ކާބުލްގައި ހުންނަ ސިކުން އަޅުކަންކުރާ މަރުކަޒަކަށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީފި

މިއަދު ހަމަލާދިން ހިސާބުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ސިކުންގެ ދީނީ މަރުކަޒަކަށް ކޮންބައެއް ކަން ނޭނގޭ ހަތިޔާރު އެޅިބަޔަކު ބަޑިއާއި ބޮމުން ހަމަލާދީފިއެވެ. އެ މަރުކަޒުގައި ބަޔަކު އަޅުކަންކުރަން ތިއްބާ ދިން މި ހަމަލާގައި 25 މީހަކު މަރުވެފައި ވެއެވެ.

އަފްޣާނިސްތާނުގެ އިންޓީރިޔާ މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، ފުލުހުން މިހާރު އެ ގްރްދުވާރާ (ގުރްދުވާރާއަަކީ ސިކުންގެ އަޅުކަންކުރާ ތަންތަން) ކައިރީގައި ހަަރަކާތްތެރިވާއިރު، އަދިވެސް އެެތުނުގައި ބަޑިޖަހަމުން އެބަދެއެވެ.

އަފްޣާނިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ސިކް މެންބަރެއް ކަމުގައިވާ ނަރިންދްރަ ސިންގް ކާސްލާ ވިދާޅުވި ގޮތުގައި ހަމަލާދިން އިރު އޭނާ ހުންނެވީ އެ މަރުކަޒުގެ ކައިރީގައެވެ. އަދި 4 މީހަކު މަރުވިކަން އޭނާއަށް ކަށަވަރު ކުރެއްވެއެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އަޅުކަންކުރާ މަރުކަޒުގެ ތެރެއަށް ވަދެގަތީ ހަތިޔާރުއެޅި ތިން މީހުންނެވެ. އެމީހުން ހަމާދޭން ފެށިއިރު އަޅުކަން ކުރާތަން އޮތީ ފުރިބާރުވެފައެެވެ. އަދި އެ ވަގުތު އެތަނުގައި 150 މީހުން ތިބޭނެކަމަށް ލަފާކުރެވެއެވެ.

މިހަމަލާގެ ޒިންމާ އުފުލާފައިވަނީ އިސްލާމިކް ސްޓޭޓް (އައިސިސް) އިންނެވެ. އިސްލާމިކް ސްޓޭޓާ ގުޅޭ ޖަމާއަތަކުން ވަނީ މި މަހުގެ ކުރީކޮޅު ކާބުލްގައި ޝީޢާއިން މަރުކަޒަކަށް ހަމަލާދީ 32 މީހުން މަރާާލުމުގެ ޒިންމާ އުފުލާފައިވާކަން ވެސް ފާހަގަކޮށްލަންެޖެހެއެވެ.

އަފްޣާނިސްތާނުގައި ސިކުންގެ އަދަދު ވަރަށް މަދެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި އުޅެނީ ސިކުންގެ 300 އެއްހާ އާއިލާއެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ތަނަށް ވަން ހަތިޔާރުއެޅި ތިން މީހުނަ މަރާލައި ތަނުގައި ތިބި މީހުން  ސަލާމަތްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.