ކޮވިޑް- 19: ޓޯކިޔޯ އޮލިމްޕިކް ގޭމްސް 2021 އަށް ފަސްކޮށްފި

މިއަހަރު ޖޫން މަހު ޖަޕާނުގެ ޓޯކިޔޯގައި ބާއްވަން ހަމަޖެހިފައި އޮތް އޮލިމްޕިކްސް ކުޅިވަރު މުބާރާތް އެއް އަހަރު ދުވަހަށް ފަސްކޮށް، 2021 ވަނަ އަހަރު ބާއްވަން ނިންމައިފިއެވެ.  މި ނިންމުން އިއުލާންކޮށްފައި ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އޯއައިސީ) ގެ ރައީސު ތޯމަސް ބާކްއާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އާބޭ ވިދާޅުވިގޮތުގައި، ޖަޕާނާއި އޯއައިސީގެ އަމާޒަކީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އޮލިމްޕިކްސްއާއ ޕެރެލިމްޕިކްސް ބޭއްވުމެވެ.

މިއީ 124 އަހަރުގެ ތާރީޚެއް އޮތް ޒަމާނީ އޮލިމްޕިކް ގޭމްސް ކަނޑައެޅި ތާރީޚަށް ނުބޭއްވި ފަސްކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރު އާބޭ ވިދާޅުވީ އޮލިމްޕިކްސް މުބާރާތް މުޅިން ކެންސަލްކޮށްލުމަކީ ކުރެވޭނޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އަހަރެއްހާ ދުވަހަށް ލަސްކޮށްލަން ނިންމީ ކަމުގައެެވެ.

އޮލިމްޕިކްސް ލަސްކޮށްލުން ވެގެން ދާނީ ޖަޕާނަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށެވެ. އެކަމުގެ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ އަސަރު ވަރަށް ބޮޑުވާނެކަމަށް ބެލެވެއެވެ.

ފަހުވަގުތާ ޖެހެންދެން ވެސް ޖަޕާނުން ބުނަމުން އައިސްފައި ވަނީ ކަނޑައެޅިފައިވާ ތާރީޚުގައި އޮލިމްޕިކްސް ބާއްވާނެ ކަމުގައެވެ. އެހެންނަމަވެސް، ހަލުވިމިނުގައި ކޮރޯނާ ވައިރަސް (ކޮވިޑް- 19) ފެތުރެމުން ދާތީބައެއް ގައުމުތަކުން ކުޅިވަރުތަކުގައި ބައިވެރިނުވާނެކަމަށް ބުނުމާއި، ކުޅުންތެރިންނާއި، ކުޅިވަރު ޖަމްއިއްޔާތަކުން އޮލިމްޕިކްސް ފަސްކުރުމަށް ގޮވާލަމުން ދިއުމުގެ ސަބަބުން، މުބާރާތް ލަސްކުރަން ޖަޕާނަށް މަޖުބޫރުވީއެވެ.

ޓޯކިޔޯ އޮލިމްޕިކްްސްއަށް ތައްޔާރުުވުމަށް ޖަޕާނުން ވަނީ 12.6 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެެެެވެ. އާ ސްޓޭޑިއަމާއި، އޮލިމްޕިކް ވިލެޖާއި، ރޭލްވޭއާއި މަގުތައް ހަދާފައި ވެއެވެ. އެއް އަހަރު ދުވަހަށް މި މުބާރާތް ފަސްކުރުމަކީ ޖަޕާނަށް އެތައް ބިލިއަން ޑޮލަރު ގެއްލުންވާނެ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.