ފުލުހުންގެ އަރުޝީފު ރަސްމީކޮށް ހުޅުވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތާރީޚީ މަޢުލޫމާތުތަކާއި ފޮޓޯޓައް ފުލުހުންގެ ވިއުގަ މެދުވެރިކޮށް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ފުލުހުންގެ އަރުޝީފު ރަސްމީގޮތުން އިފްތިތާޙްކުރުމަށާއި އެންމެ ރަނގަޅަށް ލިޔެކިޔުންތައް  ބެލެހެއްޓި މުއައްސަސާއަށް ޤައުމީ އަރުޝީފުންދޭ އެވޯޑް ހަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފުލުހުންގެ އަރުޝީފު އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުއެވެ.

މިރަސްމިއްޔާތުގައި ނޭޝަނަލް އާކައިވްގެ ޑިރެކްޓަރ ޖެނެރެލް އަލްފާޟިލް މުޙައްމަދު ޝާތިރު އާއި އެތަނުގެ އެހެނިހެން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި، އެންމެ ރަނގަޅަށް ލިޔެކިޔުން ބެލެހެއްޓި މުއައްސަސާއަކަށް ޤައުމީ އަރުޝީފުންދޭ އެވޯރޑް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްދެއްވީ ނޭޝަނަލް އާކައިވްގެ ޑިރެކްޓަރ ޖެނެރެލް އަލްފާޟިލް މުޙައްމަދު ޝާތިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިއެވޯޑާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުއެވެ.

އެވޯޑް ހަވާލުކޮށްދެއްވުމަށްފަހު ނޭޝަނަލް އާކައިވްގެ ޑިރެކްޓަރ ޖެނެރެލް އަލްފާޟިލް މުޙައްމަދު ޝާތިރު ދެއްކެވި ވާހަކަފުޅުގައި އެއްވަނަ މުއައްސަސާ ހޮވުމުގައި ބެއްލެވި ކަންތައްތައް ފާހަގަކުރެއްވިއެވެ. އަދި ދަޢުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ރަނގަޅަށް ތާރީޚާއި ލިޔެކިޔުންތައް ބެލެހެއްޓި މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހޮވިފައިވަނީ ހަފްތާގެ ހަތްދުވަހު 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވަމުންކަންވެސް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ ޑިޕާރޓްމަންޓަކާއި އަތޮޅުތެރޭގައި ހިމެނޭ ހުރިހާ ޕޮލިސް ސްޓޭޝަންތަކެއް އެއްވިއުގައަކުން ގުޅާލައި ފުލުހުންގެ ރަސްމީ ރެކޯރޑްތައް ބަލަހައްޓަމުން ގެންދަނީ ފުލުހުންގެ ވިއުގައިގަ ހިމެނޭ 'ޕިމްސް' ނުވަތަ ޕޮލިސް އިންފޮރމޭޝަން މެނޭޖްމަންޓް ސިސްޓަމް' ގަ އެހީގައެވެ.

އަދި މިއަދު ލޯންޗުކުރި ފުލުހުންގެ އަރުޝީފަކީ ފުލުހުންގެ ތާރީޚާއި ފޮޓޯ މިވިއުގައިގަ ރައްކާކޮށް ބެލެހެއްޓުމަށް ޕޮލިސް އިންފޮރމޭޝަން މެނޭޖްމަންޓް ސިސްޓަމަށް އަލަށް އިތުރުވި ބަޔެކެވެ. ފުލުހުންގެ އަރުޝީފު ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކްއެފެއަރޒް ޑިޕާރޓްމަންޓްގެ ދަށުން ހިނގަމުން އަންނަ ޕޮލިސް ހެރިޓޭޖް ސެންޓަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.