު ސަރުކާރުން ތަޢާރަފް ކޮށްފައިވާ އިކޮނިމިކް ޕެކޭޖްގެ އިތުރުން ދަނޑުވެރިކަމަށް ޚާއްޞަ ޕެކޭޖެއް ރާއްވަވައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެ ޕެކޭޖްގެ ތަފްޞީލް ފަހުން ހާމަކުރައްވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.