ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުއްލި ބޮޑެތި ބަދަލުތައް އަބަދުވެސް އަންނަނީ ބޮޑު ވިޔަފާރިވެރިޔަކު ރުޅި އައީމައެވެ. ނުވަތަ އާއްމު ބަހުރުވައިން ނަމަ އެފަދަ ވިޔަފާރިވެރިޔަކާ ސަރުކާރުން "ކުޅެލީ"މައެވެ. މިހާރު ފެންނަ މަންޒަރަކީވެސް އެފަދަ ކަންތައްތަކެއްގެ ނަތީޖާއެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ ގާސީމް އިބްރާހީމްގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމާއެކު ކުއްލިއަކަށް ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލު ވެގެން ހިނގައްޖެއެވެ. ގާސީމް ވިދާޅުވާ ގޮތުގައި އޭނާ ސަރުކާރަށް ދައްކަވްނަ ޖެހޭ "ބޮޑުލާރިއެއް"ވެސް ނެތެވެ. އަނެއްކޮޅުން ސަރުކާރުން ހާމަ ކުރާ ގޮތުގައި އޭނާ ދައްކަވަން ޖެހޭ އެތައް މިލިއަން ޑޮލަރެއް ދައްކަވާ އެބަހުއްޓެވެ.
ކުއްލިއަކަށް ވަރުގަދަ ލޮޅުމެއް އެރި އަނެއް ވިޔަފާރިވެރިއަކީ ޔޮޓް ޓުއަރސްގެ ވެރިޔާ ޢަބްދުﷲ ޖާބިރެވެ. އޭނާގެ އެކައުންޓުތައްވެސް މީރާއިން ވަނީ ހިފަހައްޓާއިފައެވެ. ސަބަބަކީ މީރާއަށް އޭނާ ދައްކަން ޖެހޭ ފައިސާ ނުދައްކަވައި ގިނަ ދުވަސް ވުމެވެ.
ގާސިމް އިބްރާހީމަށް ބަލާ ނަމަ ސަރުކާރުން އޭނާޔާ ދެކޮޅުވެރިވާން ޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށް ބެލެވިދާނެއެވެ. އެކަމަކު ޢަބްދުﷲ ޖާބިރަކީ އޭނާގެ އެކައުންޓުތައް ހިފަހައްޓަންދެން ސަރުކާރަށް ސަނާ ވިދާޅު ވަމުން ގެންދެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޔާމީންފަދަ ގާބިލު ބޭފުޅަކު ނެތް ކަމަށް ވިދާޅުވެ، ސަރުކާރާ ދެކޮޅު ހަދާ ކޮންމެ މީހަކީ ޚިޔާނާތްތެރިއެއް ކަމަށް ސިފަ ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި ޢަބްދުﷲ ޖާބިރުގެ އެކައުންޓުތައް ހިހަފަހައްޓާން މީރާއަށް އަޖުބޫރިވީ އެތައް ސަބެއް އެބަހުއްޓެވެ. ޢަބްދުﷲ ޖާާބިރުގެ ބައެއް ރަސްރަށުގެ މައްސަލަ މިހާރުވެސް ވަނީ މައްސަލަތަކެއްގެ ތެރޭގައި ކަމަށް ސަރުރާކުން ހާމަ ކުރެއެވެ.
މައްސަލަ ޖެހިފައިވާ އެއް ރަށަކީ ވ. ބޮޑުމޮހޮރާއެވެ. މި ރަށް ޖާބުރަށް ލިބިވަޑައިގަތީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރުވެ ވެރިން ރުއްސަވަން އޭނާ ކުރެއްވި މަސައްކަތުންނެވެ. ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި ބޮޑުމޮހޮރާއަކީ 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުން މެރިކަލްޗަރ ގެ މަސައްކަތް ކުރަމުން އައި ރަށެކެވެ. އެއީ ވަރަށް ބޮޑު ރަށެކެވެ. ފަތުރުވެރިކަމަށް ވަރަށް އެކަށޭނެ، ބިމާއި ފަޅު ބޮޑު ރަށެކެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 16 އޮކްޓޯބަރު 2011 ގައި އޭރުގެ ނޭޝަނަލް ޕްލޭނިންގ ކައުންސިލުން، މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ބޮޑުމޮހޮރާ ކުއްޔަށް ދޭން ނިންމި ކަމަށް އަންގައި ސިޓީއެއް ފޮނުވިއެވެ. މިކަން ގަބޫލުކޮށް އެ ކުންފުނިން، ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ސިޓީއެއް ފޮނުވީ 14 ނޮވެމްބަރު 2011 ގައެވެ.
ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި މިފަދަ ލިޔުމަކުން ބޮޑުމޮހޮރާ ކުއްޔަށް ދޫކުރި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުނެއް ލިޔެ އެކަށައަޅާފައެއް ނެތެވެ. މިކަން ސަރުކާރުން ފާހަގަ ކުރުމުގެ ކުރިން 2012 ވަަނަަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމެއް އޮތެވެ. އެ ހުކުމުގައި އަމުރުކޮށްފައިވަނީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާއި، ދިވެހި ސަރުކާރާ ދެމެދު ބޮޑުމޮހޮރާ ކުއްޔަށް ދޫކުރަން އެއްބަސްވުމެއްގައި ސޮއި ކުރާށެވެ. މި ހުކުމަށް ތަބާ ވުމުގެ ގޮތުން 2014 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި، މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހޭތީ ސަރުކާރުން އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ނިންމީ ތަފާތު ގޮތަކަށެވެ. ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި މި މައްސަލައިގެ ނިންމުމަށް ވާސިލުވާން ސުޕްރީމް ކޯޓުން ބައެއް ނުކުތާތައް ފާހަގަ ކުރިއެވެ.
ފުރުތަމަ ނުކުތާއަކީ އެ ރަށް ކުއްޔަށް ދޫކުރި އިރު، އެކަމަށް އެކަށައެޅި ސައްހަ އެއްބަސްވުމެއް ލިޔުމުން ފެންނާން ނެތުމެވެ. ދެވަަނަ ނުކުތާއަކީ އެފަދަ އެއްބަސްވުމެއް ނެތީސް، އެއްބަސްވުމެއް އެކަށައަޅާން ސަރުކާރަށް ލާޒިމުވާ ގޮތަށް ޝަރުޢީ އަމުރެއް ކުރުމުގެ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތުމެވެ. ތިންވަނަ ނުކުތާއަކީ އެފަދަ އެއްބަސްވުމެއް އެކަށައަޅައިފިނަމަ، އެއީ ޓޫރިޒަމް ގާނޫނުގެ ދަށުން ބާތިލު އެއބަސްވުމަކަށް ވާނެކަމެވެ. ހަތަރުވަނަ ނުކުތާއަކީ ބޮޑުމޮހޮރާ ކުއްޔަށް ދިނުމާއި، ނުދިނުމުގެ ފުރިހަމަ އިޚުތިޔާރު ސަރުކާރަށް ލިބިފައި އޮތުމެވެ.
ސުޕްރީމް ކޯޓުގެ މިލަފަޔާ އެކު ސަރުކާާރުން ނިންމީ ބޮޑުމޮހޮރާ ކުއްޔަށް ނުދޭން ކަމަށް ސަރުކާރުން ހާމަ ކުރެއެވެ. އެޔާއެކު 21 ޖެނުއަރީ 2014 ގައި ބޮޑުމޮހޮރާ އިންވެސްޓްމަންޓް އުވާލައި، ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ދެމެދު ވެވުނު އެއްބަސްވުން އުވައިލީއެވެ. ބޮޑުމޮހޮރާގެ މައްސަލައިގައި އެ ކުންފުންޏަށް ސަރުކާރުން އެއްވެސް މިންވަރަކަށް ފައިސާ ދޭން ޖެހިފައިވާ ނަމަ އެ ފައިސާ ލިބޭނޭ ކަމަށް 5 މާޗް 2017 ގައި ޓޫރިޒަމް މިނިސްޓްރީން އެ ކުންފުންޏަށް ލިޔުމަކުން އެންގިއެވެ.
ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި އެހެން ވިޔަފާރިވެރިްނނެކޭ އެއްފަދައިން، ޢަބްދުﷲ ޖާބިރަށްވެސް ސަރުކާރުން ދެވެން އޮތް ލުޔެއް އަބަދުވެސް ދެއެވެ. މިސާލަކަށް ގދ. ވަތަވައްރެހާގެ މައްސަލައިގައި ސަރުކާރުން ދީފައިވާ ލުއިތައް ފާހަގަ ކުރެވެއެވެ. މިއީ 26 ޖޫން 2006 ގައި ޔޮޓް ޓުއަރސް އަށް ލިބުނު ރަށެކެވެ. މިރަށް ނުހެދި ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު މި ސަރުކާރުން ވަނީ ރަށް ހަދައި ނިންމަން ދީފައިވާ މުއްދަތު އިރުތުކޮށް ދީފައެވެ. 30 މޭ 2013 ގައި ސޮއިކުރި ތިން ވަނަ އެޑެންޑަމްގެ ދަށުން އެ މުއްދަތު އިތުރު ކޮށް ދިނީ 2016 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ. އޭގެ ފަހުން މި ހިނގާ މާޗްމަހުގެ 8 ވަނަ ދުވަހު އަނެއްކާވެސް ކުއްޔާއި ޢިމާރާތްކުރުމުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށް ދިނެވެ. އެއީ 30 މޭ 2017 ގެ ނިޔަލަށެވެ.
ޢަބްދުﷲ ޖާބިރާއި ސަރުކާރާ ދެމެދު ވެވުނު އެހެން އެއްބަސްވުމެއްވެސް ސަރުކާރުން ވަނީ އުވާލައިފައެވެ. ކ. ތޮޅިމާހުރާގެ އެއްބަސްވުމެވެ. ޖޭ ލެގޫން ފަޅަކީ ތޮޅިމާހުރާ ނަމަކަށް ކިޔާ ރަށެއް ކަމަށް ބަލައިގެން ޖާބިރަށް ކުއްޔަށް ދިން ފަޅެކެވެ. އެ ފަޅު ޖާބިރަށް ދީ، އެއްބަސްވުމުގައި ސޮއި ކުރި ފަހުން އެނގުނު ގޮތުގައި އެއީ ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ޔުނިވަރސަލް އެންޓަރޕްރައިޒަސް އަށް ކުރިން ދީފައި އޮތް ފަޅެކެވެ. ސަރުކާރުން ތޮޅިމާހުރާގެ އެއްބަސްވުން ބާތިލު ކުރުމުން ޖޭ ހޮޓެލްސްއއިން ދިޔައީ ކޯޓަށެވެ. މިއީ ސަރުކާރުންވެސް ކުރެވުނު ނޭދެވޭ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ ސަރުކާރުން ޖޭ ހޮޓެލްސްއާ ވާހަކަ ދެއްކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރާށެވެ. ޖޭ ހޮޓެލްސް ގެ ފަރާތުން އެ ގޮތާ ރުހުމުން، އެރަށުގެ ބަދަލުގައި ޖާބިރަށް ސަރުކާރުން ކ. އަތޮޅު ފަޅު ޖާބިރަށް ކުއްޔަށް ދިނީއެވެ.
މި ހުރިހައި ކަމަކާއެކުވެސް ޖާބިރުވަނީ މިރާއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކަވައި ކަމަށް ސަރުކާރުން ހާމަ ކުރެއެވެ. އޭގެ ތެރޭގައި ހއ. ބީނާފުށިން ދައްކަން ޖެހޭ 2.9 މިލިއަން ޑޮލަރު ހިމެނެއެވެ.
މި ރަށާއި އެރަށުގެ ކައިރީގައި އޮތް ކަނޑާލިފިނޮޅަކީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔޮޓްޓުއާސް އަށް ކުއްޔަށް ދޫކުރި ރަށެކެވެ. މިރަށް ކުއްޔަށް ދިން ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށްހަމައަށް ލީސް ރެންޓުގެ ގޮތުގައި 2.9 މިލިއަން ޑޮލަރު ދައްކާފައިނުވާ ކަމަށް މީރާގެ ރެކޯޑްތަކުން ދައްކައެވެ. މިހެންވެ ރައީސްޖުމުހޫރިއްޔާގެ އޮފީހުގެ ލަފާދީގެން އެރަށުގެ އެގްރީމަންޓް ބާތިލްކުރިއެވެ. މި މައްސަލަ ޖާބިރުގެ ފަރާތުން ކޯޓަށް ހުށަހެޅުން ކޯޓުން ނިންމާފައިވަނީ ރަށް އަތުލީ ރަނގަޅަށް ކަމަށެވެ. ބީނާފުށީގެ ކުއްޔާއި ޖޫރިމަނާ ނުދައްކާތީވެ މީރާއިން ޔޮޓްޓުވާސްގެ އެކައުންޓްތައް އެންމެ ފުރަތަމަ ފްރީޒްކުރީ މެއި 2015 ގައެވެ. އޭގެ ފަހުން އޮގަސްޓް މަހު އެކައުންޓްތައް ދޫކޮށްލި ނަމަވެސް މިމައްސަލާގައި ދެ ވަނަ ފަހަރަށް އެކައުންޓް ފްރީޒްކުރީ މި ހަފުތާގައެވެ.
ހއ. އަލިދޫ އަކީ ވެސް ޔޮޓްޓުވާސްއިން ހިންގި ރިސޯޓެކެވެ. ނަމަވެސް މި ރަށުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި މިހާތަނަށް ސަރުކާރަށް ނުދައްކާ 27 މިލިއަން ޑޮލަރު އެބައޮތެވެ. ޖާބިރުގެ ދައްކަވާ މައިގަނޑު ވާހަކަފުޅަކީ 2014 ވަނަ އަހަރު އެރަށް ލިބުނު ގެއްލުންތަކާހުރެ ރިސޯޓް ބަންދުކޮށްފައިވާތީވެ އެމުއްދަތުގައި ފައިސާ ދެއްކެންނެތް ކަމަށެވެ. މިއަދާ ހަމައަށް ނުހުޅުވާ އޮތް ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ މިހާތަނަށް ކޯޓަށް ހުށަހެޅި އެއްވެސް ދައުވާއެއްގައި އަސާސެއްނެތުމުން ކާމިޔާބުވާގޮތްވަނީ ނުވެފައެވެ. އޭގެ ތެރޭގައި ރިސޯޓް ބަންދުކޮށްފައި އޮތް މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ކޯޓު އަމުރެއް ނެރެދޭން އެދުނު އެދުމާއި އިންޝުއަރެންސް ކުންފުންޏާ ދެކޮޅަށް ކުރި ދައުވާވެސް ހިމެނެއެވެ.